އެހެން އަންހެނެއްގެ ރަޙިމުގެ ތެރެއަށް ފަނިލައްވައިގެން ދަރިން ހޯދުމެއް ނެތް! އެއީ ހުއްދަ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 43ސ
އެހެން އަންހެނެއްގެ ރަޙިމުގެ ތެރެއަށް ފަނިލައްވައިގެން ދަރިން ހޯދުމެއް ނެތް! އެއީ ހުއްދަ ކަމެއް ނޫން!

ކޮންމެ ދެމަފިރިއަކުވެސް ދަރިން ބޭނުންވާނެއެވެ. ދަރިން ލިބުމަށް އެދޭނެއެވެ. އެހެންކަމާއިއެކުވެސް ދަރިން ހޯދުމުގެ ބޭނުމުގައިވެސް އިސްލާމް ދީން ހުއްދަނުކުރާ ކަންކަން ކޮށްގެން ނުވާނެއެވެ. ޓެކްނޮލޮޖީ ދާނީ ކުރިއަރަމުންނެވެ. ޢާންމުވަމުންނެވެ. ނަމަވެސް މުސްލިމުން ވިސްނަން ޖެހޭނީ ހުއްދަ ކަންކަން ކުރުމަށެވެ. 

ދަރިއަކު ލިބޭނެ އެހެން އެއްވެސް ގޮތެއް ނެތްނަމަ އެހެން އަންހެނެއްގެ ރަޙިމަށް ފަނި ލައްވައިގެން ދަރިން ހޯދުމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމަށް އޮތް ޖަވާބެވެ. އިން ޝާ ﷲ 

ސަރުގޭޓް މަދަރ ނުވަތަ އެހެން އަންހެނެއްގެ ރަޙިމްގެ ތެރެއަށް ފިރިމީހާގެ މަންޔާއި އަނބިމީހާގެ ބިސްލައިގެން އަށަގަންނަވާ ދަރިފުޅުގެ މައްސަލާގައި ބުނަމެވެ. ތިޔަ މައްސަލަ އަކީ ފަހުން އުފެދިގެން އުޅޭ މައްސަލައެކެވެ. ތިޔަ މައްސަލަ ދުނިޔެއަށް ފާޅުވީވެސް ދާދި ފަހުންނެވެ. އެހެންކަމުން، ކުރީގެ ޢިލްމުވެރިން ތިޔަ މައްސަލާގައި ބަޙުޘް ކުރައްވާފައެއް ނުވެއެވެ. ވުމާއިއެކު މިމައްސަލާގައި ވާހަކަ ދައްކަވާފައިވަނީ ފަހުގެ ޢިލްމުވެރިންނެވެ. 

މާތް ﷲ ކީރިތި ގުރްއާނުގައި މުއިމިނުންގެ ޞިފަތައް ބަޔާން ކުރައްވަމުން ވަޙީ ކުރައްވާފައިވެއެވެ. 

(والذين هم لفروجهم حافظون إلا على أزواجهم أو ما ملكت أيمانهم فإنهم غير ملومين). 

މާނައަކީ: "އަދި އެބައިމީހުންނީ، އމީހުންގެ ފަރްޖުތައް ރައްކާތެރިކުރާމީހުންނެވެ. އެބައިމީހުންގެ އަނބިންނާއި ފިރީން، ނުވަތަ އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ ކަމަކަށަވަރުން އެބައިމީހުންނީ، އެބައިމީހުންނާއިމެދު، މަލާމާތް ލިބިގެން ނުވާ މީހުންނެވެ". 

މިއާޔަތުގައި ﷲ ތަޢާލާ މިވަނީ އަނބިމީހާ އާއި އަޅުއަންހެނުންގެ ފަރުޖުތައް މެނުވީ އެހެން ހުރިހާ ތަނެއް ޙަރާމް ކުރައްވާފައެވެ. 

އިންސާނުންގެ ނަސަބާއި ދަރިފަސްކޮޅު ރައްކާތެރި ކުރުމަށް މާތް ﷲ ވަނީ އަންގަވާފައެވެ. ސުވާލުގައިވާ ފަދައިން އެހެންއަންހެނެއްގެ ރަޙިމްގެ ތެރެއަށް ފިރިމީހާގެ މަންޔާއި އަނބިމީހާގެ ބިސް ލައިފިކަމަށް ވަނީ ނަމަ އިންސާނުންގެ ނަސަބުގެއްލި، ދަރިފަސްކޮޅު އޮޅޭ ގޮތް މެދުވެރިވެދާ ހުއްޓެވެ. ސަބަބަކީ ކުއްޖާ ދުނިޔެއަށް ގެނައުމަށްޓަކައި ބިސްދިން އަންހެންމީހާ އާއި އެމީހެއްގެ ރަޙިމްގައި ކުއްޖާ އަށަގެންނެވި އަންހެންމީހާ އާއި ދެމީހުން ވެސް އެމީހެއްގެ ދަރިއެއް ކަމަށް ދަޢުވާ ކުރާނެއެވެ. މިތަނުން އަޞްލު މަންމައަކީ ކޮބައި ކަމެއް ނެޭގޭނެއެވެ. އެހެންކަމުން ނަސަބު ގެއްލިދާފަދަ ކަމަކަށް މިކަން މެދުވެރިވެގެން ދެއެވެ. 

އަންހެނާގެ ރަޙިމްއަކީ އޭނާއާއި ގުޅިފައިވާ އެއްޗެކެވެ. އެހެންކަމުން އޭނަގެ ހަށިގަޑުގެ އެއްވެސް ތަންކޮޅެއްގެ ބޭނުން ކުރެވޭނީ ޝަރްޢީ ހަމަތަކުގެ މަތިން ކައިވެނި ކުރެވިގެންނެވެ. އެހެންކަމުން އެހެންމީހަކަށް އަނބިމީހާގެ ރަޙިމް ކުއްޔަށް ދިނުމަކީ އިސްލާމްދީން ހުއްދަ ކުރާކަމެއް ނޫނެވެ.

އެހެންކަމުން ސުވާލުކުރި ފަރާތަށް ދަންނަވަމެވެ. މިމައްސަލައަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫނެވެ. ދަރިންނަކީ މާތް ﷲ އިރާދަ ކުރެއްވިފަރާތަކަށް ދެއްވާ ނިޢުމަތެކެވެ. ﷲ އިރާދަ ކުރެއްވި އަޅަކަށް ފިރިހެން ކުދިން ދެއްވައެވެ. އަދި އިރާދަ ކުރެއްވި އަޅަކަށް އަންހެން ކުދިން ދެއްވައެވެ. އަދި އިރާދަ ކުރެއްވި އަޅަކު ދަރިން ނުލިބޭ މީހެއްގެ ގޮތުގައި ލައްވަ އެވެ. 

އަޅުގަޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ކަމަކަށް ބޭނުންވެއްޖެ ނަމަ، ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމެވެ. ދުޢާކޮށްފިނަމަ ތިންގޮތުން އެއްގޮތް މެދުވެރި ކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ ދެއްވާފައެވެ. އެއީ ދުޢާ އިޖާބަ ކުރެއްވުން، ނުވަތަ އެޔަށްވުރެ ރަގަޅު ގޮތެއް މެދުވެރި ކުރެއްވުން، ނުވަތަ އޭނާ އަށް ދިމާވާން އޮތް ބޮޑު މުޞީބާތަކުން ސަލާމަތް ކުރެއްވުން. އެހެންކަމުން، މާޔޫސްވުމެއް ނެތި އެދޭ ކޮންމެ ކަމަކަށް މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ. ޝަރްޢީ ހަމަތަކުގެ މަތިން އަސްބާބު ތަކުގައި ވެސް ހިފާށެވެ. (މަސައްކަތް ކުރާށެވެ).  واللهتعالىأعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން