މިއީ އެދުވަހެއް ނޫނެވެ. މިއީ މިޒަމާނެވެ! ފަހުޒަމާނެވެ! ބުނެ ކަންކަން ނިންމައެއް ނުލެވޭނެއެވެ. އެދުވަހު އުޅުނު މީހުންވެސް މަސައްކަތްކުރީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބިގަތުމަށެވެ. މިއަދު އަހަރެމެންނަށްވެސް ކުރަންޖެހިފައި މިވަނީ ހަމަ އެއް މަސައްކަތެކެވެ. ވީމާ މިކިޔައިދޭފަދަ ވާހަކަތަކުން ޢިބްރަތް ޙާޞިލްކުރާށެވެ!
ކީރިތި ޤުރްއާނުގެ މިއާޔަތަށް ނިކަން ވިސްނައިބަލާށެވެ! މިއީ ފިރްއަޢުނުގެ އަނބިކަނބަލުން އާސިޔާއަކީ ﷲ ތަޢާލާއަށް އީމާންވެގެން ހުރި މުސްލިމަކުކަން ފިރުއަޢްނަށް އެނގުނުހިނދު އޭނާގެ އަނިޔާވެރިކަން ކުރިމަތިވެވަޑައިގަތުމުން އާސިޔާ ﷲ ތަޢާލާއަށް ދެންނެވި ދެންނެވުމެވެ. މިއީ ޢާދައިގެ ދެންނެވުމެއް ނޫނެވެ! ސުވަރުގެ އިން ގަނޑުވަރަކަށް އެދިވަޑައިގަތުމުގެ ބަދަލުގައި އެ އެދިވަޑައިގަތީ ﷲ ތަޢާލާގެ ޙަޟްރަތުގައި ގަނޑުވަރެއް ބިނާކޮށް ދެއްވެވުމަށެވެ. މާނައަކީ ﷲ ތަޢާލާ އާއި އެންމެ އަރިސްކޮށް ގަނޑުވަރެއް ބިނާކޮށް ދެއްވެވުމެވެ.
"އަދި ފިރުއަޢުނުގެ އަނބިކަނބަލުންގެ ވާހަކައިން އީމާންވި މީހުންނަށް ﷲ، މިސާލެއް ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވި ހިނދުގައެވެ. އަޅުގެ ވެރި ރަސްކަލާކޮ! ތިމަން އަޅާއަށް އިނބަރަސްކަލާނގެ ޙަޟްރަތުގައި، ގެއެއް ބިނާކޮށް ދެއްވަވާނދޭވެ! އަދި ފިރުއަޢްނާއި އޭނާގެ (ނުބައި) ޢަމަލުން މިއަޅާ ސަލާމަތްކޮށްދެއްވަވާނދޭވެ! އަދި އަނިޔާވެރި ޤައުމުގެ މީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވަވާނދޭވެ!" (11-66)
މިއާޔަތުން ޙާޞިލުކުރަންޖެހޭ ޢިބްރަތްތައް ވަރަށް ގިނައެވެ. ފުރަތަމަ ކަމަކީ އެވަރުގެ އީމާންތެރިއަކަށް ވެވިއްޖެ ނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ކޮންމެ ކަމަކަށް ވެސް އެދެވިދާނެ ކަމެވެ. ހަމައެފަދައިން އީމާންތެރިންގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެ ކަމެވެ. ކީރިތި ޤްރްއާނުގައި މިޢާޔަތްއ ބާވަވައިލައްވަވާފައި އެވަނީ އެކަމަށްޓަކައެވެ. އާޔަތް ފަށްޓަވަމުން ވެސް ﷲ ތަޢާލާ ބަޔާން ކުރައްވަވާފައި އެވަނީ އެކަމުގެ ވާހަކައެވެ.
ވާރޭ ވެހުމެއް ނުހުއްޓުވޭނެއެވެ. ނަމަވެސް ވާރެއިން ނުތެމި ތިބެވިދާނެއެވެ. އެކަމަށް ބޭނުންވަނީ ހިޔާވަހި ކަމެކެވެ. ހަމަ އެފަދައިން މައްސަލަތަކުން ފުރިފައިވާ ދުނިޔެއެއްގައި މައްސަލަތައް ކުރިމަތިނުވާނެ ގޮތެއް ނުހެދޭނެއެވެ. ނަމަވެސް ކުރިމަތިވާ މައްސަލަތައް މަދު ކުރެވިދާނެއެވެ. މައްސަލަތަކުން ކުރާ އަސަރުވެސް ކުޑަކުރެވިދާނެއެވެ. އަދި މައްސަލަތަކުން ސަލާމަތްވެގެން ތިބެ ދިރިއުޅެވި ވެސް ދާނެއެވެ.
މައްސަލަތަކުން ސަލާމަތްވެ ތިބެ ދިރިއުޅުމަށް ބޭނުންވަނީ ﷲ ތަޢާލާގެ މަދަދެވެ. ﷲ ތަޢާލާގެ އެހީތެރިވަންތަކަމެވެ. ﷲ ތަޢާލާގެ އޯގާތެރިވަންތަކަމެވެ. މިކަންކަން ލިބޭނީ އެމީހަކު ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތްކުރި ވަރަކުންނެވެ.
އާސިޔާ އެވަނީ އެކަމުގައި ނަމޫނާ ދައްކަވައިފައެވެ. ފިރްޢައުނުގެ އަނިޔާވެރިކަމާއި ކުރިމަތިލެއްވެވީ ފުރިހަމަ އީމާންތެރިކަމާއިއެކުގައެވެ. އެހެންކަމުން ފިރުއަޢުނު ދީފާނެ އެއްވެސް އަނިޔާއަކަށް އެކަމަނާ ޖެހިލުންވެވަޑައެއް ނުގެންނެވިއެވެ. ފިރިއަޢުނުގެ އަނބިކަނބަލެއްގެ ގޮތުގައި އިންނެވުމުން ދުނިޔެއިން ލިބިވަޑައިގަންނަވާ ގަނޑުވަރުތަކާއި އިއްޒަތާއި ޝަރަފާއި ތަނަވަސްކަން ދޫކޮށްލެއްވެވީ ﷲ ތަޢާލާއަށް އީމާންތެރިކަން އަދާ ކުރެއްވެވުމަށެވެ.
ނަތީޖާ އެއޮތީ ފެންނާށެވެ! ސުވަރުގޭގައި އެމަނާއަށްޓަކައި ވަނީ ޚާއްޞަ މަޤާމެއް އެރުވިފައެވެ. އެކަމަނާގެ ކައްވަޅުގެ މީރުވަސް އުޑުތަކުގައި އެދަނީ ދުވަމުންކަން ޙަދީޘްފުޅުތަކުން ސާބިތުވާން އެއޮތީއެވެ. މިއަދުވެސް ދުނިޔޭގައި މިތިބީ އިންސާނުންނެވެ. ހަމަ އާސިޔާ ފަދަ އަންހެނުންނެވެ. ތަފާތަކީ އީމާންތެރިކަން ނެތުމެވެ. ނުވަތަ އީމާންތެރިކަން ކުޑަވުމެވެ. އެއީ ހަމަ އަހަރެމެންގެ މައްސަލައެއް ނޫން ހެއްޔެވެ؟
ނުވިސްނާ މީހަކަށް ޤަބޫލު ނުކުރެވިދާނެއެވެ. ވިސްނާ މީހަކަށް އެނގޭނެއެވެ. ދުނިޔޭގައި ތިބި އެންމެ ބާރުގަދަ ބައަކީ މުސްލިމުންނެވެ. އީމާންތެރިންނެވެ. އެހެނީ ކޮންމެ ފަދަ މައްސަލައެއް ނުވަތަ މުޞީބާތެއް ކުރިމަތިވި ނަމަވެސް ސަލާމަތްވާނެ ކަމުގެ އުންމީދު ކަނޑާނުލައި ކުރިއަށްދާ ހަމައެކަނި ބައަކީ މުސްލިމުންނެވެ. މުސްލިމުން ނޫން ބައަކަށް މިބާރު ލިބިގެނެއް ނުވެއެވެ. މުސްލިމުންގެ ތެރެއިންވެސް މިބާރު ލިބެނީ އީމާންތެރިންނަށެވެ. މަސައްކަތް ކުރަންވީ އެންމެ ވަރުގަދަ އީމާންތެރިންގެ ތެރޭގައި ހިމެނުމަށެވެ. އެއިރުން ޙާޞިލް ނުކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އިން ޝާ ﷲ
--އުސްތާޛާ ޔާސްމީންގެ ދަރުސަކުން