އިބްލީސް ވަސްވާސްދިނުމަކުން ތިބާ ފާފަވެރިއެއް ނުވާނެ! ފާފަވެރިވާނީ އޭތި ބުނާ ގޮތަށް ކަންކަން ކޮށްފިނަމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އިބްލީސް ވަސްވާސްދިނުމަކުން ތިބާ ފާފަވެރިއެއް ނުވާނެ! ފާފަވެރިވާނީ އޭތި ބުނާ ގޮތަށް ކަންކަން ކޮށްފިނަމަ!

ފާފައެއް ކުރެވުމުން އިބްލީސް ކުށްވެރިކުރާ މީހުން ގިނައެވެ. އަދި އެކަމުގެ ޒިންމާ އިބްލީހުގެ ބޮލުގައި އަޅުވައި ނިންމައިވެސްލައެވެ. ނަމަވެސް މިއީ ޙައްލެއް ނޫނެވެ. އިބްލީސް ވަސްވާސް ދިނުމަކުން އެމީހަކު ފާފަވެރިއެއް ނުވެއެވެ. ފާފަވެރިވާނީ ފާފަކުރުމުންނެވެ. ފާފަކުރުމުގެ އިޚްތިޔާރު ލިބިގެންވާ ފަދައިން ފާފަނުކޮށް ހުރުމުގެ އިޚްތިޔާރާއި ބާރުވެސް ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. 

ބައެއް މީހުން ބުނެއެވެ. "ތިމާއަކީ މަގުގެއްލިފައިވާ މީހެކެވެ. ނުބައި މީހެކެވެ. ނުބައިކަންކަން ކުރެވޭ މީހެކެވެ. ދެން އެކަމާ އަހަރެންކުރާނީ ކީއްހެއްޔެވެ؟ އަހަރެންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟" އަދި މިފަދައިން ބުނާ މީހުން ވެސް އުޅެއެވެ. އަހަރެންނަކީ ނުބައިމީހަކީމެވެ. ރަނގަޅުވާކަށް ބޭނުމެއްވެސް ނޫނެވެ." 

ރަނގަޅަށް ހަނދާނުގައި ބަހައްޓާށެވެ. މިފަދަ ބަސްތައް ބުނާ މީހުންނަކީ އަހަރެމެންގެތެރެއިންވާ މީހުންނެއް ނޫނެވެ. އެއީ އިބިލީހުގެ ގޮތަށް (އިބިލީސް އުޅޭ، އިބްލީސް ޢަމަލުކުރިގޮތަށް) ތަބަޢަވެގެން ތިބޭ މީހުންނެވެ. 

ފުރަތަމަ ސަބަބަކީ މުސްލިމުންނަކީ އެއްވެސް ހާލެއްގައި ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައިލާ ބައެއް ނޫނެވެ. ކަނޑާލައިގެންވާނެވެސް ބައެއް ނޫނެވެ. ނަމަވެސް އިބްލީސް އެހުރީ ކުށްކުރުމަށްފަހު އޭނާއަކީ ކުށްވެރިއެއްކަން ޤަބޫލުކުރުމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުން ހުރިހާ އުންމީދުތަކެއް ފުރަތަމަވެސް ކަނޑާލައިގެންނެވެ. އޭނާއަށް ކުރެވުނު ކުށުގެ ފާފަފުއްސަވައިދެއްވެވުމަށް އެދި ދެންނެވުމުގެ ބަދަލުގައި ﷲ ތަޢާލާ އާއި ޖަދަލުކޮށްގެންނެވެ. އޭނާއަކީ ނުބައި އެއްޗެއް ކަމަށް ޤަބޫލުކޮށްގެންނެވެ. 

މުސްލިމުން މުޅިން ތަފާތެވެ. މުސްލިމުން ޤަބޫލުކުރަނީ ކޮންމެ އާދަމްގެ ދަރިއަކީވެސް ފާފަކުރެވޭނެ މީހަކު ކަމަށެވެ. އަދި ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށެވެ. 

ﷲ ތައާލާގެ ޙަޟްރަތުން އުންމީދު ކަނޑާލަންޖެހޭ އެއްވެސް ޙާލަތެއް ނެތެވެ. އެކަން އެނގެނީ ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުންނެވެ. 

"—ތިމަންރަސްކަލާނގެއީ އެއުރެންނާ ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެއަށް ދުޢާކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ ޢިޖާބަ ކުރައްވަވަމެވެ. ފަހެ، އެއުރެން (ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް ޢިޖާބަދޭހުށިކަމެވެ. އަދި އެއުރެން ތިން ރަސްކަލާނގެއަށް އީމާންވާހުށިކަމެވެ. (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ." 

އަދި ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް ތައުބާވުމުން އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށްވެސް ވަނީ ވަޙީކުރައްވަވައިފައެވެ. އެއީ މިކައުނު ފުރޭގައި ގިނަ ފާފަތައް ކަމުގައިވީނަމަވެސްމެއެވެ. 

ވީމާ އެއްވެސް ޙާލެއްގައި އެއްވެސް މުސްލިމަކު ތިމާއަކީ މަގުގެއްލިފައިވާ ނުބައި މީހެއްކަމަށް ބަލައި ނިންމާލައިގެން ނުވާނެއެވެ. އެކަން ޤުރްއާނުގެ އެތައް އާޔަތަކުންނާއި ޙަދީޘްފުޅުތަކުން  ވަރަށް ފުރިހަމައަށް އެނގިގެންދެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން