ދުނިޔޭގައި 6 ބިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު އެމީހަކު ޙާޞިލުކުރަން ބޭނުން ހުރިހާ ކަމެއް، އެމީހާ ޙާޞިލުކުރަން ބޭނުންމިންވަރަށް ޙާޞިލުކުރެވިފައިހުރި ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެނީ އިންސާނުންނަކީ އަބަދުވެސް ދެއްވަވާ މިންވަރަށްވުރެ އިތުރަށް ލިބުމަށް ޝައުޤުވެރިވާ ބައެކެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުން ނުވަތަ ބިލިއަނަރުންނަށް ބެލިނަމަވެސް ލިބިފައިވާ މިންވަރަށް ރުހިގެން، އިތުރު ނިޢްމަތްތަކަށް ބޭނުންނުވެ ހުރި މީހަކު ނެތްކަމަށް ބުނެވިދާނެއެވެ. އެަން އޮތީ ޞަޙީޙް ޙަދީޘްފުޅުން ވަރަށް ރަނގަޅަށް އެނގޭށެވެ.
އާދަމްގެ ދަރިއަކަށް (އިންސާނަކަށް) ރަނުގެ ވާދީއެއް ލިބުނު ނަމަވެސް އިތުރުވާދީއަކަށް އެދޭނެކަމާއި ދެވަނަ ވާދީއެއް ލިބިއްޖެނަމަ 3 ވަނަ ވާދީއަކަށް އެދޭނެކަމާއި ހިތް ނުފުރޭނެކަން އެއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. ގިނައިން ލިބޭވަރަކަށް ދަހިވެތިކަން އިތުރުވާކަން އެއީ ފެންނަމުންދާ ކަންކަމެވެ.
ވީމާ ޤަބޫލުކުރަންވީ ކަމަކީ ﷲ ތަޢާލާ އެމީހަކަށް ދެއްވަވަން ކަނޑައަޅުއްވަވާފައިވާވަރަށް ދެއްވަވާނެ ކަމެވެ. ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ރިޒްޤް ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. ޔަޤީންކުރަންޖެހޭ ކަމަކީ ދުނިޔޭގައި އެމީހަކަށް ދެއްވަވަން ކަނޑައަޅުއްވަވާފައިވާ މިންވަރު އެކަމަށް ކަނޑައަޅުއްވަވާފައިވާ ވަގުތުގައި ލިބޭނެ ކަމެވެ.
ހިތާމަކުރަންޖެހޭ ކަމަކީ ދެއްވަވާ މިންވަރުމަދުވެ ފިކުރުކުރަމުން ގޮސް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުވެސް ނުކުރެވޭ ޙާލަތަށް ބައެއް މީހުންގެ ކަންކަންދާކަމެވެ. އެފަދަ މީޙުންނަކީ މިންވަރަށް އީމާންވެވޭ ބައަކު ކަމުގައި ނުވާނެއެވެ. މިންވަރަށް އީމާންނުވެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އީމާންކަން ފުރިހަމަނުވެ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނީ ކިހަކުންހެއްޔެވެ؟
ޙައްލަކީ ދަތިހާލަތެއް ކުރިމަތިވުމުން ތިމާއަކީ އެންމެ ދަތޙާލަތުގައި ހުރި މީހަކު ކަމަށް ޤަބޫލްނުކުރުމެވެ. ތިމާއަށްވުރެ މާދަތި ޙާލުގައިވެސް އެތައް މިލިއަން ބައަކު ދިރިއުޅެމުންދާކަން ހަނދާންކޮށްލުމެވެ. ވީމާ ކިތަންމެ ދަތޙާލެއްގައި ދިރިއުޅެންޖެހުނު ނަމަވެސް މި ބަޔާންކުރި ކަންކަމަށް ވިސްނާށެވެ! ކެތްތެރިވެ ސާބިތުވާށެވެ! އެމީހަކަށް ހިތްހަމަޖެހުން ދެއްވަވާނެތެވެ! ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން