މީސްތަކުން މިއަދު އެންމެ ބޮޑެތި ހޭދަތައް ކުރަމުން ގެންދަނީ ކެއިން ބުއިމަށާއި އުފަލާއި މަޖާކުރުމަށާއި ރީތި ފޭރާންލުމަށާއި މިހެން ގޮސް ދުނިޔަވީ ހިތްހަމަޖެހުން ހޯދުމަށެވެ. ވިސްނާލަން އޮތް ކަމަކީ މިއިން އެއްވެސް ކަމަކީ އެމީހަކާއިއެކުގައި ދެމިގެންވާނެ ކަންކަން ނޫންކަމެވެ.
ކިތަންމެ އަގުބޮޑު، ކިތަންމެ މަޝްހޫރު ރެސްޓޯރަންޓަކުން ކައިބޮއިހެދިނަމަވެސް އިރުކޮޅެއްވާއިރަށް ބަނޑުން ނުކުމެގެންދާނެއެވެ. ކިތަންމެ ބޮޑު ހޭދައެއްކޮށްގެން އުފަލާއި މަޖާކުރިނަމަވެސް އެކަމުން ލިބޭ ހިތްހަމަޖެހުން ދެމިއޮންނާނީ އެކަންކުރާ ވަޤުތުކޮޅުގައި އެކަންޏެވެ. ކިތަންމެ އަގުބޮޑު އަދި ކިތަންމެ ރީތި ފޭރާމެއްލީނަމަވެސް އެކަމުގެ ހިތްހަމަޖެހުން ދެމިއޮންނާނީ އެފޭރާމެއް ލައިގެންހުރި ވަޤުތުކޮޅުގައި އެކަންޏެވެ.
އަދި ކީއްހެއްޔެވެ؟ މިއަދު އެންމެ ބޮޑު ހޭދައެއް ކުރާ އެއްކަމަކީ މޭކަޕްކުރުމާއި އަގުބޮޑު ސެންޓް ޖެހުމެވެ. މިކަންކަމުގެ ހިތްހަމަޖެހުންވެސް ދެމިގެންވަނީ ހަމަ ދާދި މަދު ވަޤުކޮޅަކަށެވެ.
މީސްތަކުންނޭވެ! ވިސްނައި ފިކުރުކުރާށެވެ! އެކަންކަން އެދެނީ ވަރަށް ވަރުގަދަ ފިލާވަޅެކެވެ. އެއްފިލާޥަޅަކީ ދުނިޔޭގެ އުފަލާއި ހިތްހަމަޖެހުމުގައި އެއްވެސް އަގެއް ނެތްކަމެވެ. ދާދި ކުޑަކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި އެމީހަކާއި ވަކިވެގެންދާނެކަމެވެ. ދާއިމަށް އެމީހަކާއި އެކުގައި ނުވާނެކަމެވެ.
މިމެސެޖް ތިމާގެ ޙަޔާތާއި ގުޅުވައިލާށެވެ! އެއިރުން މިދައްކާ ވާހަކައިގެ ޙަޤީޤަތް އެނގިގެންދާނެއެވެ. މިދުނިޔޭގެ ޙަޔާތަކީ ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ ކަމެއްކަން އެނގިގެންދާނެއެވެ.
އަހުރެން މުޚާޠަބް މިކުރަނީ ދުނިޔޭގެ ޙަޔާތަކީ ހަމައެކަނި އުފަލާއި އަރާމާއި ހިތްހަމަޖެހުން ކަމުގައި ހަދަން މަސައްކަތްކުރާ މީހުންނަށެވެ. އެއްވެސް ޙާލެއްގައި އެމީހަކާއި އެކަށީގެންވާ މިންވަރަކުން ދުނިޔޭގެ އުފާތައް ޙާޞިލުނުކުރަން ބުނަނީއެއް ނޫނެވެ. ބުނަން ބޭނުންވަނީ މަޤްޞަދަކީ ހަމައެކަނި ދުނިޔޭގެ އުފަލާއި އަރާމު ހޯދުންކަމުގައި ނުހެދުމަށެވެ.
އެހެނީ އަހުރެމެންގެ ދާއިމީ މަންޒިލަކީ މަރުވުމަށްފަހު ދެންފެށޭ ޙަޔާތެވެ. ހޭލުންތެރިވެ މަސައްކަތްކުރަންވީ ދާއިމީ ޙަޔާތް ބާއްޖަވެރިކުރުމަށެވެ. ކައްވަޅުގައި ހޭދަކުރަންޖެހޭ ދުވަސްތަކާއި އެއަށްފަހު ކުރިމަތިލާންޖެހޭ ދުވަހަކުވެސް ނިމުމެއް ނެތް އާޚިރަތް އުފާވެރިކުރުމަށެވެ. އެކަން ޙާޞިލްކުރެވޭނީ ދުނިޔޭގެ އުފާވެރިކަމަށްވުރެ އާޚިރަތް އިސްކޮށްގެން މަސައްކަތްކުރާ މީހަކަށެވެ. ހުރިހާވެސް ނަޞޭޙަތަކީ އެފަދަ މީހުން ކަމުގައިވުމެވެ. ޙަޤީޤީ އުފާވެރިކަން ލިބުން އޮތީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން