ނަރަކައަށް ވަންނަންޖެހުމުން އެމީހުން ކުރާނެ އާދޭހަށް ﷲ ތަޢާލާ ދެއްވަވާނެ ޖަވާބަށް ބިރުވެތިވެވޭނީ މިއަދު! އެދުވަހު އެއްވެސް ފުރުޞަތެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ނަރަކައަށް ވަންނަންޖެހުމުން އެމީހުން ކުރާނެ އާދޭހަށް ﷲ ތަޢާލާ ދެއްވަވާނެ ޖަވާބަށް ބިރުވެތިވެވޭނީ މިއަދު! އެދުވަހު އެއްވެސް ފުރުޞަތެއް ނުލިބޭނެ!

ޙަޤީޤަތަކީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ޤުރްއާނުން އެނގެން އޮތްނަމަވެސް އެކަންކަމަށް ބިރުވެތިނުވެވޭކަމެވެ. ހިތަށްއެރިހައި ގޮތަކަށް އުޅެވޭކަމެވެ. ކުރަން ބޭނުންވާހައި އުފާތަކެއް ކުރެވޭ ކަމެވެ.  

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.  

"ހަމަކަށަވަރުން، ކާފިރްވިމީހުންނަށް (އެދުވަހުން) ގޮވައިލައްވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސްތަކަށް ތިޔަބައިމީހުން ނަފުރަތުވާ ވަރަށްވުރެ، اللَّه ގެ ކޯފާވެވޮޑިގަތުން މާބޮޑެވެ. އެހެނީ ތިޔަބައިމީހުންނަށް އީމާންވުމަށް ގޮވައިލައްވާހިނދު، ތިޔަބައިމީހުން ކާފިރްވަމުއެވެ." 

"އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އަޅަމެން ދެފަހަރަށް މަރުގަންނަވައި، ދެފަހަރަށް ދިރުއްވައިފީމުއެވެ. ފަހެ، އަޅަމެންގެ ފާފަތަކަށް، އަޅަމެން އިޢްތިރާފްވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް (މި ޢަޛާބުން) ނުކުމެވޭނޭ އެއްވެސް މަގެއް ވޭތޯއެވެ؟" (ނޯޓު: ފުރަތަމަ ފަހަރުގެ މަރަކީ، ނެތުމުގެ ތެރޭގައި އެއުރެން ވީހިނދެވެ. ދެވަނަފަހަރުގެ މަރަކީ، އަޖަލު ހަމަވެގެން ދުނިޔޭގައިވީ މަރެވެ. ފުރަތަމަ ފަހަރުގެ ދިރުއްވުމަކީ، ދުނިޔެއަށް ފޮނުއްވުމެވެ. ދެވަނަފަހަރުގެ ދިރުއްވުމަކީ، މަޙްޝަރަށް ފޮނުއްވުމަށް ދިރުއްވުމެވެ.) 

(ޖަވާބުގައި އަންގަވާނެތެވެ.) "އެއީ ހަމައެކަނި اللَّه އަށް އަޅުކަން ކުރުމަށް ގޮވައިލެއްވިހިނދު، ތިޔަބައިމީހުން ކާފިރުވިކަމަށްޓަކައެވެ. އަދި އެކަލާނގެއަށް ޝަރީކުކުރާހިނދު، ތިޔަބައިމީހުން (އެކަމަށް) އީމާންވާކަމަށްޓަކައެވެ. ފަހެ، ޙުކުމް ކުރެއްވުންވަނީ، އެންމެމަތިވެރި، އެންމެ عظمة ތެރި اللَّه އަށެވެ."

(އަލް ޣާފިރް: 10،11، 12) 

މީސްތަކުންނޭވެ! ހޭލުންތެރިވާންވީ މިއަދުއެވެ. އަހުރެންނަކީ މުސްލިމެއް ކަމަށް ބުނެލުމަކުން ނުފުދެއެވެ. ނަމާދުނުކުރާނަމަ އެމީހަކީ މުސްލިމަކަށް ނުވެއެވެ. އަޅާ އާއި ކާފިރުކަމާއި ދެމެދުވަނީ ނަމާދު އަޅައިފުމެވެ.

ޤިޔާމަތް ދުވަހު މީސްތަކުންގެ މައްޗަށް ﷲ ތަޢާލާ ޙުކުމް ކުރައްވަވާނެ ގޮތެއް ނުއެނގޭނެއެވެ. ނަމަވެސް މިހުރީ ﷲ ތަޢަލާގެ އެންގެވުންތަކެވެ. މިއަދު ފުރިހަމަ ގޮތުގައި ﷲ ތަޢަލާއަށް އީމާންވެ ހެޔޮ ޢަމަލުތައް ނުކުރާނަމަ ކަންކަން ވެގެންދާނެ ގޮތް މިހިރީ އެނގޭށެވެ.  

އެދުވަހުން ތިމާއަކީ ﷲ ތަޢާލާގެ ޢަޛާބް ޙައްޤު މީހަކަސް ވެއްޖެނަމަ ދަންނަވާ އާދޭހަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަން މިބަޔާންކުރި އާޔަތްތަކުންވެސް މިއޮތީ އެނގޭށެވެ. މިއަދު ބަހަނާތައް ދެއްކިދާނެއެވެ. އެހެނަސް އެދުވަހުން ބަހަނާއެއް ނުދެއްކޭނެއެވެ. އޮންނާނީ ހަމަ އެންމެ ޗޮއިސްއެކެވެ. އެއީ ﷲ ތަޢާލާގެ ޙުކުމްފުޅަށް ބޯލަނބައި ކިޔަމަންގަތުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން