އެންމެ ފައިދާހުރި ތަނަވަސްކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެންމެ ފައިދާހުރި ތަނަވަސްކަން-

އޭނާގެ އަތުގައި ފައިށާ ގިންވެ، ދިރިއުޅޭގެ ބޮޑުވެ މައްޗަށް އުފުލާފައި ހުރުމުން، ކަންބޮޑުނުވާށެވެ! އަމިއްލަ ޖެޓުގައި އުދުހުނަސްމެއެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ލިބެނީ ކުރި އަޅުކަން ގިނަވެ އެންމެ ގިނަ ޘަވާބު ހޯދި މީހަކަށެވެ. ގަދައަޅައި މަސައްކަތްކުރަންވީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަތައް ލިބިގަތުމަށެވެ. 

ހަމައެއާއިއެކު މިކަންކަމަށްވެސް ވިސްނައިލާށެވެ! 

މުއްސަނދިން އެމީހުންގެ ދިރިއުޅުމުގައި އަގުބޮޑު ކާރާއި ލޯންޗްފަހަރާއި އަދި އަމިއްލަ ހެލިކޮޕްޓަރާއި ޖެޓްވެސް ބޭނުންކުރާތީ ބައެއް މީހުން އެބަ ނަފުރަތު ކުރެއެވެ. އެއީ ދެއްކުންތެރި އަމަލެއް ކަމަށްވެސް އެބަ ބުނެއެވެ. 

ނަމަވެސް އެކަން އެގޮތަށް އެހައި ފަސޭހައިން ނުނިންމާށެވެ! އެމިހާއަކީ ފަރުޟުތައް ފުރިހަމައަށް އަދާކޮށް ރިވެތި ބަހުން މީސްތަކުންނާއި މުޢާމަލާތުކުރާ އަދި ނިކަމެތިންނަށް ރަޙުމްކުރާ އޯގާތެރިއަކު ކަމުގައިވާނަމަ އެމީހާއަށް ފާޑުކިޔާނީ ކިހިނަކުން ހެއްޔެވެ؟ 

ޒަކާތް ދައްކައި އަދި ޞަދަޤާތް ދެމުން އެމީހަކު އެހީތެރިވެ ބަލަހައްޓަންޖެހޭ މީހުން ބަލަހައްޓަމުން އަދި ޙައްޖުވެ ޢުމުރާވަމުން އެމީހާގެ އުފަލުގައި ކުރާ ކަންކަމާއި ނުބެހޭށެވެ. އަދި އެކަންކަން ނުކުރިނަމަވެސް އޭނަގެ ދިރިއުޅުމާއި ނުބެހޭށެވެ. ހަސަދަވެރިވެވުމާ ޣީބަ ބުނުމުގެ ފާފައިގައި މީހާ ތާށިވެދާނެއެވެ! ފުރުޞަތެއް ލިބިއްޖެ ނަމަ ހެޔޮ ނަޞޭޙަތްދޭށެވެ! އެއީ ކޮންމެ މުސްލިމަކުވެސް އޭނާގެ އަޚާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ! 

ވަރަށް އާދައިގެ  ފެންވަރުގެ މީހުންގެ ތެރޭގައި ވެސް ދެއްކުންތެރި ދިރިއުޅުން އުޅޭ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ މީހުން އެބައުޅެއެވެ. ދެއްކުންތެރި ކަންކަންކުރާ މީހުންނަށް ނުވިސްނިގެން މިއުޅެނީ މީހާގެ ދަރަޖަ ކަނޑައަޅަނީ ލައިގެން ހުންނަ ހެދުމަކުން ، ދިރިއުޅޭގެއަކުން، ދުއްވާ ކާރަކުން ނޫންކަމެވެ! އެމީހާގެ އަޚްލާޤުންނާއި ތަޤްވާވެރިކަމުންކަމެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން