ފިރިއަކަށް ކުރެވޭނެ އެންމެ ބޮޑު ކުށް އެނގޭތަ؟ އެއީ އަނބިންނަށް މާފުކުރަން އެންމެ އުނދަގޫ، ޙަޤީޤީ މާފު ނުވެސްކުރެވޭނެ ކުށެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ފިރިއަކަށް ކުރެވޭނެ އެންމެ ބޮޑު ކުށް އެނގޭތަ؟ އެއީ އަނބިންނަށް މާފުކުރަން އެންމެ އުނދަގޫ، ޙަޤީޤީ މާފު ނުވެސްކުރެވޭނެ ކުށެއް!

އަހަރެމެންގެ ކައިވެންޏަށް 12 އަހަރެވެ. ފިރިމީހާއަށް އެކަށީގެންވާވަރުގެ މުސާރައެއް ނުލިބޭތީ އަހަރެންވެސް މަސައްކަތްކުރަމެވެ. ދެމަފިރިންނަށް ލިބޭ މުސާރައިންވެސް ޚަރަދުތައްކޮށްފައި ބާކީއެއް ނުކުރެވެއެވެ. އެހެންވެ ދިރިއުޅެމުން މިއައީ ވަރަށް ދަތި ގޮތަކަށެވެ. 

ފިރިމީހާގެ ޢަމަލުތައް ހުންނަ ގޮތުން ޝައްކުކުރެވޭތީ ސުވާލުކުރަމުން އަންނަތާ 7 އަހަރުފަހުން މިހާރު ފިރިމީހާ ވަނީ އޭނާއަށް ކުރެވުނު ކުށް ކިޔައިދީފައެވެ. އެހެން އަންހެނަކު ދެކެ ލޯބިވެ އޭނާއަށް ޚަރަދުކުރާތާ 10 އަހަރުވެއްޖެކަމަށް އެބަ ބުނެއެވެ. ބުނަނީ އެއީ ކުރެވުނު ކުށެއްކަން ވިސްނިއްޖެ ކަމަށާއި އެފަދަ ކަމެއް ދެން ނުކުރާނެ ކަމަށެވެ. ބޭނުންވަނީ ލިބިފައި ތިބި 3 ދަރިންނާއި އަޅުގަނޑާއިއެކު ދިރިއުޅެން ކަމަށެވެ. 

އެކަމާއި ވަރަށް ބޮޑަށް ވިސްނައިފީމެވެ. އޭނާ އާއިއެކު ލޯބިން ދިރިއުޅެވިދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. 3 ދަރިން ލިބިފައިތިބި ނަމަވެސް އަދި ޢުމުރުން 36 އަހަރެވެ. އެހެންވީމާ އިތުބާރު ގެއްލުމުން ލޯބިނުވެވޭ މީހަކާއިއެކު ޙަޔާތުގައި ދެންއޮތް ބައި ހޭދަކުރާކަށް ޒަމީރު ޤަބޫލެއް ނުކުރިއެވެ. 

މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟ 

މިއީ އަހަރެންގެ ކްލައިންޓަކު ކުރި ސުވާލެކެވެ. މިސުވާލަށް އަހުރެންދިން ޖަވާބުވެސް ހާމަކޮށްލާނަމެވެ.

ތިއަ މައްސަލައަށް ބަލާއިރު ދެކަމެއް އެބަހިމެނެއެވެ. ފުރަތަމަ ކަމަކީ ލޯބީގައި ބޭވަފާތެރިވުމެވެ. ދެވަނަ ކަމަކީ ދަރިން ލިބި ފިރިމީހާގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވި ދުވަސްތަކުގައި ފިރިމީހާ ތިއައޮތީ އޭނާގެ ވަޤުތުތަކާއި ފައިސާ ހިލޭ އަންހެނަކަށް ހޭދަކޮށްފައެވެ. އެޚަރަދުތައް ކޮށްފައި އެވަނީވެސް އަނބިދަރިންނަށް މާލީދަތިތައް ކުރިމަތިވެފައިވަނިކޮށެވެ. އަނބިދަރިންގެ ބޭނުންތައް ފުއްދައިނުދެވޭ ޙާލުގައެވެ. އަދި ދެމަފިރިން ވަޒިފާއަދާކުރާތީ އޭނާ އެކުރި ޚަރަދުގެ ދެބައިކުޅަ އެއްބައަކީ އަނބިމީހާގެވެސް ފައިސާއެވެ. އެއީ ލޯބީގައި ބޭވަފާތެރިވުމަށްވުރެ މާބޮޑުކުށެކެވެ. ފިރިއަކަށް ކުރެވޭނެ އެންމެ ބޮޑު ކުށެވެ! އެކަމަކު ގިނަމީހުންނަށް އެކަން ނުވިސްނެނީއެވެ. 

ކޮންމެއަކަސް މާފުކޮށް އެކުގައި އުލެން މަސައްކަތްކުރުމަކީ އޮތް އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް އެއީ ހަމަ ޙަޤީޤަތުގައިވެސް މާފުކުރެވޭނެ ނަމައެވެ. ޙަޤީޤީ މާފަކުން މާފުނުކުރެވޭނެނަމަ ތިއަ ޙާލަތުގައި އެކުގައި އުޅުމަކަށް ނުބުނާނަމެވެ. ސަބަބަކީ ހިތާއި ދެކޮޅަށް ދިރިއުޅެން އުޅެގެން އެކަން ކާމިޔާބުކުރެވުމަކީ ޙާޞިލުކުރެވޭނެ ކަމެއްކަން ތަޖުރިބާއިން އެނގެން ނެތުމުންނެވެ. 

ތިބާ އަދި ހަމަ ޒުވާނެވެ. ރަނގަޅަށް ވިސްނާށެވެ! މާފުކުރެވޭނެނަމަ މާފުކުރާށެވެ! މާފުނުކުރެވޭނެނަމަ ރަނގަޅީ ދުވަސްތައް ބޭކާރުނުކޮށް އެހެން ދިރިއުޅުމަކާއިމެދު ވިސްނުމެވެ. އެކަމަކުވެސް ޤަބޫލުކުރަންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ދެންކުރާ ކައިވެނީގައިވެސް ރިސްކްތަކެއް ހުންނާނެ ކަމެވެ. އެކަމަށްވެސް ވިސްނައިގެން ކުރިއަށްދާށެވެ! 

މިސުވާލާއި އަހުރެންގެ ޖަވާބު ޢާންމު މިކުރީ މިއީ ވަރަށް ގިނަ ބައަކަށް ކުރިމަތިވާ މައްސަލައަކަށްވުމުން އެންމެންނަށްވެސް ނަޞީޙަތެއްގެ ގޮތުންނެވެ. އަހުރެންގެ އިލްތިމާސަކީ ކައިވެނިކުރުމަށްފަހު ލޯބިވެރިން ޙޯދައި ގެންގުޅޭ ކުޅިގަނޑު ދެމަފިރިންކުރެ އެކަކުވެސް ނުކުޅުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން