ޢާއިޝަތު ރަފާޙް ޢަލީ
"އާންމުކޮށް އަޅުގަނޑުމެން އެންމެ ގިނައިން ކިޔާ ތަކްބީރުތަކުގެ ތެރޭގައި "ﷲ އަކްބަރު"، ހިމެނެއެވެ. އެތަކްބީރު އެންމެ ގިނައިން ކިޔަނީ ނަމާދުގައާއި ނަމާދަށްފަހުގައެވެ. އަދި އެނޫންވެސް ބައެއް މަޤާމްތަކުގައެވެ. ޛިކުރްތަކުގައެވެ.
ތަކްބީރު ކިޔުމުގެ އެތައް ގޮތެއް އޮތްނަމަވެސް، އަޅުގަނޑުމެންނަށް އޭގެ ހުރިހާ ގޮތެއް ނޭނގުނަސް، ގިނަ ރެކޯޑިންތަކެއް ލިބެން ހުރެއެވެ. މި ރެކޯޑިންތައް އަޅުގަނޑުމެންގެ ގޭގައި، ކާރުގައި އަދި އޮފީހުގައި ބެހެއްޓިދާނެއެވެ. މީގެ މަޤްޞަދަކީ މީސްތަކުންނަށް ތަކްބީރު ކިޔުން ހަނދާންކޮށްދިނުމެވެ.
މި ދުވަސްވަރަކީ ތަކްބީރު އަލް މުޠްލަޤް ކިޔާ ދުވަސްވަރެވެ. މާނައަކީ ކޮންމެ ތަނެއްގައި ހުރެގެންވެސް އެމީހަކަށް ކިޔުނުވަރަކަށް ކިޔުމެވެ. ވީމާ ކޮންމެ ތަނެއްގައި ހުރެގެންވެސް ގިނަގިނައިން ކިޔާށެވެ!
اَللّٰهُ أَ كْبَرُ، اَللّٰهُ أَ كْبَرُ، لَا إِلٰهَ إِلَّا اللّٰهُ، وَاللّٰهُ أَ كْبَرُ، اَللّٰهُ أَ كْبَرُ، وَلِلّٰهِ الْـحَمْدُ
އަޅުގަނޑުމެން އަބަދުވެސް މިކަން ކުރަންވާނީ އިޚްލާޞްތެރިކަމާއެކުގައެވެ. ޚާއްޞަކޮށް ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަސް (ޢަރަފާ ދުވަސް) ހަނދާންކުރުމަކީ މުހިންމު ކަމެކެވެ. އެ ދުވަހު ތަކްބީރު ކިޔުން އިތުރުކޮށް، އެކަމުގެ މަތިވެރިކަން ދަމަހައްޓަންވާނެއެވެ. މިކަމުން ކުރީ އަހަރާއި ފަހު އަހަރުގެ ފާފަތައް ފޮހެވިގެންދާނެކަމަށް އުންމީދުކުރެވެއެވެ.
ތަކްބީރު ކިޔުމަކީ ވާޖިބެއް ނޫނެވެ. އެއްވެސް މުސްލިމަކަށް އެއީ ވާޖިބެކޭ ބުނެވޭކަށް ނެތެވެ. ނަމަވެސް، އަޅުގަނޑުމެން އެކަމަށް ވާޖިބެއްގެ ގޮތުގައި ބަލައި، އުޒުރެއް ނެތްނަމަ އެކަން ކުރުމަށް މަސައްކަތްކުރަންވާނެއެވެ. ދުވަސް ދިގުވުމާއި ހޫނުވުން ފަދަ އާދައިގެ އުޒުރުތަކަކީ ސަބަބެއް ނޫނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަން ފަސޭހަކޮށްދެއްވާނެކަމަށް އުންމީދުކުރަމެވެ.
ރޯދަ ވީއްލުމަށް އެހެން މީހުންނަށް ދަޢުވަތުދިނުމަކީ ވެސް ވަރަށް ހެޔޮ ޢަމަލެކެވެ. އަދި ގޭގެ މީހުންނަށާއި ވީހާ ގިނަބައަކަށް ރޯދަ ހިފުމަށް ހަނދާންކޮށްދިނުމަކީ ވެސް ޘަވާބުދެއްވަވާނެ ކަމެކެވެ. ރޯދަ ހިފުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ވަރަށް ލޮބުވެތި ޢަމަލެކެވެ. އެކަލާނގެ ޙަދީޘް ޤުދުސީއެއްގައި ވަޙީކުރައްވާފައިވެއެވެ: أنه أخبر عن الله عزَّ وجلَّ قوله: «كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصَّوْمَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ»، فَلِمَ خصَّ اللهُ تعالى الصومَ من دون غيره من الأعمال بأنه لنفسه ويجازي عليه'
މާނައީ: އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލެއް އޭނާއަށް ޓަކައެވެ. ނަމަވެސް ރޯދަ އެހެނެއް ނޫނެވެ. ހަމަކަށަވަރުން އެއީ ތިމަން އިލާހަށް ޓަކައެވެ. އަދި ތިމަން އިލާހު އެއަށް ޖަޒާ ދެއްވާހުށީމެވެ.'
ރޯދައިގެ ސަވާބަކީ އެހެން ޢަމަލުތަކެކޭ އެއްފަދައިން ހަމައެކަނި 10 ގުނަ ސަވާބު ލިބޭ ކަމެއް ނޫނެވެ. އެއީ ކެތްތެރިކަމާ އެއްފަދަ ކަމެކެވެ. ކެތްތެރިންނަށް ހިސާބުކުރެވޭވަރަށްވުރެ ގިނަ، ނުހަނު ގިނަ ސަވާބު ލިބޭނެކަމަށް އުންމީދުކުރެވެއެވެ.
އެހެންކަމުން، އަޅުގަނޑުމެންނަށް ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހު ރޯދަ ހިފުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އަދި ހޯމަ އަދި ބުރާސްފަތި ދުވަސްތަކުގައި ވެސް ރޯދަ ހިފުމަށް އިސްކަންދޭންވާނެއެވެ. މީގެ އިތުރުން، ކޮންމެ މަހެއްގެ 3 ދުވަހު ރޯދަ ހިފުމަށް ޕްލޭންކުރެވިދާނެއެވެ. ޚާއްޞަކޮށް މުޙައްރަމް މަހުގެ 9 ވަނަ ދުވަހު (އާޝޫރާ ދުވަސް) ރޯދަ ހިފުމަށް ވަރަށް ބޮޑަށް ސަމާލުކަންޑޭންވާނެއެވެ.
ރަސޫލާ ﷺ ގެ ސުންނަތުގައިވާ ގޮތުން، އެކަލޭގެފާނު މުޙައްރަމް މަހުގެ 9 ވަނަ ދުވަހު ރޯދަ ހިއްޕަވައެވެ. އަދި ކޮންމެ މަހެއްގެ 3 ދުވަހު، އަދި ހޯމަ އަދި ބުރާސްފަތި ދުވަސްތަކުގައި ވެސް ރޯދަ ހިއްޕަވައެވެ. ނަމަވެސް، ޙައްޖުގައި ތިބޭ މީހުންނަށް މި ދުވަސްތަކުގައި ރޯދަ ނުހިފޭނެކަން ހަނދާންކުރަންވާނެއެވެ.
މި ގޮތަށް ޕްލޭންކޮށްގެން އަޅުކަންތައް ކުރުމަކީ އަޅުގަނޑުމެންގެ އީމާންކަން އިތުރުކޮށް، ﷲ ގެ ރުއްސެވުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އަދި މިއީ އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތް އިޞްލާޙުވެގެންދާނެ ވަސީލަތެކެވެ. ﷲ އަޅުގަނޑުމެން އެންމެންނަށް މި ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން."
- ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން