ޢާދު ބާގައިގެ މީހުންނަކީ، ޘަމޫދު ބާގައިގެ މީހުންގެ ކާބަފައިންނެވެ. އަދި އެމީހުންނަކީ ޘަމޫދު ބާގައިގެ މީހުންގެ ޒުވާން ޖީލެއްކަމަށްވާއިރު، އެމީހުންގެ ކާބަފައިންވެސް ކުރިފަދަ ނުބައި ޢަމަލުތައް އެމީހުން ކުރަމުންއައެވެ. އެގޮތުން، ﷲ އަށް ޝަރީކަކުރުމާއި، ބުދަށް އަޅުކަންކުރުމާއި އަދި އެކަކަށްވުރެ ގިނަ ކަލާންގެތަކަށް އަޅުކަންކޮށްއުޅުނެވެ. އަދި އެމީހުންނަކީވެސް ގެދޮރުބިނާކުރުމުގެ ރޮނގުން ވަރަށް ބޮޑަށް ކުރިއަރާގޮސްފައިވާ ބައެކެވެ.
ﷲ ޞުބުޙާނަހޫ ވަޠަޢާލާ އެމީހުންނަށް ތެދުމަގު ދެއްކެވުމަށް ފޮނުއްވެވީ ޞާލިޙް ޢަލައިހިއްސަލާމްއެވެ. ނަމަވެސް ﷲގެ މަގަށް އައުމަށް އެކަލޭގެފާނު ގޮވާލެއްވވެވި ގޮވާލެއްވުމަށް އިޖާބަދިނީ މަދުބައެކެވެ. ގިނަ ބައަކު އެކަލޭގެފާނު، ﷲ ގެ މަގަށް ގޮވާލެއްވީތީ، އެކަމާ ރުޅިއައިސް، އެކަލޭގެފާނަށާއި އެކަލޭގެފާނަށް ޠަބަޢަވިމީހުންނަށް އެކިގޮތްގޮތުން ދުށްތުރާކޮށްހެދިއެވެ. މިއީ. ޢާދު ބާގައިގެ މީހުންނާއި ނޫޙު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުންވެސް، އެމީހުންނަށް ތެދުމަގު ދެއްކެވުމަށް ފޮނުއްވެވި ރަސޫލުބޭކަލުންނާއިމެދު ކަންތައްކުރި ގޮތެވެ.
ސޫރަތުލް އިބްރާހީމްގެ 7 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ތިއަބައިމީހުންގެ ކުރިން އުޅުނު މީހުންގެ ޚަބަރު ތިއަބައިމީހުންނާ ހަމަޔަކަށް ނާދޭހެއްޔެވެ؟ އެއީ ނޫޙުގެފާނުގެ ޤައުމުގެ މީހުންނާއި، އާދު ބާގައިގެ މީހުންނާއި، ޘަމޫދު ބާގައިގެ މީހުންނާއި، އެއުރެންގެ ފަހުން އުޅުނު މީހުންނެވެ. ﷲ އަށް މެނުވީ، އެއުރެންނެއް ނޭންގެތެވެ. އެއުރެންގެ ގާތަށް އެއުރެންގެ ރަސޫލުން ބަޔާންވެގެންވާ ހެކިތަކައިގެން ވަޑައިގަތެވެ. ފަހެ، އެއުރެންގެ އަނގަތަކުގައި، އެއުރެންގެ އަތްތައް އެޅޫއެވެ. އަދި އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، ތިއަބޭކަލުން އެކަމައިގެން ފޮނުއްވެވި ކަންތަކަށް ތިމަންމެން ކާފިރު ވެއްޖައީމެވެ. އަދި ހަމަކަށަވަރުން، ތިއަބޭކަލުން އެކަމަކަށް ތިމަންމެންނަށް ގޮވައިލައްވާ ކަމަކާއިމެދު، ހަމަކަށަވަރުން ތިމަންމެންވަނީ ވަސްވާސްތެރިކަމުން ފުރިގެންވާ ޝައްކެއްގައެވެ."
ޞާލިޙް އަލައިހިއްސަލާމްގެ ޤައުމުގެ މީހުން، އެކަލޭގެފާނުގެ ބަސްފުޅު ދޮގުކޮށް އެކަލޭގެފާނަށް އެތައް އުނދަގުލެއްކުރިއެވެ. ދެން ޞާލިޙްގެފާނަކީ ﷲ ގެ ރަސޫލެއްކަމަށް ހެކިދެއްކުމަށް އެކަލޭގެފާނުގެ އަރިހުގައި އެމީހުން ބުންޏެވެ. އަދި ގިނިކަންޏާ އިން ބޮޑު ގަލަކަށް އިޝާރާތްކޮށް، އެ ގައު އަންހެން ޖަމަލަކަށް ބަދަލުކުރެއްވުމަށް ﷲ ގެ ޙަޟްރަތުގައި ދެންނެވުމަށް އެކަލޭގެފާނު އަރިހުގައި ބުންޏެވެ.
އެއީ އެކަލޭގެފާނަށް ނުވާނެކަމަށްހީކޮށް، އެމީހުންގެ މަޤްސަދު ހުރީ އެކަލޭގެފާނަކީ ތާކުންތާކުންނުޖެހޭ ވާހަކަ ދައްކާ މީހެއްކަން ޘާބިތުކުރުމަށެވެ. އެމީހުން ބުނިގޮތަށް މާތްﷲ މެދުވެރިކުރައްވައިފިނަމަ، އެމީހުން ﷲގެ ބަސްފުޅު ތެދުކުރާނެކަމުގެ އެމީހުން ވައުދުވުމުން، ޞާލިޙްގެފާނު ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ. ދެން އެހިނދު، އެގައު ދެފަޅިވެ ބަނޑު ބޮޑުވެފައިވާ އަންހެން ޖަމަލެއް އޭގެތެރެއިން ނުކުތެވެ. ﷲ ޞުބުޙާނަހޫ ވަޠަޢާލާ، ޘަމޫދު ބާގައިގެ މީހުންނަށް ދެއްކެވި މި މުޢުޖިޒާތަކީ އެމީހުންނަށް ދެއްވެވި އިމްތިހާނެއްކަމުގައިމެނުވީނުވެއެވެ.
"އޭ އަހަރެންގެ ޤައުމުގެ މީހުންނޭވެ! މިއޮތީ ތިއަބައިމީހުންނަށް ހެއްކެއްގެ ގޮތުގައި އޮތް ﷲގެ ޖަމަލެވެ. ފަހެ، ﷲގެ ބިމުގައި އެޖަމަލު ކައިއުޅޭން އޭތި ދޫކޮށްލާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއްނުކުރާށެވެ ! ފަހެ، އެކަންކޮށްފިނަމަ ގާތްވެގެންވާ ޢަޒާބެއް އައިސް ތިއަބައިމީހުންނަށް ޖެހިދާނެތެވެ. " سورة هود : 64
އަދި އެ ޖަމަލުގެ ޙައްޤުތަށް އެމީހުންނަށް ވިދާޅުވެދެއްވެވުމަށް މާތްﷲ އެކަލޭގެފާނަށް އަމުރުފުޅުކުރެއްވިއެވެ.
"އަދި ކަލޭގެފާނު އެއުރެންނަށް އަންގަވާށެވެ! ހަމަކަށަވަރުން، ފެން ވަނީ އެއުރެންނާއި އެޖަމަލާއި މެދު ބައްސަވާފައިއެވެ. ކޮންމެ ބަޔަކަށްމެ، އެބައެއްގެ ބުއިން އެބައެއްގެ ދުވަހު ހާޟިރުކުރައްވާފައިވެއެވެ." سورة القمر : 28
މިސާލަކަށް މިއަދު ވަޅުން ޖަމަލު ފެން ބޮއެފިއްޔާ، މާދަން ފެން ބޯނީ އެމީހުންނެވެ. ޖަމަލު ފެން ބޯ ދުވަސްތަކުގައި، އަވަށު އެންމެންނަށް ޖަމަލުގެ ކިރު ލިބެއެވެ. އަދި އޭގެ ބިޔަކަމުން، ވާދީއަށް ހުއިހައްޕަން ދާއިރު ކަންބަޅި ބަކަރިތައް ބިރުން ދުވެގަނެއެވެ. އަދި އެޖަމަލު ވަޅުން ފެން ބޯ ދުވަސްތަކުގައި އެއްވެސް ހުއިހައްޕާ ޖަނަވާރެއް އެވަޅަކާއި ގާތެއްނުވެއެވެ. އެހެންކަމުން، މިޖަމަލަކީ އާދަޔާޚިލާފު އެއްޗެއްކަން ހާމަވެ، ބައެއް މީހުން، ޞާލިޙްގެފާނުގެ ބަސްފުޅަށް ތަބަޢަވިއެވެ. ނަމަވެސް، ކާފިރުވި މީހުން އެކަމާމެދު ހިތްހަމަނުޖެހިގެން އުޅުނީ، އެޖަމަލު ފެނުމުން އެމީހުން ވި ވަޢުދުގެ މަތިން ހަނދާންވާތީއެވެ.
އަދި ކޮންމެ ދުވަހަކުވެސް އެވަޅުން ފެން ބޮވޭނެ މަގު ތަނަވަސްކޮށް، އެޖަމަލު މަރާލުމަށް އެމީހުން ރޭވިއެވެ. ނުލަފާ ކަމާއި ކުށްކުރުމުގައި މަޝްހޫރު ނުވަމީހެއް އެރަށުގައިވެއެވެ. އަދި މިނުބައި ޢަމަލު ހިންގުމަށް އެމީހުންނާއި ހަވާލުކުރިއެވެ. އަދި ޞާލިޙުގެފާނުގެ ބަސްފުޅު އިންކާރުކުރި ހުރިހާ އެންމެންވެސް އެކަމާއިމެދު އެއްބަސްވޭތޯ ބެލުމަށްފަހު، ޖަމަލު މަރާލުމަށް އެމީހުންދިއައެވެ. ދެން، ރޭގަނޑުގެ ވަގުތުގައި އެޖަމަލު ފެންބޯން އޮއްވައި ސިއްރުން އައިސް، އެމީހުން އެޖަމަލު މަރާލިއެވެ. ނަމަވެސް އެޖަމަލުގެ ދަރި އެމީހުންގެ ކިބައިން ސަލާމަތްވިއެވެ. އޭތި ދުވެފައި ދިޔައީ އަންހެން ޖަމަލު ފާޅުވި ފަރުބަދަކައިރިއަށެވެ. އަދި އެހިސާބުން އޭތި ގެއްލުނެވެ.
ޞާލިޙް ޢަލައިހިއްސަލާމަށް އެމީހުންގެ މިނުބައި ޢަމަލުގެ ޚަބަރު އިވިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
"ތިޔަބައިމީހުންގެ ގެދޮރުގައި، ތިން ދުވަސްވަންދެން ތިއަބައިމީހުން އުފާކޮށް އުޅޭށެވެ ! އެއީ ދޮގުނުކުރެވޭނެ ވަޢުދެކެވެ. " سورة هود : 65
މިއީ އެމީހުންނަށް ލިބެންއުޅޭ ޢަޒާބަށް ދެއްވެވި އިންޒާރެކެވެ. އެހެންނަމަވެސް އެމީހުން އެބަސްފުޅު ޤަބޫލުނުކޮށް ޞާލިޙްގެފާނުވެސް އަވަހާރަކޮށްލަން ނިންމިއެވެ. ނަމަވެސް ތިންވަނަ ދުވަހު، ﷲ ގެ ޢަޒާބު އައިސް އެމީހުން ނެތިކޮށްލެއްވީ، ބާރުގަދަ އަޑުފަށްގަނޑެއް އިއްވަވާ، ބިންހެލުމެއްއައިސް އެމީހުންގެ ވަރުގަދަ ގެތަށް ބިމާއި ހަމައަށް ތިރިކޮށްލައްވާފައެވެ.
ވިސްނައި ފިކުރުކުރާ ބަޔަކަށް މެނުވީ މިއީ އިބުރަތުން ފުރިގެންވާކަމެއް ކަމުގައިމެނުވީ ނުވެއެވެ.
https://www.modernghana.com/news/576715/the-people-of-prophet-salih-thamud-killed-his.html
https://www.ukessays.com/essays/history/demolished-nations-described-in-holy-quran-history-essay.php