ދިރިއުޅޭނެތަނެއް ފިރިމީހާ ދައްކާނެކަމަށް ބަލައިގެން ތިބުމަކީ އަމިއްލައަށް ލިބިގަނެވޭ ދެރައެއް! ވަރިކުރާދުވަހު މަގުމަތިނުވާނެ ގޮތަކަށް ވިސްނަން ޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ދިރިއުޅޭނެތަނެއް ފިރިމީހާ ދައްކާނެކަމަށް ބަލައިގެން ތިބުމަކީ އަމިއްލައަށް ލިބިގަނެވޭ ދެރައެއް! ވަރިކުރާދުވަހު މަގުމަތިނުވާނެ ގޮތަކަށް ވިސްނަން ޖެހޭ!

ވަޒިފާ އަދާކޮށްގެން ނުވަތަ ކުރާ މަސައްކަތުން ފައިށާ ލިބުނަސް ތިމާގެ އަމިއްލަ ބޯހިޔާވަހިކަމެއް ހޯދަން ނުވިސްނާ އަންހެނުން ވަރަށް ގިނައެވެ! އެމީހުންނަށް ވިސްނިފައި އޮންނަނީ އަނބިން ދިރިއުޅޭނެ ތަނެއް ދެއްކުމަކީ ފިރިމީހާގެ ވާޖިބެއް ކަމަށްވާތީ އެކަމަށް ވިސްނަން ނުވެސްޖެހޭނެ ކަމަށެވެ.  

އެއީ ދީނުގައި އެކަން އޮތްގޮތެވެ. އަނބިމީހާއަށް ބޭނުންވާނެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ފިރިމީހާއަށް ކުރަންޖެހޭނެ ކަމެކެވެ. އެއީ އޭނާގެ މައްޗަށް އޮތް ވާޖިބެކެވެ. އެކަމަކަށް ދެކޮޅެއް ނުހަދަމެވެ. ނަމަވެސް ވިސްނަން ޖެހޭނެ ކަމަކީ އެވާޖިބު އަދާކުރިޔަސް އަދާކުރަންޖެހޭނީ އަންތބެއްގެ ގޮތުގައި އިންނައިރުއެވެ. މައްސަލައަކަށް މިވަނީ އަންތބެއްގެ ގޮތުގައި އިނދެވޭނީ ކިހައި ދުވަހަކުކަން ނުއެނގޭކަމެވެ.  

މިވާހަކަ ދައްކަން މިޖެހެނީ ކައިވެނި ރޫޅޭ ނިޞްބަތް ގިނަވަމުން އަންނާތީއެވެ. ކައިވެނި ރޫޅުމުން ގޮތްހުސްވެ މަގުމަތިވާ އަންހެނުން ގިނަވާތީއެވެ. ވިސްނާށެވެ!  

ބޮޑުވެ މަސައްކަތްކޮށް އާމްދަނީ ލިބެން ފެށުމުން އިސްކަންދޭންވީ ޒީނަތްތެރިވެގެން ހުރުމަކަށް ނޫނެވެ. އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށެވެ. ފައިސާ ޖަމާކުރަންވީ އެކަމަށެވެ. ފައިސާ ލިބޭއިރަށް ފްލެޓެއް ގަންނާށެވެ. ކައިވެނިކުރުމަށްފަހު އެފްލެޓުގައި ދިރިއުޅޭކަށްވެސް ނުޖެހެއެވެ. އެފްލެޓް އަވަހަށް ކުއްޔަށްދޭންވީއެވެ. ކައިވެނިނުކޮށް މައިންބަފައިންގެ ގާތުގައި ދިރިއުޅޭއިރުވެސް އެފްލެޓް ކުއްޔަށްދީފައި ބެހެއްޓިދާނެއެވެ.   

މިހިސާބުން އަހުރެންގެ އެކުވެރި ބައެއް އަންހެނުން ކަންތައް ކޮށްފައިވާ ގޮތްވެސް ކިޔައިދޭނަމެވެ. އެމީހުންނަށް ލިބުނު ފައިސާ ޖަމާކޮށްގެން ފްލެޓް ގަތެވެ. އެފްލެޓުގައި ފިރިމީހާއާއިއެކު ދިރިއުޅެއެވެ. އެއިރުން އެކަނބަލުން ތިބެނީ ވަރިކޮށްލުމުން މަގުމަގުމަތިވެދާނެ ކަމުގެ ބިރުން ސަލާމަތްވެގެންނެވެ.  

އަނެއްބައި އަންހެނުން ފިރިމީހާ އާއިއެކު ފްލެޓުގައި އުޅެނީ ފްލެޓުގެ ކުލި ފިރިމީހާގެ އަތުން އަތުލަމުންނެވެ. ފިރިމީހާ ރަނގަޅަށް އުޅޭނަމަ އެފައިސާ ފިރިއުޅުމަށް ޚަރަދުވެސް ކުރެއެވެ. އެގޮތަށް ކަންތައް ކުރުމުން ހިލޭ އަންހެނުންނަށް ޚަރަދުކުރާނެ ފައިސާ ފިރިންގެ އަތުގައި މަދުވެއެވެ. އެހެންވެ އެކަނބަލުން ކަންތައް އެކުރާ ގޮތް އަހުރެން ކުށްވެރިއެއް ނުކުރަމެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ފިރިމީހާގެ ޒިންމާއަކަށްވާތީއެވެ.  

އަހުރެންގެ ބޭނުމަކީ ލިބޭ އާމްދަނީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން ކަނބަލުންނަށް ނަޞޭޙަތްތެރިވުމެވެ. ޤުރްބާނީތަކެއް ވެގެން ނަމަވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދަން މަސައްކަތްކުރަންޖެހިފައިވާކަން ވިސްނައިދިނުމެވެ. އަދި ކުރެވޭނެ އެންމެ ފައިދާހުރި އިންވެސްޓްމަންޓަކީވެސް އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިވުން ކަމަށް ބުނުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން 

މިއަދު އޮންލައިން