ކުޑަކުއްޖަކަށް އިސްލާމް ދީން އުނގަންނައިދޭން މަސައްކަތްފަށަން ވަކި ޚާއްޞަ "ޕްރޮސީޖަރއެއް" ނެތެވެ. ޢުމުރާއި ގުޅޭގޮތަށް ޢަޤީދާ އުނގަންނައިދީ ކީރިތި ޤުރްއާނުގެ ކުރު ސޫރަތްތަކުން ފަށައިގެން އުނގަންނައިދޭށެވެ. ނަމާދުކުރަން ދަސްކޮށްދޭށެވެ. ބާލިޣްވާއިރަށް ހިނައި ޠޯހިރުވާން ދަސްކޮށްދޭށެވެ.
އެންމެ މުހިންމު ކަމަކީ ޢުމުރާއި ގުޅޭވަރަކަށް ދީނަށް ޢަމަލުކުރަން ދަސްކޮށްދީ އެކަމަށް ހޭނުވުމެވެ. ނަމާދުކުރަން ދަސްކޮށްދިން ނަމަވެސް ނަމާދުނުކުރުވާނަމަ އެކަމުގެ ފައިދާއެއް ނުކުރާނެއެވެ. ޤުރްއާން އުނގަންނައިދިން ނަމަވެސް ނުކިޔުއްވާނަމަ އެކަމަކުން ފައިދާއެއް ނުކުރާނެއެވެ.
ދަރިންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބިޖެއްސުވުމަށްޓަކައި ފުރަތަމަކަމަކަށް ﷲ ތަޢާލާގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމާއި އެންމެހައި ނިޢްމަތްތައް މިންވަރުކުރައްވަވަނީ ﷲ ތަޢާލާކަން ޢުމުރާއި ގުޅޭގޮތަށް ބުނެދޭށެވެ. ހަދިޔާއެއް ދިނުމަށްފަހުގައިވެސް އެހަދިޔާ ދިނީ މަންމަ ނުވަތަ ބައްޕަ ނަމަވެސް އެހަދިޔާ އެދެވުނީ ﷲ ތަޢާލާ އެކަމަށް އިރާދަކުރެއްވެވުމުންކަމާއި މައިންބަފައިން މަސައްކަތްކުރިނަމަވެސް ހަދިޔާ ގަންނަން ފައިސާ ލިބެނީ ﷲ ތަޢާލާ ދެއްވެވުމުންކަން ވިސްނައިދޭށެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވާން ދސްކޮށްދޭށެވެ.
ލޮލަށް ފެންނަނީ ﷲ ތަޢާލާ ނޫރުދެއްވެވުމުންކަމާއި ކަންފަތަށް އަޑުއިވެނީވެސް ވާހަކަ ދެއްކެނީވެސް އެހެންކަން ކުރެވެނީވެސް ﷲ ތަޢާލާ އިރާދަކުރެއްވެވުމުންކަން ވިސްނައިދޭށެވެ. އެ ނިޢްމަތް ނުދެއްވަވާ މީހުންނަށް އެނިޢްމަތް ނުލިބޭކަމާއި ކޮންމެ ވަގުތަކުވެސް ކޮންމެ ނިޢްމަތެއްވެސް އަނބުރައި ގެންދެވުމަށް ﷲ ތަޢާލާ ކުލަދުންވަންތަކަންވެސް ބުނެދެމުން ގެންދާށެވެ.
ހަމައެޢާއިއެކު ދީނަށް މައިންބަފައިން ޢަމަލުކުރާތަން ދަރިންނަށްދައްކާށެވެ! އެކަމަށްވުރެ މުހިންމުކަމެއް ނެތެވެ. އެހެނީ ކުދިން އަބަދުވެސް މައިންބަފައިން ކުރާކަންކަން ކޮޕީކުރަން ޝައުޤުވެރިވާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން