އެއްވެސް މީހަކަށް ދެރައެއް، ގެއްލުމެއްދިނުމާ ނުވަތަ ހިތުގަ ޖެއްސުވުމަކީ ތައުބާވުމަކުން ޙައްލުކުރެވެން އޮތް ކަމެއް ނޫން! ނުރައްކާ މާބޮޑުކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އެއްވެސް މީހަކަށް ދެރައެއް، ގެއްލުމެއްދިނުމާ ނުވަތަ ހިތުގަ ޖެއްސުވުމަކީ ތައުބާވުމަކުން ޙައްލުކުރެވެން އޮތް ކަމެއް ނޫން! ނުރައްކާ މާބޮޑުކަމެއް!: މުފްތީ މެންކް

ފުރަތަމަ މިބުނެލަނީ ކުޑްކުޑަ މިޘާލެކެވެ! ބައެއް ފާރުކޮޅުގައި ބޭހެއް އުނގުޅައިލުމުން ހިކި ފަސޭހަވެއެވެ. އަނެއްބައި ފާރުކޮޅުން ސަލާމަތް ނުވެވި ގުނަވަން ކަނޑާލަންވެސް ޖެހޭނޫންހެއްޔެވެ؟ މިދެއްކެނީ އެއަށްވުރެވެސް ނުބައިކަން މާބޮޑު ކަމެއްގެ ވާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ!

ﷲ ތައާލާ އާއި ތިބާ އާއި ދެމެދުގައިވާ ކޮންމެ ފާފައެއްވެސް ތައުބާވުމުން ފުއްސަވައި ދެއްވަވާނެތެވެ. އެއީ މަސްތުވުން، ފާހިޝް ޢަމަލުތައްކުރުން، އަދި ނަމާދު އެޅުންފަދަ ބޮޑެތި ފާފަތައް ކުރެވުން ކަމުގައިވީނަމަވެސްމެއެވެ.

ނަމަވެސް ﷲ ތަޢާލާ ބެހިވޮޑިނުގެން، ފުއްސަވައި ނުދެއްވަވާ ފާފަތަކެއް އެބަހުއްޓެވެ. އެއީ އެހެން މީހެއްގެ ޙައްޤަކަށް ނުވަތަ ޙައްޤުތަކަށް އަރައިގަތުމެވެ. އެފަދަ ކަމެއްކޮށްފިނަމަ އެދެވުނީ އެންމެ ނުރައްކާތެރި ޒޯނަށެވެ. (ސަރަހައްދަށެވެ) އެއީ ރަތް ސަރަހައްދެވެ. އެއިރުން ތިބާކުރި ފާފައަށް ﷲ ތައާލާ ޢަފޫކުރައްވަވާނީ އަނިޔާލިބުނު މީހާ ތިބާއަށް މާފުކުރުމުންނެވެ.

މީހުންގެ ޙައްޤުކަމުގައި ބަލަން އޮތީ ހަމައެކަނި މީހުންގެ މުދަލާއި ފައިސާއެއް ނޫނެވެ. މީހުންނަށް ދެރަ ދިނުމާއި އަނިޔާވެރިވުމާއި ހިތުގައި ޖެއްސުވުމަކީވެސް ހަމަ އެއްކަމެކެވެ. އެކަމަކު ގިނަ ބައަކަށް އެކަން ނުވިސްނެނީއެވެ.

އެނގެން އޮތް އެންމެ ބޮޑުފާފައަކީ ޝިރުކުރުމެވެ. ޝިރުކުރި މީހާވެސް މަރުވުމުގެ ކުރިން ތައުބާވެއްޖެ ނަމަ އެމީހާގެ ތައުބާ ޤަބޫލުފުޅު ކުރައްވަވަތެވެ. އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވަތެވެ. ނަމަވެސް މީހެއްގެ ޙައްޤަކަށް އަރައިގެންފި މީހާގެ ފާފަ ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނީ އެމީހާ އެކަމަށް މާފުކުރުމުންނެވެ.

މީސްތަކުންނޭވެ! އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއްކަމަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމެވެ. ހިތްދަތިކުރުވުމެވެ. އެކަންކަން ކުރުމުން މާފުކުރުމަކީ ގިނަ މީހުންނަށް ކުރަން ފަސޭހަކަމަކަށް ނުވެއެވެ. ވީމާ މީހަކަށް އަނިޔާވެރިވެ ހިތްދަތިކުރުމުގެ އެއްވެސް ޢަމަލެއް ނުކުރާށެވެ. އެކަންވާނީ ހމަ އޭނާގެ ޙައްޤުތަކަށް އަރައިގަތުމެވެ.

އަނިޔާލިބެމުންގޮސް އަމިއްލައަށް މަރުވުމުގެ ވިސްނުން އަންނަ ހިސާބަށް ކަންކަން އެބަދެއެވެ. ނިކަންބުނެބަލާށެވެ. އެމިންވަރަށް މީހަކަށް އަނިޔާ ލިބުމުން ހިތުގެ އަޑިން އެއަނިޔާދިން މީހަކަށް މާފުކުރެވޭނީ ކާކަށް ހެއްޔެވެ؟ ނިކަން ބުނެބަލާށެވެ! އިސްލާމެއްގެ ގޮތުގައި، މުސްލިމެއްގެ ގޮތުގައި ހުރެގެން އެއްވެސް މީހަކު މިފަދަ އަނިޔާއެއް އެއްވެސް މީހަކަށް ދޭނެހެއްޔެވެ؟ އަހަރެން ޤަބޫލުކުރާ ގޮތުގައި ނުދޭނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން