ފައިދާކުރާނީ ޤިޔާމަތްދުވަހު ހިނގާނެ މިފަދަ ބިރުވެރި ކަންކަމަށް ވިސްނައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ފައިދާކުރާނީ ޤިޔާމަތްދުވަހު ހިނގާނެ މިފަދަ ބިރުވެރި ކަންކަމަށް ވިސްނައިގެން!

ވަރަށް ޝައުޤުވެރިކަމާއިއެކު ގިނަ ބައަކު ސުވާލުކުރެވެ! "ޤިޔާމަތްވާނީ ކޮން ވަޤުތަކުތޯ؟" އެވެ. ޤިޔާމަތްވީމާ ކަންކަން ވާނީ ކިހިނެއްތޯއެވެ؟ އެފަދަ ސުވާލުތައް ކުރާ މީހުންގެ ގާތުގައި ތިބާ މަރުވުމުން ތިބާއަށް ޤިޔާމަތްވީ ކަމަށް ބުނުމަކުން ހިތަކަށް ބިރުވެރިކަމެއް ނުވަދެއެވެ. އެމަޖިލީހުން ތެދުވެގެންގޮސްވެސް ބިރެއް ނެތި ފާފަތައް ކުރެއެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟

ގިނަ ބައަކު އަދިވެސް މިތިބެނީ ޤިޔާމަތްދުވަހާއިމެދު ޣާފިލުވެގެންނެވެ. ޤިޔާމަތްދުވަހުގެ ވާހަކަތައް ކިޔައިދޭނަމަ އަޑުއަހަން ބޭނުން ނުވާ މީހުންވެސް އުޅެއެވެ. ނަމަވެސް އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ޤިޔާމަތްދުވަހާއިމެދު ހިތުގައި ބިރުވެތިކަން އުފެދޭނީ އެއިރުންނެވެ.

ﷲ ތަޢާލާ ވޮޑިގެންވާ ޢަރްޝި އުފައްލަވާނެ މަލާއިކަތުން ތިއްބަލާ ވާހަކަ ބުނީމާ ބައެއް މީހުންނަށް ހީކުރެވެނީ ޢަރުޝި އުފުއްލެވުމަށް ﷲ ތަޢަލާއަށް މަލާއިކަތުންގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ޤިޔާމަތް ދުވަހު ޖިބްރީލްގެފާނާއި ޢަރްޝި އުފުއްލަވާ މަލާއިކަތުންގެ ފުރާނަފުޅުވެސް މަރުގެ މަލާއިކަތާ ހިއްޕަވާނެއެވެ. މަރުގެ މަލާއިކަތާ އަވަހާރަވާނީ އެންމެފަހުންނެވެ. އެކަމަށް ﷲ ތަޢަލާ އަމުރުފުޅު ކުރެއްވެވުމުންނެވެ.

އެއިރު ދިރިދެމިވޮޑިގެންވާނީ ﷲ ތަޢާލާ ގިނިކަންޏާއިއެވެ. އެއީ ދުނިޔޭގައި އުޅުނު ނުބައި ނުލަފާ ޖައްބާރުންނާއި ﷲ ތަޢާލާ ފިޔަވައި އެހެން ކަލާނގެތައް އުފައްދައި އަޅުކަންކުރި މީހުން ކޮބައިތޯ ސުވާލުކުރައްވަވާނެ ވަގުތެވެ. ތިމާމެންނަކީ ކަލުން ކަމަށް ދައުވާކުރި މީހުން ކޮބައިތޯ ސުވާލު ކުރައްވަވާނެ ވަގުތެވެ. ހަމައެކަކަށްވެސް ޖަވާބެއް ނުދެވޭނެއެވެ. މަލާއިކަތް ބޭކަލުންނާއި އިންސާނުންނަށް ދިރުން ދެއްވަވާނީ އެކަންކަމަށްފަހުއެވެ.

މިކަންކަމުން އެނގިގެންދަނީ ﷲ ތަޢާލާ ވޮޑިގެންވާ ޢަރްޝި އުފުއްލަވަން މަލާއިކަތް ބޭކަލުންނަށް ބޭނުންފުޅުވެ ވޮޑިގެން ނުވާ ކަމެވެ. އެއްވެސް ދެވަނަ ފަރާތަކުން އެއްވެސް ކަމަކަށް ﷲ ތައާލާ ބޭނުންފުޅުވެވޮޑިގެން ނުވާ ކަމެވެ.

ﷲ ތަޢާލާގެ ހަޟްރަތުގައި ކަންކަން ހިނގާނެ ގޮތް އެއީ އެއްވެސް މީހެއްގެ ވިސްނުމަށްވެސް ގެނެވޭނެ ކަންކަމެއް ނޫނެވެ. ވީމާ ބޭކާރު ވިސްނުންތައް ވިސްނުން އަވަހަށް ހުއްޓައިލާށެވެ. 50،000 އަހަރުގެ 1 ދުވަސްކަމުގައިވެގެންދާނެ ޤިޔާމަތް ދުވަހު އެކަލާނގެ ހަޟްރަތުގައި ޖަވާބުދާރީ ވުމަށް ގަދައަޅައި މަސައްކަތް ކުރުމުގައި އިތުރަށް ހީވާގިވާށެވެ!

--އިސްލަމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން