ބޭވަފާތެރިވެފަ ބައިވެރިޔާ ސިއްރުކުރަން ބިރެއް ނެތި ދޮގުހުވާ ތިއަކުރަނީ މިމީހާއަށް ޖެހުނު ޙާލު ނުޖެހޭނެކަން އެނގޭތީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ބޭވަފާތެރިވެފަ ބައިވެރިޔާ ސިއްރުކުރަން ބިރެއް ނެތި ދޮގުހުވާ ތިއަކުރަނީ މިމީހާއަށް ޖެހުނު ޙާލު ނުޖެހޭނެކަން އެނގޭތީ ހެއްޔެވެ؟

ފުރަތަމަ މިކިޔައިދެނީ ވިސްނައިލުން މުހިންމު ޙާދިށާއެއްގެ ވާހަކައެކެވެ. ފިރިމީހާ ގެއަށް އައިސް ކޮޓަރިއަށްވަދެ ގަމީސް ބޭލުމުން އަލަމާރީގައި އަޅުވަން އާދައިގެމަތިން ގަމީހުގައި ހިފީ އަނބިމީހާއެވެ. ގަމީހުން އަންހެން ސެންޓެއްގެ ވަސްދުވުމުން އަނބިމީހާ ފިރިމީހާއަށް ވަސްދައްކައި އެވަހާއިބެހޭގޮތުން ސުވާލުކުރިއެވެ.

ފިރިމީހާ ބުނީ އެއްވެސް އަންހެނެއްގެ ގައިގައި ނުބީހޭ ކަމަށެވެ. އަދި އެއީ ތެދެއްކަން ޘާބިތުކޮށްދިނުމުގެ ގޮތުން ބިރެއް ނެތި ﷲ ތަޢާލާ ގަންދީ ހުވާކުރަން އުޅެންފެށުމުން ދޮގުހުވާ ނުކުރަން އަނބިމީހާ ނަބީޙަތްތެރިވިއެވެ. ނަމަވެސް ފިރިމީހާއަށް އެއަޑު އިވުނު ކަމަކަށް ނުހެދިއެވެ. ޖެހިލުމެއް ނެތި ހުވާކުރިއެވެ.

ހެނދުނު ހޭލެވުނުއިރު އަނގައޮތީ އޮރިއަށް ދަމަގަނެފައެވެ. ވާހަކައެއް ނުދެއްކެއެވެ. އެކަމުން ސަލާމަތްވެވުނީ ތައުބާވެ އެތައް ދުވަހެއްވަންދެން ބޭސްކުރިފަހުންނެވެ. އެތައް ބައިވަރު ދުޢާތަކެއް ކުރިފަހުންނެވެ.

ދޮގުހުވާކުރާ ކޮންމެ މީހަކަށް ކޮންމެ ފަހަރަކު މިފަދަ ދެރަ ގޮތްތައް މެދުވެރިނުވެދާނެއެވެ! އަދި ދިމާވާނީވެސް ކުރިން އެނގުމަކާއިނުލައެވެ. ވީމާ ދޮގުހުވާކުރަން ބިރުވެތިވާށެވެ!

މީސްތަކުންގެ ތެރޭގައި ވަރަށް އާދައިގެ ކަންކަމާއި ހުރެވެސް މިހާރަކަށް އައިސް އެބަ ހުވާ ކުރެއެވެ. ހުވާކުރާ އިރު މިކުރެވެނީ ކިހައިވަރެއްގެ ކަމެއް ކަމާއިމެދުގައި ވިސްނައެއްވެސް ނުލައެވެ. ލޯބިވެރިޔާ ރުއްސަން ވެސް އެބަ ހުވާ ކުރެއެވެ. އަދި ވަރަށް އާދައިގެ ކަންކަން ކުރުމަށްފަހު ނުކުރާކަމަށް ހަދަންވެސް އެބަ ހުވާކުރެއެވެ. ކުރިކަމެއް ނުކުރާ ކަމަށްހަދައި އެކަމުގެ ޔަޤީންކަން ދިނުމަށްވެސް އެބަ ހުވާކުރެއެވެ.

