ޢާއިޝަތު ރަފާޙް ޢަލީ
އިސްލާމްދީނުގެ އަޚުންނާއި އުޚުތުންނޭވެ،
އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ ކަންކަމަކީ ބޮޑު ފޮޓޯއެއްގެ ވަކިވަކި ޕިކްސެލްތަކާ އެއްފަދައެވެ. ކޮންމެ ދުވަހަކީ އެ ފޮޓޯގެ އެއް ޕިކްސެލެވެ. އަޅުގަނޑުމެން ކެތްތެރިކަމާއެކު އެ ޕިކްސެލްތައް އެއްކުރަމުން ދާނަމަ، ވަގުތު ފާއިތުވަމުން ދާއިރު، އެ ފޮޓޯގެ މުޅި މަންޒަރު ސާފުވަމުންދާނެއެވެ. ނަމަވެސް، މަދު ޕިކްސެލްތަކަކުން މުޅި މަންޒަރު ދެނެގަންނަން މަސައްކަތްކުރުމަކީ އޮޅުންބޮޅުންވުމަށް މަގުފަހިވެދާނެ ކަމެކެވެ.
ޔޫސުފުގެފާނުގެ ވާހަކައިން އަޅުގަނޑުމެންނަށް ލިބޭ މުހިންމު ފިލާވަޅަކީ، އިމްތިޙާނުތަކާއި ދަތިތަކުގެ ފަހަތުގައި ވާ ﷲގެ ޙިކުމަތް އަޅުގަނޑުމެންނަށް ނޭނގޭނެކަމެވެ. ޔޫސުފުގެފާނު ވަޅުގަނޑަށް އެއްލައިލެވުނު ވަގުތު އެއީ ވަރަށް ދަތި އުނދަގޫ ވަގުތެއްކަމުގައި ވިޔަސް، އެކަމުގެ ސަބަބުން ފަހުން އެތައް ބަޔަކު ސަލާމަތްވިއެވެ. މިއީ ﷲގެ ރޭވުންތެރިކަމުގެ ނަމޫނާއެކެވެ.
އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކީވެސް ނިޢުމަތެއް ނުވަތަ އިމްތިޙާނެއްގެ ގޮތުގައި ދެކެވިދާނެއެވެ. މުހިންމީ އަޅުގަނޑުމެން ﷲގެ ޤަދަރަށް ރުހި، ކެތްތެރިކަމާއެކު ކުރިއަށް ދިއުމެވެ. "ފަޞަބްރުން ޖަމީލް" ނުވަތަ ރީތި ގޮތުގައި ކެތްތެރިވުމަކީ އަޅުގަނޑުމެން އިސްކުރަންވީ ސިފައެކެވެ.
ނިންމާލަމުން ދަންނަވާނީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބޮޑު މަންޒަރު އޮންނަނީ ﷲގެ އަތްޕުޅުގައެވެ. އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ﷲއަށް ތަވައްކުލުކޮށް، ކެތްތެރިކަމާއެކު ކުރިއަށް ދިއުމެވެ. ﷲ އިރާދަކުރައްވާ އަޅުތަކުންގެ ދަރަޖަ މަތިވެރިކުރައްވާނެކަން ޔަޤީނެވެ. ވަﷲ އަޢުލަމް.
- ޝައިޚް ޑރ. ސާޖިދު ޢުމަރުގެ ދަރުސަކުން