ކަންކަން ކުރިމަތިވުމުން ގޮތް ހުސްވެ އަތުންފައިން ގޯސްހެދޭ މިންވަރަށް ކަންބޮޑުވާ ބައަކު އުޅެއެވެ. އެގޮތުން ބައެއް މީހުންނަށް އެމީހުންގެ ވަޒީފާ ގެއްލުމުން، ލޯބިވެރިޔާ ގެއްލުމުން، ކައިވެނި ރޫޅުމުން، އެމީހާގެ ތަނަވަސްކަން ގެއްލުމުން ފަދަ ޙާލަތްތަކުގައި މިބުނި ފަދަ ގޮތްތައް މެދުވެރިވެއެވެ. ދުނިޔެއިން މޮޔަވެ އަތުންފައިން ގޯސްހެދެއެވެ.
މިޙާލަތު މެދުވެރިވަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެހެން އެވަނީ ﷲ ތަޢާލާއަށްވުރެ ބޮޑަށް ތިމާ އެދޭ ކަންކަމުގެ އަޅަކަށްވެވޭތީއެވެ. ﷲ ތަޢާލާއަށްވުރެ ބޮޑަށް އެހެން މީހަކު ދެކެ ލޯބިވެވޭތީއެވެ.
ވަރަށް އާދައިގެ ކަމެއްގެ ވާހަކަ ބުނެފާނަމެވެ. ކައިވެނި ރޫޅިދާނެއެވެ. ނުވަތަ ފިރިމީހާ މަރުވެދާނެއެވެ. މިފަދަ ޙާލަތެއް ކުރިމަތިވުމުން ތިމާއަށް ލިބިފައި ތިބި، ތިމާ ބަލައިބޮޑުކުރި ދަރިންނަށް އެބަ އަނިޔާވެރިވެއެވެ. އެއީ ކީއްވެގެންހެއްޔެވެ؟ އެއްގޮތަކީ ފިރިމީހާ ދެކެ ﷲ ތަޢާލާއަށްވުރެވެސް ބޮޑަށް ލޯބިވެވުމެވެ. ނުވަތަ ފިރިމީހާގެ ކިބައިން ލިބިދާނެކަމަށް އުންމީދުކުރި ބޮޑު ތަނަވަސްކަން ދެކެ ﷲ ތަޢާލާއަށްވުރެ ބޮޑަށް ލޯބިވެވުމެވެ. އެކަމުގެ ދަހިވެތިކަމުގައި ހުއްޓައި އުންމީދުކުރި އުފާތައް ތިމާއާއިވަކިވުމެވެ.
އެމީހަކު އެންމެ ލޯބިވާ ފަރާތަކީ ﷲ ތަޢާލާ ނަމަ ދިރިއުޅުމުގައި ކޮންމެ ފަދަ ކަމެއް ކުރިމަތިވީނަމަވެސް އަދި ކިތަންމެ ބޮޑު މުޞީބާތެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވީނަމަވެސް އެމީހާއަށް ކެތްތެރިވުމުގެ ހިތްވަރު ލިބޭނެއެވެ. އަދި ޢަމަލުކުރާނީވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ.
މިޘާލަކަށް ހިތްދަތިކަމެއް ކުރިމަތިވުމުން އެކަމުން ސަލާމަތްވާން ބޯނީ ބަނގުރަލެއް ނޫނެވެ. ބޭނުންކުރާނީ މަސްތުވާތަކެއްޗާއި އެބާވަތުގެ ތަފާތު ބޭސްތަކެއް ނޫނެވެ. އަވަސްވެގަންނާނީ މުސައްލަމައްޗަށް އަރައި ސަޖިދަކުރުމަށެވެ. އޭނާ އެންމެ ބޮޑަށް ލޯބިވާ ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރުމަށެވެ.
ދުނިޔެއިން އުފާވެރިކަން އެދުމަކީ މައްސަލައެއް ނޫނެވެ. ބައިވެރިޔާ ދެކެ ލޯބިވުމަކީ މައްސަލައެއް ނޫނެވެ. ތަނަވަސްކަމަށް އެދުމަކީ ވެސް މައްސަލައެއް ނޫނެވެ. އަދާކުރާ ވަޒީފާގައި މަސައްކަތްކުރަން ޝައުޤުވެރިވުމަކީވެސް މައްސަލައެއް ނޫނެވެ. މިފަދަ އެއްވެސް ކަމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެންމެ ބޮޑަށް ލޯބިވާންޖެހޭނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެންމެ ބޮޑަށް ކިޔަމަންތެރިވާންޖެހޭނީ ﷲ ތަޢާލާއަށެވެ.
ބުނަންހެއްޔެވެ؟ ދުނިޔަވީ އެއްވެސް ކަމެއް ކުރަންވެގެން ނަމާދުއަޅާނަމަ އެމީހަކީ އެކަމެއްގެ އަޅެކެވެ. އޭނާގެ ކަލާނގެއަކީ އެކަމެކެވެ. އޭނާއަކީ ﷲ ތަޢާލާގެ އަޅެއްކަމަށް ޤަބޫލުކުރާނަމަ އޭނާ ބަރާބަރަށް ނަމާދުކުރާނެއެވެ.
ޤިޔާމަތް ދުވަހު އެފަދަ މީހުންނަށް "ތިމަން ﷲ ފިޔަވައި ކަލޭމެން އަޅުކަންކޮށް އުޅުނުތަކެތީގެ ކިބައިން މިއަދު ވާގިހޯދަން" ﷲ ތަޢާލާ އެންގެވީމާ އެމީހުންނަށް ވާގިހޯދަން ޖެހޭނީ މި ބަޔާންކުރި ގޮތުންނެވެ. ދެން އެމީހަކަށް އޮންނާނީ ކޮން ސަލާމަތްކަމެއް ހެއްޔެވެ؟
ﷲ ތަޢާލާ އާދަމްގެފާނު އުފައްދަވައި އެންމެ މަތިވެރި ޢިއްޒަތް ދެއްވަވާފައި ތިއްބެވި މަލާއިކަތުންނަށް އާދަމްގެފާނަށް ސަޖިދަ ކުރައްވަން އެންގެވީ އިންސާނުންގެ މަތިވެރިކަން ބަޔާންކުރެއްވެވުމަށެވެ. ނަމަވެސް އެމަތިވެރިކަން އިންސާނުންނަށް ލިބެން މިއޮތީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުންނެވެ. އެހެން ނޫންނަމަ އެމީހަކީ އެއްވެސް އަގެއްހުރި މީހަކު ކަމުގައި ނުވާނެއެވެ. އެއްވެސް އަގެއް ހުރިނަމަ ދާއިމަށް އެތަނުގައި ޢަޛާބު ލިބިލިބި އޮންނަން ޖެހޭނެ ގޮތަށް ނަރަކައަކަށް ނުލައްވަވާނެ ނޫންހެއްޔެވެ؟
ވީމާ މިކަންކަމަށް ވިސްނާށެވެ! އެއިރުން ދުނިޔޭގައިވެސް އުފާވެރިކަން ދެއްވަވާނެތެވެ! އަދި ޤިޔާމަތް ދުވަހުވެސް އުފާކުރާނޭ މީހަކު ކަމުގައިވާނެއެވެ. އިން ޝާ ﷲ
- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން