ތިބާއަށް ވަސްވާސްދީ ފާފަކުރުވި އިބްލީސް ދެރަކޮށް ރޮއްވާލަން އެންމެ ފަސޭހަ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތިބާއަށް ވަސްވާސްދީ ފާފަކުރުވި އިބްލީސް ދެރަކޮށް ރޮއްވާލަން އެންމެ ފަސޭހަ ގޮތް-

ފުރަތަމަ ކަމަކަށް ޤަބޫލުކުރަންވީ ކޮންމެ މީހަކަށްވެސް ފާފަ ކުރެވޭނެކަމެވެ. އެކަން ޤަބޫލުކުރުމާއިއެކު ވިސްނަންވީ ފާފައެއް ކުރެވުނަސް ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ އުފުލައިލެވޭނެކަމަށެވެ. ފާފަކުރުވި އިބްލީސް ދެރަކޮށް ރޮއްވައިލެވޭނެ ކަމެވެ. 

މީސްތަކުންނަށް ފާފަކުރެވެނީ އެކަމަށް ޝައިޠޯނާ ވަސްވާސްދިނުމުންނެވެ. އޭތީގެ ކަސްތޮޅުގައި ތާށިވެފައިވާތީއެވެ. އެހެންވެ މީހަކަށް ފާފައެއް ކުރެވިއްޖެނަމަ އޭތި ވަރަށް އުފާކުރާނެއެވެ. އެއީ އޭތީގެ މަސައްކަތް ކާމިޔާބުކުރެވުނީތީއެވެ. 

މީހަކު ލައްވާ ފާފައެއް ކުރުވުނީތީ އިބިލީސް އުފަލުން ހީނ، އަތްޖަހަނަ ހުއްޓައި އިބްލީސް ދެރަކޮށް ރޮއްވައިލެވިދާނެއެވެ. އެކަންކުރާނެ ގޮތް މިކިޔައިދެނީއެވެ. 

އިބިލީސް އެންމެ ދެރަވެ މާޔޫސްވާނީވެސް ދެރަވެ ރޯނީވެސް ފާފައެއް ކުރެވޭއިރަށް ތައުބާވުމަށް އަވަސްވެގަތުމުންނެވެ. އެއީ ތައުބާވުމަށް އަވަސްވެގަތުމުން އެމީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުލިގެންދާނެތީއެވެ. ވީމާ ކިތަންމެ ކުޑަ އަދި ކިތަންމެ ބޮޑު ފާފައެއް ކުރެވުނަސް ތައުބާވުމަށް އަވަސްވެގަންނާށެވެ! 

އިބިލީސް ތިބާލައްވައި ފާފަކުރުވީ ތިބާ ނަރަކައަށް ވައްޓައިލެވޭނެކަމަށެވެ. އެހެނެއްކަމަކު ތިބާ އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމުން ތިބާގެ ދަރަޖަ އުފައްލަވައި މަތިވެރިކުރެއްވެވުމުން އިބިލީހަށް ކުރާނެ އަސަރު ކިހައިބޮޑުވާނެހެއްޔެވެ؟ 

ވިސްނާށެވެ! ﷲ ތައާލާ ތިބާއާއިމެދު ގޮތް ނިންމަވާނީ ތިބާއަށް ކުރެވޭ ފާފަތަކަށް ބައްލަވައިވޮޑިގެނެއް ނޫނެވެ. ތިބާގެ ތައުބާވުމަށް ބައްލަވައިވޮޑިގެނެވެ. އެކަން އެނގެނީ ގިނަގިނައިން ތައުބާވާ އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީއެވެ. ގިނަގިނައިން ތައުބާވުމަށް ލޯބިވެވޮޑިގަންނަވާތީއެވެ.    

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން