ދުޢާކުރައްވާއިރު ސުލައިމާން ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމުން ގެންދެވީ ދުޢާކުރުމުގައި އެންމެ ފައިދާހުރި ގޮތަށެވެ. އެއީ "ރައްބިޣުގިރްލީ" ޔާ ﷲ މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ! މިމަގުންނެވެ.
ވިސްނާށެވެ! އެންމެ މުހިންމީ ތިމާއަށް ބޭނުންވެގެން ހުރި ކަންތައް ޙާޞިލުކުރެވުމެއް ނޫނެވެ! ފާފަތައް ފުއްސަވައިދެއްވެވުމެވެ. އެނގިގެންހުރެޢާއި ނުއެނގިހުރެ ކުރެވިފައިވާ ފާފަތަކެވެ. އެއިގެ ތެރޭގައި މިކުރެވެނީ ފާފައެއްކަން ނުއެނގިހުރެ ކުރެވިފައިވާ ފާފަތައްވެސް ހިމެނެއެވެ. އަދި ހަވާ ނަފްސް އެކަމަށް އެދުމުން ކުރެވިފައިވާ ފާފަތައްވެސް ހިމެނެއެވެ.
ހަމައެއާއިއެކު ތިމާ ބޭނުންވާ ކަންތައް ނުދަންނަވައި އެކަން ހިތުގައި ބާއްވައިގެން ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދި ދެންނެވުމަކީވެސް ތިމާއެދޭ ކަންތައް ޙާޞިލުވުން އެދި ދުޢާކުރަން އޮތްމަގެކެވެ.
ވީމާ ކޮންމެ ދުވަހަކުވެސް ވީހާ ގިނައިން "އަސްތަޣްފިރުﷲ" ކިޔަމުން ގެންދާށެވެ! އެމީހާގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން