ހަމައެކަނި ތަނަވަސްކަމަށް ބަލައިގެން ކައިވެނިކުރުމަކީ އަޅަކަށްވާންޖެހި ކައިވެނީގެ އުފާވެރިކަން ގެއްލޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ހަމައެކަނި ތަނަވަސްކަމަށް ބަލައިގެން ކައިވެނިކުރުމަކީ އަޅަކަށްވާންޖެހި ކައިވެނީގެ އުފާވެރިކަން ގެއްލޭ ކަމެއް!

އެއްވެސް މީހެއްގެ އަތުގައި ހުރި ތަނަވަސްކަމަށް ބަލައިގެން ކައިވެނިނުކުރާށެވެ! މާނައަކީ އޭނާއަކީ ތަނަވަސް މީހަކަށްވީތީ އެކަމުގެ ދަހިވެތިކަމުގައި ކައިވެނިނުކުރާށެވެ! ތަނަވަސްކަމަށް ބަލައިގެން ކައިވެނިކުރާ ގިން މީހުންނަށް ވާންޖެހެނީ އޭނާގެ އަޅަކަށެވެ. ކައިވެނީގެ ސަބަބުން ލިބެންވާ އުފާވެރިކަން އެމީހުންނަކަށް ނުލިބެއެވެ.  

ތަނަވަސްކަން ހުރިނަމަ ޚަރަދުކޮށްފާނެއެވެ. ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދީފާނެއެވެ. ކައިވެނިން ލިބެން ބޭނުންވާނެ އުފާވެރިކަމަކީ އަގުބޮޑު އެއްޗެތިކަމުގައި ހަދައިގެން ދިރިއުޅުމުގައި އުފާވެރިކަން ލިބޭނެ ގޮތެއް އަހުރެންނަކަށް ނުވިސްނެއެވެ.  

ހަމައެކަނި ތަނަވަސްކަމަށް ބަލައިގެން ކައިވެނިކުރާ ގިން ބައެއްގެ ފަރާތުން އަބަދުވެސް އަޑުއަހަންޖެހެނީ ޝަކުވާތަކެވެ. އެމީހުން ބޭނުންވާ ލޯބި ނުލިބޭކަމުގެ ޝަކުވާތަކެވެ. ހިތްދަތިދިރިއުޅުމެއް އުޅެންޖެހޭތީ ކުރާ ޝަކުވާތަކެވެ.  

މީގެމާނައަކީ ތަނަވަސް މީހުންނާއި ކައިވެނިނުކުރަން ބުނުމެއް ނޫނެވެ. ހަމައެކަނި ތަނަވަސްކަމަށް ބަލައިގެން ކައިވެނިނުކުރަން ބުނުމެވެ. ތަނަވަސް ނަމަވެސް އޭނާއަކީ އަޚްލާޤީ ގޮތުން ރަނގަޅު ސިފަތައް ހުރި، ބައިވެރިޔާއަށް ދޭންޖެހޭ ލޯބިދީގެން ދިރިއުޅޭ މިޒާޖުގެ މީހަކުނަމަ އޮތީ އަވަހަށް ކައިވެނިކުރުމެވެ. ތަނަވަސްކަމަށްވުރެ އިސްކަންދޭންވީ ލޯބިދިނުމަށާއި ރިވެތި އަޚްލާޤަށެވެ. މިދެ ސިފަ ނެތި ތަނަވަސްކަންހުރުމަކުން ލިބޭނެ އުފާވެރިކަމެއް ނެތެވެ.  

މިދެސިފަ ނުހުންނަ ތަނަވަސް މީހުން ދެކޭނީ އަނބިމީހާއަށް ބޭނުންވާ އެއްޗެތި ހޯދައިދެވުމުން އެއޮތީ ހުރިހާ ކަންކަން ކޮށްދެވިފައި ކަމަށެވެ. އަނބިމީހާއާއިމެދު ކޮންމެ ގޮތަކަށް ކަންތައް ކުރިނަމަވެސް ދެން ޖެހޭނީ ޝަކުވާނުކޮށް މަޑުން އިންނަން ކަމަށެވެ. އަދި އަނބިމީހާއަށް ލޯބިނުދިނަސް ތިމާއަށް ބޭނުންވާ ލޯބިލިބެންވެސް ޖެހޭނެ ކަމަށެވެ.  

އަހުރެން މިވާހަކަކޮޅު މިބުނެލީ މައްސަލަތައް ކުރިމަތިވެގެން އަހުރެންގެ ގާތަށް ލަފާހޯދަން އަންނަ ގިނަ މީހުން ދައްކާ ވާހަކައިގެ މައްޗަށް ބުރަވެއެވެ. މިއީ ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާ ކަމަކަށްވާތީއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން