ނަޞީބުވެރިންކަމަށް ގިނަ ބައަކު މިއަދު ބަލާ ކަންތައްތައް ވަރަށް ތަފާތެވެ. މިބުނަނީ ޤުރްއާނުގައި ބަޔާންވެގެންވާ ގޮތާއި ތަފާތު ވާހަކައެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ.
52﴾ وَمَن يُطِعِ اللَّهَ وَرَسُولَهُ وَيَخْشَ اللَّهَ وَيَتَّقْهِ فَأُولَٰئِكَ هُمُ الْفَائِزُونَ
"އަދި اللَّه އާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވެ، އަދި اللَّه އަށް ބިރުވެތިވެ، އެކަލާނގެއަށް ތަޤްވާ ވެރިވާމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ނަޞީބް ލިބިގެންވާ މީހުންނެވެ."
(އަންނޫރު: 52)
ނަޞީބް ލިބިގެންވުމަކީ ޢާއިލާ ބޮޑުވުމާއި ތަނަވަސްކަން އިތުރުވެ ބޮޑު މަޙްޖަނަކަށް ވެވުމެއް ނޫނެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށް ވެވުމެވެ. މިއާޔަތުގައި އެވަނީ އެކަން ޙާޞިލްކުރެވެން އޮތް މަގެވެ.
އެކަން ޙާޞިލްކުރެވެން އޮތީ اللَّه އާއި، އެކަލާނގެ ރަސޫލާ ﷺ އަށް ކިޔަމަންވެ، އަދި اللَّه އަށް ބިރުވެތިވެ، އެކަލާނގެއަށް ތަޤްވާ ވެރިވެގެންނެވެ. މަރުވާނެކަމާއި މަރުވުމުން އެމީހަކަށް ޤިޔާމަތްވީކަމާއި ޙިޞާބު ބައްލަވާދުވަހު ސަލާމަތްވެވި ސުވަރުގެ ލިބުން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ.
- އިސްލާމީ ތިލަަފތުގެ ދަރުސަކުން