ޢާއިޝަތު ރަފާޙް ޢަލީ
އަޅުގަނޑުމެން އަޅުކަންކުރާ ވެރިރަސްކަލާނގެއަކީ އަޅުތަކުންނަށް ނުހަނު އޯގާވަންތަ، ރަޙްމަތްވަންތަ އިލާހެވެ. އެކަލާނގެއަކީ އަޅުތަކުންގެ ކުށްތަކަށް ތައުބާވުމުގެ ފުރުޞަތު ދެއްވާ، ފާފަފުއްސަވާ ރަޙީމްވަންތަ ރައްބެވެ. އަޅުގަނޑުމެން ﷲ އާ މެދު ދެނެގަންނަން ޖެހެނީ އެކަލާނގެ ސިފަފުޅުތަކާއި، ރިވެތި އަސްމާއުލް ޙުސްނާ އިންނެވެ.
ޤުރުއާނުގެ ކޮންމެ ސޫރަތެއް ފެށިފައިވަނީ "ބިސްމިﷲ" އިންނެވެ. މިއީ އެކަލާނގެ ރަޙްމަތްވަންތަކަން ދައްކުވައިދޭ ކަމެކެވެ. އާދަމްގެފާނަށް ފުރަތަމަ އިއްވެވި ބަސްފުޅަކީވެސް "ޔަރްޙަމުކަﷲ" (ﷲ ތިބާއަށް ރަޙްމަތްލައްވާށިއެވެ) އެވެ. މިއީ އިންސާނުންނަށް އެކަލާނގެ ދެއްވާ ރަޙްމަތުގެ ނިޝާނެކެވެ.
އެކަލާނގެ ރަޙްމަތްފުޅުގެ ތެރެއިން ކުޑަކުޑަ ހެޔޮ ޢަމަލަކަށްވެސް ބޮޑެތި އަޖުރު ދެއްވައެވެ. ކުއްތާއަކަށް ފެން ދިނުމަށްޓަކައި މަސައްކަތްކުރި އަންހެނާގެ ފާފަތައް ފުއްސެވި ފަދައިން، މަގުމަތިން ކަށްޓެއް ނެގި މީހާގެ ފާފަތައްވެސް ފުއްސެވިއެވެ.
މޫސާގެފާނަށް ފިރުޢައުނާ ދިމާއަށް މަޑުމައިތިރި ބަހުން ވާހަކަދެއްކެވުމަށް އެންގެވުމަކީވެސް އެކަލާނގެ ރަޙްމަތްފުޅުގެ ނިޝާނެކެވެ. އަދި އެކަލާނގެއަށް ތެދުވެރިކަމާއެކު ތައުބާވާ އަޅާގެ އުމުރުދުވަހުގެ ފާފަތައް ހެޔޮކަންތަކަށް ބަދަލުކޮށްދެއްވުމަކީވެސް އެކަލާނގެ ރަޙްމަތްފުޅުގެ ބޮޑުކަން ދައްކުވައިދޭ ކަމެކެވެ.
އިސްލާމްދީނަކީ ފަސޭހަ، ލުއި ދީނެކެވެ. އެކަލާނގެ އަޅުތަކުންނަށް އުނދަގޫވާނެ ކަމެއް ދީނަކު ނެތެވެ. އެހެންކަމުން، އަޅުގަނޑުމެން އެކަލާނގެއަށް އަޅުކަންކުރަންވާނީ މަޑުމާތްތިރިކަމާއެކުގައެވެ. އެކަލާނގެ ރަޙްމަތްފުޅުގެ ބޮޑުކަން ދެނެގަނެ، އެކަލާނގެއަށް ޝުކުރުވެރިވާ ޙާލުގައެވެ.
ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
يُرِيدُ ٱللَّهُ بِكُمُ ٱلْيُسْرَ وَلَا يُرِيدُ بِكُمُ ٱلْعُسْرَ"
މާނައީ: اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ."
މި އާޔަތުން އަޅުގަނޑުމެންނަށް އެނގިގެންދަނީ އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއްކަމެވެ.
އިސްލާމްދީނުގެ ޙުކުމްތަކަށް ބަލާއިރު، އަޅުގަނޑުމެންނަށް ފެންނަނީ ﷲގެ ރަޙްމަތާއި ލުއިފަސޭހަކަމެވެ. މިސާލަކަށް:
ޝަހާދަތް ކިޔުމުގައި ކުށަކުން ކުފުރުގެ ބަހެއް ބުނެވުނު ނަމަވެސް، އެއީ ގަސްތުގައި ނޫންކަމުގައިވާނަމަ ﷲ ތަޢާލާ އެކަން ފުއްސަވައެވެ.
ދަތުރުވެރިންނަށް ނަމާދު ކުރުކުރުމާއި ޖަމްޢުކުރުމުގެ ހުއްދަ ދެއްވާފައިވެއެވެ.
ޙައިޟުވެރި އަދި ނިފާސްވެރި އަންހެނުންނަށް ނަމާދު ފަސްކުރުމުގެ ހުއްދަ ދެއްވާފައިވެއެވެ.
ދަތުރުވެރިންނާއި ބަލިމީހުންނަށް ރޯދަ ފަސްކުރުމުގެ ހުއްދަ ދެއްވާފައިވެއެވެ.
ރޯދައަށް ހުއްޓައި ހަނދާންނެތިގެން ކައިބޮއިފިނަމަ، އެ ރޯދަ ޞައްޙަވާނެއެވެ.
މި ހުރިހާ ކަމަކުންވެސް އަޅުގަނޑުމެންނަށް އެނގިގެންދަނީ އިސްލާމްދީނަކީ އިންސާނުންގެ ޙާލަތަށް ރިޢާޔަތްކޮށް، ލުއިފަސޭހަކަން ދެއްވާފައިވާ ދީނެއްކަމެވެ. އެހެންކަމުން، އަޅުގަނޑުމެން މި ދީނުގެ ތެރޭގައި ދެމިތިބެ، އެންމެ ރަނގަޅަށް ކުރެވޭތޯ މަސައްކަތްކުރަންވާނެއެވެ.
ޙައްޖުގެ ވާހަކައަށް އަންނަމާ ހިނގާށެވެ. ސުބްޙާނަﷲ! ޙައްޖަކީ ވާޖިބު އަޅުކަމެކެވެ. އެހެންނަމަވެސް އެއީ އެކަމަށް މާލީ އަދި ޖިސްމާނީ ގޮތުން ކުޅަދާނަވެގެންވާ މީހުންގެ މައްޗަށެވެ. ތަނަވަސްކަން ނެތް މީހާގެ މައްޗަށް އިސްލާމްދީނުގެ ހަތަރުވަނަ ރުކުން ވާޖިބުވެގެން ނުވެއެވެ. ތިބާގެ ޙާލަތު ބަދަލުވަންދެން ޙައްޖުވެރިކަން ތިބާގެ މައްޗަށް ވާޖިބެއް ނޫނެވެ.
މާތް ﷲ އެކަލާނގެ ރަޙުމަތްފުޅުން، ޙައްޖުގެ މޫސުމުގައި ވިޔަފާރިކުރުމާއި ފައިދާ ހޯދުމުގެ ފުރުޞަތު ދެއްވާފައިވެއެވެ. މާތް ﷲ ބަޤަރާ ސޫރަތުގެ 198 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ: لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا۟ فَضْلًا مِّن رَّبِّكُمْ
މާނައީ: ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ލިބޭ فضل ވަންތަވެރިކަމެއް (އެބަހީ: ވިޔަފާރިކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) ހޯދަން އުޅުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ.
ކީރިތި ރަސޫލާ ﷺ ގެ އަރިހަށް ޙައްޖުވެރިން އައިސް، އެބޭކަލުންގެ ޙައްޖުގެ އަޅުކަމުގައި ކުށްތަކެއް ހެދިކަމަށް ބިރުގަނެ ސުވާލުކުރެއްވި ހިނދު، ކޮންމެ ފަހަރަކުވެސް އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ. "އެކަން ކުރާށެވެ. މައްސަލައެއް ނެތެވެ. އިންޝާﷲ މައްސަލައެއް ނެތެވެ."
ރާއާއި އޫރުމަސް ޙަރާމްވެގެންވީ ނަމަވެސް، ތިބާ އޭގެ ބޭނުން ޖެހިއްޖެނަމަ، މިސާލަކަށް މަރުވާން ކައިރިވެއްޖެނަމަ، ތިބާ އެކަމަށް އެދިގެން ނޫންގޮތުގައި އަދި ހައްދުފަހަނައަޅައި ނުގޮސް، އެކަމަށް ބޭނުންޖެހިއްޖެނަމަ، ތިބާގެ މައްޗަށް ފާފައެއް ނެތެވެ. ތިބާ ދިރިހުރުމަށްޓަކައި ކައިބޮއި ހެދެއެވެ.
ޙާލަތު ދަތިވާ ހިނދު، ޝަރުޢީ ޙުކުމްތައް ލުއިވެގެންދެއެވެ. ޙާލަތު ދަތިވުމުގެ މާނައަކީ އުނދަގޫވުމާއި އިޚްތިޔާރުތައް މަދުވުމެވެ. މިފަދަ ޙާލަތްތަކުގައި ޝަރުޢީ ޙުކުމްތައް ލުއިވެގެންދެއެވެ. އަދި ޟަރޫރަތްތަކުން ޙަރާމްކަންތައްތައް ހުއްދަވެގެންދެއެވެ. އެހެންކަމުން ތިބާ ޙަޤީޤީ ޟަރޫރަތެއްގައި ވާނަމަ، އިސްލާމީ ޢިލްމުވެރިއެއްގެ ލަފާގެ މަތިން، އާންމު ގޮތެއްގައި ޙަރާމްވެގެންވާ ބައެއް ކަންތައްތައް ހުއްދަވެގެންދާނެއެވެ.
ވަސްވާސްގެ ބައްޔަށް ޖެހިފައިވާ މީހާގެ ބިރަކީ ގިނަފަހަރު ދީނާއި މާތް ﷲ އަށް އޮންނަ ޙަޤީޤީ ބިރެއް ނޫނެވެ. އެފަދަ މީހެއްގެ ބިރަކީ މާތް ﷲ އާއި އިސްލާމްދީނާ މެދު އޭނާގެ ހިތުގައި އުފެދިފައިވާ ނުބައި ދެކުމުގެ ސަބަބުން އަންނަ ބިރެކެވެ. އެހެންކަމުން، މިފަދަ ވަސްވާސްތަކަށް ސަމާލުކަން ނުދީ، އިސްލާމްދީނުގެ ޙަޤީޤީ އުސޫލުތަކާއި އަސާސްތަކަށް ރުޖޫޢަވުމަކީ މުހިންމު ކަމެކެވެ.
އިސްލާމްދީނަކީ ލުއިފަސޭހަ ދީނެކެވެ. އެހެންކަމުން، އަޅުގަނޑުމެން އަބަދުވެސް ދީނުގެ ކަންކަމުގައި މެދުމިނުގައި ހިފަހައްޓަންވާނެއެވެ. އަދި އިސްލާމްދީނުގެ ފުރިހަމަ ރިވެތި ސިފަތައް ދެނެގަތުމަށް މަސައްކަތްކުރަންވާނެއެވެ.
ނިންމާލަމުން ދަންނަވާނީ، ތިބާގެ ހިތުގައި އުފެދޭ ޝައްކުތަކާއި ވަސްވާސްތަކަށް ޖާގަ ނުދެއްވާށެވެ. މާތް ﷲ އަށް އީމާންވެ، އެކަލާނގެއަށް ތަވައްކުލުކުރައްވާށެވެ. އަދި އިސްލާމްދީނުގެ ޙަޤީޤީ ތަޢުލީމުތަކާއި އުސޫލުތައް ދެނެގަތުމަށް މަސައްކަތްކުރައްވާށެވެ. މާތް ﷲ ތިބާއަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ. އާމީން.
- ޝައިޚް ޢަލީ ޙައްމުދާގެ ދަރުސަކުން