ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކާތާގެ އަރިހުގަ ކިތަންމެވަރަކަށް ރޮއިއާދޭސްކުރިޔަސް ފަޅިސިކުންތެއްވެސް ލަސްނުކުރައްވަވާނެ! ސަލާމަތްކަން އޮތީ ތައްޔާރަށް ހުރި މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކާތާގެ އަރިހުގަ ކިތަންމެވަރަކަށް ރޮއިއާދޭސްކުރިޔަސް ފަޅިސިކުންތެއްވެސް ލަސްނުކުރައްވަވާނެ! ސަލާމަތްކަން އޮތީ ތައްޔާރަށް ހުރި މީހަކަށް!

އަހުރެމެންނަށް ކުރާނެ ކަމެއް ކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ނަމަވެސް އެއިގެ ކުރިއަށް ﷲ ތަޢާލާ ވަނީ އަމުރުފުޅުތަކެއް ކުރައްވަވައިފައެވެ. އެއީ ﷲ ތަޢާލާއަށް އީމާންވެ ކިޔަމަންތެރިވުމަށެވެ. ހެޔޮ ޢަމަލުތައް ކުރުމަށެވެ. އާޚިރަތަށް ދާން ތައްޔާރުވެ ހުރުމަށެވެ.  

އެހެނަސް ގިނަ ބައަކު މިކަންކަން ހަނދާނެއް ނުކުރެއެވެ. ދެއްވެވި ވަޤުތުގެ ބޭނުން ހިފަނީ ދުނިޔެ އާރާސްތުކުރުމަށެވެ. ދުނިޔޭގައި އުފަލުގައި އުޅުމަށެވެ. އެކަންކަމުގައި އަވަދިނެތި އުޅެމުން ދަނިކޮށް އެމީހެއްހެ އަހަލު ހަމަވެ ދުނިޔެއިން ނުކުންނަން ޖެހެނީއެވެ.   

އޭނާ އެވަޤުތު ﷲ ތަޢާލާއަށް ދަންނަވާނެ ދެންނެވުމުގެ ވާހަކަވެސް ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. ފުރަތަމަ މި ދެއާޔަތަށް ވިސްނައިލާށެވެ! 

"އަދި ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައުމުގެ ކުރީގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! ފަހެ، (އެހިނދު) އޭނާ ބުނާނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ކައިރި އަޖަލު އަކަށް އިބަރަސްކަލާނގެ މިއަޅާ ފަސްކުރައްވާނެނަމަ ކޮންފަދަތޯއެވެ؟ ފަހެ، އޭރުން ތިމަންއަޅާ ޞަދަޤާތް ކޮށް، ޞާލިޙް އަޅުންގެ ތެރެއިން ވާހުށީމެވެ."

(އަލް މުނާފިޤޫން: 10)

"އަދި اللَّه، އެއްވެސް ނަފަސެއް، އޭގެ އަޖަލު އަންނަހިނދު، ފަހެއް ނުކުރައްވާނެތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

(އަލް މުނާފިޤޫން: 11) 

އޭނާ އެވަޤުތު އެދި ދަންންވްނީ ދުނިޔޭގައި އޭނާކުރަމުން އައި ކަންކަންކޮށް ނިންމައިލުމަށް ވަޤުތު ދެއްވެވުމަކަށް ނޫނެވެ. ވިޔަފާރިން ނުކުރެވިހުރި ކަންކަން ކޮށްލުމަކަށް ނުވަތަ އަޅަން ފަށާއިވާ ގެ އަޅައި ނިންމައިލުމަކަށް އެނޫންވެސް ދުނިޔަވީ އެއްވެސް ކަމެއް ކުރާނެ ވަޤުތަކަށް ނޫނެވެ.  

އޭނާ އެދި ދަންނަވަނީ ޞީލްޙް ޢަމަލުކުރާނެ ވަޤުތަށެވެ. އަޅުކަންކުރާނެ ވަޤުތަށެވެ. ޞަދަޤާތްދޭނެ ވަޤުތަށެވެ. ﷲ ތަޢާލާގެ މަގުގައި އޭނާގެ މުދައުތައް ހޭދަކޮށް ހުސްކޮށްލާނެ ވަޤުތު ދެއްވެވުމަށެވެ. ނަމަވެސް 11 ވަނަ އާޔަތުން އެނގިގެންދަނީ އެމީހާއަށް އެންމެ ހިނދުކޮޅެއްވެސް އިތުރަށް  ނުދެއްވަވާނެ ކަމެވެ.  

ވީމާ ހެޔޮ ޢަމަލުތައް ކުރަންވީ މިއަދުއެވެ. ޞަދަޤާތްކުރަންވީ މިއަދުއެވެ. ބުރުގާއަޅައި އައުރަނިވާކުރަންވީ މިއަދުއެވެ. އެހެންވެސް ހެޔޮ ޢަމަލުތައް ކުރަންވީ މިއަދުއެވެ. މަރުވުމުގެ ވަޤުޖެހި މަލާއިކަތުން އެމީހާގެ ފުރާނަ ހިއްޕަވަން ވަޑައިގަތުމުގެކުރިންނެވެ.

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރިސަކުން

 

މިއަދު އޮންލައިން