އަބޫބަކުރުގެފާނު: އުންމަތަށް ކެތްތެރިކަމާ ދީލަތިކަމާ ރިވެތި އަޚްލާޤުގެ ލާމަސީލު ނަމޫނާ ދައްކަވައި ދެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 50ސ
އަބޫބަކުރުގެފާނު: އުންމަތަށް ކެތްތެރިކަމާ ދީލަތިކަމާ ރިވެތި އަޚްލާޤުގެ ލާމަސީލު ނަމޫނާ ދައްކަވައި ދެއްވެވި!

އަބޫބަކުރު رضي الله عنه އަކީ ކީރިތި ރަސޫލާ محمد صلى الله عليه وسلم އަށް ފަހު އިސްލާމީ ތާރީޚުގެ ފުރަތަމަ ޚަލީފާއެވެ. އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ އަބްދުﷲ ބިން އަބޫ ޣުހަފާ އުޘްމާން ބިން އާމިރު އަލް ޤުރައިޝީ އަލް ތައިމީއެވެ. އަބޫބަކުރުގެފާނު އުފަންވެވަޑައިގެންނެވީ 573 ވަނަ އަހަރު މައްކާއަށެވެ. އެކަލޭގެފާނުގެ މަންމާފުޅު، ސަލްމާ ބިންތި ސަޚަރު އަދި ބައްޕާފުޅު، އުޘްމާން އަބޫ ޣުހަފާވެސް އިސްލާމްދީން ޤަބޫލުކުރެއްވިއެވެ.  

އުމުރުފުޅުން 18 އަހަރުގައި އަބޫބަކުރުގެފާނު ވިޔަފާރީގެ ދާއިރާއަށް ނިކުންނެވިއެވެ. ފޭރާމުގެ މުދާވެރިއެއްގެ ގޮތުގައިއެވެ. އެއީ އާއިލީ ވިޔަފާރިއެކެވެ. އަބޫބަކުރުގެފާނުވަނީ ވިޔަފާރީގެ އެކި އެކި ދަތުރުފުޅުތަކުގައި އަރަބިކަރައިގެ ވަރަށް ގިނަ ޤައުމުތަކަށް ވަޑައިގެންފައިއެވެ. 

އޭރު އަބޫބަކުރުގެފާނުގެ ބައްޕާފުޅު ދުނިޔޭގައި ހުންނެވިއިރުވެސް، ސިޔާސީ ރޮނގުންނާއި، ވިޔަފާރީގެ ދާއިރާއިންނާއި، އަރަބި ޤަބީލާތަކުގެ ތާރީޚާއި ގުޅޭގޮތުން ލިބިވަޑައިގެންހުންނެވި މަޢުލޫމާތުގެ ސަބަބުންނާއި، އެކަލޭގެފާނުގެ ހިތްހެޔޮކަމާއި އެހެނިހެން ރަނގަޅު ސިފަތަކުގެ ސަބަބުން، އެކަލޭގެފާނުގެ ޤަބީލާގެ އިސްވެރިޔާގެ މަޤާމު ލިބިވަޑައިގަތެވެ.  

އަބޫބަކުރުގެފާނަކީ ރިވެތި އަޚުލާޤާއި ސުލޫކުގެ ފުރިހަމަ މިސާލެކެވެ. އިސްލާމްދީން ޤަބޫލުކުރެއްވުމުގެ ކުރިންވެސް އެކަލޭގެފާނު ބަނގުރާފަދަ އެއްވެސް އެއްޗެއް ބޭނުމެއްނުކުރައްވައެވެ. ބުދަށް އަޅުކަންކުރުމުގައިވެސް އެކަލޭގެފާނު ބައިވެރިވެވަޑައެއްނުގަންނަވައެވެ. 

އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރެއްވި ބޭފުޅުންގެ ތެރޭގައި އަބޫބަކުރުގެފާނު ހިމެނިވަޑައިގަންނަވައެވެ. އަބޫބަކުރުގެފާނަކީ ކީރިތި ރަސޫލާ محمد صلى الله عليه وسلم ގެ ވަރަށް އަރިސް ބޭފުޅެކެވެ. އެކަލޭގެފާނުގެ ތެދުވެރިކަމާއި، މާތްކަމާއި، ހިތްތިރިކަން އަބޫބަކުރުގެފާނަށް އެނގިލައްވައެވެ. އެހެންކަމުން، މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ވަޙީ ބަސްފުޅު މީސްތަކުންނަށް ފެތުރެއްވުމުގައި އެކަލޭގެފާނު އިތުރުފުޅުނުހައްދަވާނެކަމުގެ އިތުބާރުކުރެއްވުމާއިއެކު، އެއްވެސް ޝައްކަކާއިނުލާ އިސްލާމްދީން ޤަބޫލުކުރެއްވިއެވެ.  

އަބޫބަކުރުގެފާނު އިސްލާމްދީން ޤަބޫލުކުރެއްވުމުން ކީރިތި ރަސޫލާ محمد صلى الله عليه وسلم އަށް  ވަރަށް ބޮޑު އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވިއެވެ. އަދި އެއީ އީސްލާމްދީނަށްވެސް ލިބިގެންދިޔަ ވަރަށް މުހިއްމު ނަޞްރެކެވެ. އެއީ އަބޫބަކުރުގެފާނަށް، އެކަލޭގެފާނުގެ ރިވެތި ޚުލްޤާއި ސިފަތަކުގެ ސަބަބުން ޤުރައިޝުންގެ މެދުގައި ހާއްސަ މަޤާމެއް ދެވިފައިވާތީއެވެ.  

އަބޫބަކުރު رضي الله عنه އަބަދުވެސް ވަނީ ބުދަށް އަޅުކަންކުރުމުގެ އާދަތަކާމެދު ނުރުހުންވުންފާޅުކުރައްވައިފައެވެ. އަދި އިސްލާމްދީން ޤަބޫލުކުރެއްވުމަށްފަހު، ދީނަށް ގޮވާލެއްވުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް އަދާކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން، އުޘްމާން ބިން އައްފާން رضي الله عنه، އަބްދުއްރަޙްމާން ބިން އައުފް رضي الله عنه، ޠަލްޙާ ބިން އުބައިދިﷲ رضي الله عنه، ސާދު ބިން އަބީ ވައްޤާޞް رضي الله عنه، އަލް ޒުބައިރު ބިން އަލް އައްވާމު رضي الله عنه އަދި އުބައިދާ ބިން އަލް ޖައްރާޙް رضي الله عنه އިސްލާމްދީނަށް ވަދެވަޑައިގެންނެވިއެވެ.  

އަބޫބަކުރު رضي الله عنه އަށް ވަނީ "އައް ޞިއްދީޤު" ނުވަތަ "ތެދުވެރިޔާ" ގެ ލަޤަބު ލިބިވަޑައިގެންފައިއެވެ. އަބޫބަކުރުގެފާނަށް މިލަޤަބު ދެއްވެވީ ކީރިތި ރަސޫލާ محمد صلى الله عليه وسلم އެވެ. އެކަލޭގެފާނު މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމަށް ކުރެއްވި ދިގު ދަތުރުގައިވެސް އެކަލޭގެފާނުގެ އަރިހުގައި އަބޫބަކުރުގެފާނު ހުންނެވިއެވެ. ބަދުރު ހަނގުރާމާގައި އާއި އުހުދު ހަނގުރާމާގައިވެސް އަބޫބަކުރުގެފާނު ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.   

އިބުނު އަސާކެރު ވިދާޅުވިއެވެ. އަބޫބަކުރުގެފާނުގެ ދަރިކަލުން، އަބްދުލް ރަޙްމާނު ބަދުރު ހަނގުރާމާގައި ހުންނެވީ މުޝްރިކުންގެ ލަޝްކަރުގައެވެ. އަދި އިސްލާމްދީން ޤަބޫލުކުރެއްވުމަށްފަހު، އަބްދުލް ރަޙްމާނު، އަބޫބަކުރުގެފާނުގެ އަރިހުގައި، ބަދުރު ހަނގުރާމައިގެ ދުވަހު އަބޫބަކުރުގެފާނަށް ހާމަކޮށް ފެނިވަޑައިގަތުމުންވެސް އެކަލޭގެފާނު އަވަހާރަނުކޮށްލާ ދޫކޮށްލިކަމަށް ވިދާޅުވިއެވެ.  

ޖަވާބުގައި އަބޫބަކުރުގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނަށް އަބްދުލް ރަޙްމާން އެދުވަހު ހާމަކޮށް ފެނުންނަމަ ފަސް އެބުރިއެއްނުގެންނެވީމުހެވެ. މިކަމުންވެސް އަހަރެމެންނަށް އެނގިގެންދަނީ މާތްﷲ ޞުބްޙާނަހޫ ވަޠަޢާލާ އަށާއި ކީރިތި ރަސޫލާ محمد صلى الله عليه وسلم އަށް އަބޫބަކުރުގެފާނު ކުރައްވާ އިތުބާރާއި ލޯތްބެވެ.  

سورة المجادلة ގައި މާތްﷲ ވަޙީކުރެއްވިއެވެ. "ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހުން، ﷲ އާއި އެކަލާނގެ ރަސޫލާ އަށް އިދިކޮޅު ހަދާ މީހުންނަށް ލޯބިކޮށް، ގުޅުން ބަހައްޓާ ހަދާތަން ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. އަދި މިބުނާ ދެކޮޅުވެރި މީހުންނަކީ ތިމާމެންގެ ބަފައިން ކަމުގައިވިޔަސް، އަދި ތިމާމެންގެ ދަރިންކަމުގައިވިޔަސް އަދި ތިމާމެންގެ އަޚުންކަމުގައިވިޔަސް އަދި ތިމާމެންގެ ގާތްތިމާގެ މީހުންކަމުގައިވިޔަސް ފަރުވާލެއްނެތެވެ. އެފަދަ މީހުންނަށް ގުޅުން ބަހައްޓާ ލޯބިވެތިކަން ބެހެއްޓުން މުއުމިނުންނަށް ހުއްދަވެގެންނުވެއެވެ. އެހެނީ، މުއުމިނުންނަކީ އެމީހުންގެ ހިތްތަކަށް ﷲ އީމާންކަންދެއްވައި، ޤަދަރުކުރައްވައި، އެކަލާނގެ ޙަޟްރަތުން ނަޞްރުދެއްވާފައިވާ ބައެކެވެ." (58:22) 

އަބޫބަކުރު رضي الله عنه އަކީ ދީލަތިކަމުގެވެސް ލާމަސީލު ނަމޫނާއެކެވެ. އަބޫބަކުރުގެފާނު ވަނީ ވަރަށް ގިނަ އަޅުންވެސް މިނިވަންކުރައްވާފައިއެވެ. އެގޮތުން މިނިވަންކުރެއްވި އެއް އަޅަކީ ބިލާލް އިބުނު ރިބާޙް رضي الله عنه އެވެ.  

ކީރިތި ރަސޫލާ محمد صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމުން، މުސްލިމުންގެ ޚަލީފާކަމަށް އައްޔަންކުރެވުނީ އަބޫބަކުރުގެފާނެވެ. އޭރު އެތައް ސަތޭކާ ބޭކަލުންނެއް ކީރިތި ޤުރުޢާނުގެ މޫރިތި އާޔަތްތައް ހިތުދަސްކޮށްގެން އުޅުއްވިއެވެ. އެހެންނަމަވެސް ކީރިތި ޤުރުޢާން އެއްފޮތެއްގެ ގޮތުގައި އޭރަކު ނުލިޔުއްވައެވެ. ކީރިތި ޤުރުޢާން އެއް ފޮތެއްގެ ގޮތުގައި ލިޔުއްވުމުގެ މަސައްކަތް ފެއްޓެވީ އަބޫބަކުރުގެފާނުގެ ޚަލީފާކަމުގެ ދަށުގައެވެ. އޭރު ހިނގި ބައެއް ހަނގުރާމަ ތަކުގައި ޤުރުޢާނުގެ އާޔަތްތައް ހިތުދަސްކުރައްވައިގެން ހުންނެވި އެތައް ސަޙާބީންނެއް ޝަހީދުވުމުން، ކީރިތި ޤުރުޢާން އެއްކޮށް ނެތިގެން ހިނގައިދާނެކަމުގެ ބިރުހީވެ، ޤުރުޢާން އެއްފޮތެއްގެ ގޮތުގައި ޖަމްޢުކުރެއްވުމަށް އަބޫބަކުރުގެފާނުގެ އަރިހުގައި ޢުމަރު رضي الله عنه ބާރުއެޅުއްވިއެވެ.  

ނަމަވެސް އެއީ ކީރިތި ރަސޫލާ محمد صلى الله عليه وسلم ކުރެއްވި ކަމަކަށް ނުވާތީ އެންމެ ފުރަތަމަ އަބޫބަކުރުގެފާނު އެކަމަށް ފަސްޖެހިވަޑައިގަތެވެ. އެހެންނަމަވެސް ފަހުން އެކަމަށް ޤަބޫލުވެވަޑައިގެން، ޤުރުޢާން ޖަމްޢުކުރުމުގެ މަސައްކަތުގެ ލީޑަރަކަށް ޒައިދު އިބުނު ޘާބިތު رضي الله عنه ހަމަޖެއްސެވިއެވެ. ޒައިދު رضي الله عنه އަކީ އެމަސައްކަތަށް އެންމެ ކުޅަދާނަ ސަޙާބީއެވެ.  

ޒައިދު رضي الله عنه ވަނީ ސީދާ ކީރިތި ރަސޫލާ محمد صلى الله عليه وسلم ގެ އަރިހުން ކީރިތި ޤުރުޢާނުގެ އާޔަތްތައް ދަސްކުރައްވާފައިއެވެ. ޒައިދު رضي الله عنه، ހުރިހާ އާޔަތްތަކެއް ޖަމްޢުކުރައްވާ، އެމަސައްކަތް ނިންމެވުމަށްފަހު އަބޫބަކުރު رضي الله عنه އަށް ފޮތް ހަވާލުކުރެއްވިއެވެ. އަދި އެކަލޭގެފާނު އަވަހާރަވަންދެން  އެފޮތް ބެއްލެވިއެވެ. އަބޫބަކުރުގެފާނަށްފަހު، ޢުމަރު رضي الله عنه ގެ ޚިލާފަތުގައި އެފޮތް ބެއްލެވީ، އެކަލޭގެފާނުގެ ދަރިކަނބަލުން ހަފްސާ رضي الله عنه އެވެ. އެކަމަނާއަކީ ކީރިތި ރަސޫލާ محمد صلى الله عليه وسلم ގެ އަނބިއަނބިކަނބަލެއްވެސްމެއެވެ. އަދި އެއަށްފަހު، އުޘްމާން رضي الله عنه ގެ ޚިލާފަތުގައު ކީރިތި ޤުރުޢާނުގެ ކޮޕީތައް ހައްދަވައި މުސްލިމު ޤައުމުތަކަށް ފޮނުއްވެވިއެވެ.  

އަބޫބަކުރު رضي الله عنه އަވަހާރަވީ 22 ޖުމާދުލް އާޚިރުވީ ހޯމަދުވަހު، 634 ވަނަ އަހަރުގައެވެ. އެކަލޭގެފާނުގެ ޚަލީފާގެ މުއްދަތަކީ 2 އަހަރާއި 3 މަހެވެ. އަބޫބަކުރު رضي الله عنه ވަނީ އިސްލާމްދީނަށްޓަކައި އެތައް ޤުރުބާނީއެއްވެވަޑައިގެންފައެވެ. އަބޫބަކުރުގެފާނަކީ ދުނިޔޭގެ އުފަލާއި އަރާމަށް ފުރަގަސްދެއްވައި، އަބަދުވެސް އާޚިރަތް ކާމިޔާބުކުރައްވަން، ދީލަތިކަމާއި، ރިވެތި އަޚްލާޤާއި، ހިތްތިރިކަމާއިއެކު މަސައްކަތްކުރެއްވި ބޭކަލެކެވެ. އެއީ މުއުމިނުންނަށް ހުރި ލާމަސީލު ނަމޫނާއެކެވެ. އަހަރެމެން ޢިބުރަތް ހާޞިލްކުރަންވީ އެފަދަ ބޭކަލުންގެ ހަޔާތްޕުޅުންނެވެ.  

https://www.islamicfinder.org/knowledge/biography/story-of-abu-bakr-siddiq-ra/      

                  

މިއަދު އޮންލައިން