ދޮގުހުވާ ކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ޢިލްމުވެރިން ހިމަނުއްވަވާފައިވާ ކަމެކެވެ. ދޮގު ހުވާ ކުރާ ވަގުތު ނަރަކައިގެ އަލިފާންގްނޑު ތިބާ ވަށައިލާނެ ކަމަށް ބުނެވެއެވެ. އަދި ތޫނު ތިލައަކުން އެއްޗެއް ބުރިވާ ފަދައިން ތިބާގެ އީމާންކަން ތިބާގެ ކިބައިން ނިގުޅިގެންދާނެ ކަމަށްވެސް ބުނެވެއެވެ.

ބައެއް ބޭކަލުން ރިވާ ކުރައްވަނީ ދޮގު ހުވާ ކުރުމަކީ ﷲ ތަޢާލާ އާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުން ފަދަ ކަމެއްގެ ގޮތުގައެވެ. ދޮގު ހުވާކުރާ މީހުންނަށް ﷲ ތަޢާލާ ޤިޔާމަތް ދުވަހު ރަޙްމަތުގެ ބެއްލެވުމުން ނުބައްލަވާނެ ކަމަށްވެސް ރިވާވެގެންވެއެވެ.

މިދެއްކެނީ އާދައިގެ ކަންކަމުގެ ވާހަތަކެއް ނޫނެވެ. ވީމާ ދޮގު ހުވާ ނުކުރާށެވެ. ދޮގު ހުވާ ކޮށްގެން ކަމަކުން ކުރި ހޯދަން މަސައްކަތް ކުރުމެއް ނެތެވެ. އެއިރުން ތިމާއަށް ލިބެން އޮތް ޙަޤީޤީ ގެލުން މާބޮޑެވެ.

މީސްތަކުންނޭވެ! ހުވާ ކުރުން އިސްލާމް ދީނުގައި މާނަކުރެވެނީ ﷲ ގަންދީ ހުވާ ކުރުމަށެވެ. މުސްލިމުންނަކީ އެހެން އެއްވެސް ފަރާތަކާއި ގުޅުވައިގެން ހުވާކުރުން ހުއްދަ ބައެއް ނޫނެވެ. ވީމާ "ހަމަހުވާ" ކަމަށް ބުނި ނަމަވެސް އެ ބަސް އެ ރައްދުވަނީ ﷲ ތަޢަލާއަށެވެ. "ﷲ ގަންދީ" ބުނުމާއި ކީރިތި ޤްރްއާނުގައި އަތްލައި ހުވާ ކުރުމަކީ ހުވާކުރުމުގެ އެންމެ މަތީ ދަރަޖަތަކެވެ.

ޤަޞްދުގައި ހުވާކުރުމަށްފަހު ހުވާ އުވާލައިފިނަމަ އޮތީ ކައްފާރާ ދިނުމެވެ. ކައްފާރާ ނުދީ ހުރުމަކީ ﷲ ތަޢާލާއަށް ދަރަނިވެރިވެގެން ހުރުމެވެ. އެދަރަނި އަދާކުރަން ނުޖެހިއެއް ނުދާނެއެވެ. ކައްފާރާގެ ތެރޭގައި 10 މިސްކީނުންނަށް ކާންދިނުން، އުނު އަންނައުނު ދިނުން، އަޅަކު މިނިވަންކުރުން، ނުވަތަ 3 ދުވަހު ރޯދަ ހިފުން އެބަހިމެނެއެވެ. މާއިދަތު ސޫރަތުގެ 89 ވަނަ އާޔަތް ބަލާށެވެ! މިއީ ﷲ ތަޢާލާގެ ވަޙީއެވެ.

މިކަންކަމަށް ނުވިސްނައި ހަމަ ހިތަށް އަރާއިރަށް ހުވާކޮށް، ހުވާ އުވާލުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. ނަމަވެސް އެކަމަށް ނުބަލައި ހުވާކޮށް، ހުވާ އުވަމުން ގޮސް ކައްފާރާއަށް މުޅި އުމުރުގައި ރޯދަ ހިފި ނަމަވެސް ސަލާމަތް ނުވެވޭނެ މީހުން ބައިވަރެވެ. ވީމާ އެފަދަ މީހުންގެ ތެރެއިން ނުވާށެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން