ކިތަންމެ ގިނައިން އަދި ބޮޑެތި ހެޔޮޢަމަލުތައް ކުރިނަމަވެސް އެކަންކަމުން އެއްވެސް ފައިދާއެއް ނުކުރާނެ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކިތަންމެ ގިނައިން އަދި ބޮޑެތި ހެޔޮޢަމަލުތައް ކުރިނަމަވެސް އެކަންކަމުން އެއްވެސް ފައިދާއެއް ނުކުރާނެ މީހުން!

ބައެއް މީހުން ވަރަށް ގިނަ ހެޔޮޢަމަލުތައް ކުރެއެވެ. ﷲ ތަޢާލާގެ މަގުގައި ހޭދަވެސް ކުރެއެވެ. މިސްކިތްވެސް އަޅައެވެ. އެކަމަކު ނަމާދުތަކަށް ރައްކައުތެރިއެއް ނުވެއެވެ. މިފަދަ މީހުންނަކީ މަދު ބައެއްކަމަކަށް ބުނެވޭކަށްވެސް ނެތެވެ. އެހެންކަމުން މިކަންކަމަށް ވިސްނައިލަމާތޯއެވެ!  

ނަމާދު ނުކުރާ މީހުންގެ ހެޔޮ ޢަމަލުތައް މާތްﷲ ގަބޫލު ކުރައްވަވާނެބާ؟

އިބްނު ޖަރީރުއް ޠަބަރީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ތަގްވާވެރި ކަމެއް ނެތި (ކުފުރުގެ ސަބަބުން) ހެޔޮ ޢަމަލު ކޮށްފި މީހާ އަށް ޘަވާބު ދެއްވާނީ ދުނިޔެމަތީގައެވެ. އާޚިރަތަކު ނޫނެވެ. ރަޙިމްގެ ގުޅުން ދަމަހައްޓާ، ފަގީރަކަށް އެހީތެރިވެ، ނުވަތަ މިނޫންވެސް ހެޔޮ ޢަމަލެއް ކޮށްފައި ވާނަމަ އެމީހަކަށް ޘަވާބު ދެއްވާނީ ދުނިޔެމަތީގައެވެ. ދުނިޔެމަތީގައި އެމީހެއްގެ ދިރިއުޅުން ތަނަވަސް ކޮށް ދެއްވާނެއެވެ. އޭނާގެ ކުފުރުގެ ސަބަބުން، ހެޔޮ ޢަމަލުތަކުން އާޚިރަތުގައި ފައިދާ ކުރުވުމުން މަނާ ކުރުވައެވެ. ސަބަބަކީ ޢަމަލުތައް ގަބޫލު ކުރެއްވުމުގެ އެއް ޝަރްޠަކީ އެމީހަކީ އިސްލާމަކު ކަމުގައި ވުމެވެ.

އަލްގާޟީ ޢިޔާޟް- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ކާފަރުން ކުރާ ހެޔޮ ޢަމަލުން ގިޔާމަތް ދުވަހު އެއްވެސް ފައިދާ އެއް ނުކުރާނެ ކަމާއި މެދުގައި ޢިލްމުވެރިން އިޖްމާޢުވެލައްވައެވެ.

އިބްނު ޙަޖަރު- ރަހިމަހުﷲ- ވިދާޅުވެފައިވެއެވެ. "ދަންނައެވެ. އެބައިމީހުން މީސްތަކުންނަށް ޓަކައި ކޮށްދީފައިވާ ހެޔޮ ޢަމަލުތައް ﷲ ގެއްލެނިވެ ނުކުރައްވާނެއެވެ. އެހެންނަމަވެސް، އެމީހުންނަށް އެކަމުގެ ދަރުމަ ލިބޭހުށީ ދުނިޔެ މަތީގައެވެ. އާޚިރަތަކު ނޫނެވެ. އެއާއި ޚިލާފަށް، މުސްލިމުން ހެޔޮ ޢަމަލެއް ކޮށްފައިވާނަމަ ދުނިޔެ އާއި އާޚިރަތުގައި އެކަމެއްގެ ހެޔޮ ޖަޒާ ދެއްވާނެއެވެ".

ވީމާ، ނަމާދު ނުކުރާ މީހަކު މިސްކިތެއް ބިނާ ކުރި ކަމުގައި ވީނަމަވެސް ގިޔާމަތް ދުވަހުން އެމީހަކަށް އެއްވެސް ފައިދާ އެއް ނުކުރާނެއެވެ. އެކަމުގެ ފައިދާ އެމީހަކަށް ކުރާނީ ދުނިޔެމަތީގައި އެކަންޏެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން