ފިރިން ދެކެ ކިތަންމެ ރުޅިއަޔަސް ތިމާއަށްޓަކާ ސަމާލުކަންދޭންޖެހޭނެ ކަންތައްތަކެއް އެބަހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފިރިން ދެކެ ކިތަންމެ ރުޅިއަޔަސް ތިމާއަށްޓަކާ ސަމާލުކަންދޭންޖެހޭނެ ކަންތައްތަކެއް އެބަހުރި!

ދެމަފރިން އެކުގައި ދިރިއުޅޭއިރު ރުޅިއަންނަ އެތައް ކަމެއް ކުރިމަތިވާނެއެވެ. އެއިގެ ތެރެއިން ބައެއް ކަންކަމަކީ އިންތިހާއަށް ރުޅިއައުދެވޭ ކަންކަމެވެ. އެހެންކަމާއިއެކު ތިމާގެ ސަލާމަތަށްޓަކައިވެސް ސަމާލުކަންދޭންޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ.  

އެންމެ ހެޔޮލަފާ ތަޤްވާވެރި އަނބިންގެ ސިފަތައް ބަޔާންކުރަން ކުރިންވެސް ވާނީ ވަރަށް ގިނަ ވާހަކަތައް ދެއްކިފައެވެ. އެކަންކަމުގެ ތެރެއަށް އިތުރުކަމެއް ހިމަނައިލާނަމެވެ. އެއީ ފިރިމީހާ ދެކެ ކިތަންމެ ރުޅި އައިނަމަވެސް އިސްރާފް ނުކުރުމެވެ.  

ބައެއް އަނބިން، އެމީހުންގެ ފިރިން ދެކެ ރުޅި އައުމުން ކުރާ ޚަރަދުތައް ބޮޑުކޮށްލައެވެ. ބޭކާރު ޚަރަދުތައް ކުރަން ފަށައެވެ. ކެއްކުމުގައި އިސްރާފްކުރުން ފަދަ ކަންކަންވެސް ކުރެއެވެ. ކުރާ މަސައްކަތްތަކުގައި ފަރުވާކުޑަކުރެއެވެ. ދަރިން ބެލުމުގައިވެސްމެއެވެ. މިއިން އެއްވެސް ކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ.  

ފިރިމީހާ ކުރީ ކިތަންމެ ބޮޑުކުށެއް ނަމަވެސް އެއިން ކަމަކާއި ގުޅިގެން ތިމާއަށް ﷲ ތަޢާލާ ރުހިވޮޑިނިުގަންނަވާނެ އެއްވެސް ކަމެއް ނުކުރާށެވެ. އެއިގެ ބަދަލުގައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ.

ތިބާގެ ބެލެހެޓުން ފިރިމީހާގެ ޒިންމާއެއް ކަމުގައި އޮތްނަމަވެސް ތިބާގެ ޙަޤީޤީ ބެލެނިވެރިކަން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ތިބާއަށް ކުރިމަތިވި ހިތްދަތިކަމުން މިންޖުކުރައްވަވައި މާއުފާވެރި ޙަޔާތެއް މިންވަރުކުރައްވަވަންވެސް އެކަލާނގެ ކުޅަދުންވަންތައެވެ. ކޮންމެ މީހަކަށްވެސް ކުރިއެރުމާއި އުފާވެރިކަމާއި ތަނަވަސްކަމާއި މިހެންގޮސް ހުރިހާ ނިޢްމަތްތަކެއް މިންވަރު ކުރައްވަވަނީ ހަމަ ﷲ ތަޢާލާއެވެ.  

ވީމާ ދިރިއުޅުމުގައި ކިތަންމެ ހިތްދަތި ޙާލަތެއް ކުރިމަތިވި ނަމަވެސް، ތަކްލީފްތައް އުފުލަން ޖެހުނަސް އަހަރެމެން ގަދައަޅައި މަސައްކަތްކުރަންވީ ތިމާގެ ޢަމަލުތައް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ބެހެއްޓުމަށެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމަށެވެ. އެއިރުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް މާގިނަވާނެއެވެ. މާއުފާވެރިވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން