ދަމުނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ނަމާދެވެ! ވީއިރު ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބެން އެދޭމީހާ ދަމުނަމާދަށް ކަންނެތްވާނެ ހެއްޔެވެ؟ ކަންނެތްވެ ނިދަން އޮންނާނެ ހެއްޔެވެ؟ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެ މީހަކަށް ދުނިޔޭގައިވެސް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
ބައެއް މީހުންގެ ގާތުގައި ދަމުނަމާދުކުރުމުގެ ވާހަކަ ދައްކާއިރަށް ފަށަނީ އެމީހުންނަށް ކީރިތި ޤުރްއާނުން ހިތުން ކިޔަވަން އެނގެނީ މަދުމިންވަރެއް ކަމުގެ ވާހަކައެވެ. އެއީ ވަރަށް ދެރަކޮށް އެމީހުން ކުރާ ކަމެކެވެ. އެހެނީ މުހިންމީ ދިގު ސޫރަތްތައް ހިތުން އެނގުމެއް ނޫނެވެ. އެނގޭ މިންވަރަކުން ކިޔަވައިގެން ނަމަވެސް ދަމުނަމާދުކުރަން ފެށުމެވެ.
އެއްވެސް ޙާލެއްގައި ހިތްވަރު މިދެނީ ކީރިތި ޤުރްޢާނުން ވީހައި ގިނަ ސޫރަތް ދަސްނުކުރުމަކަށް ނޫނެވެ. ދިގު ސޫރަތްތައް ދަސްނުކުރުމަކަށްނޫނެވެ. އެކަމުގައި އޮތީ އެމީހަކަށް ކެރިކުޅަދާނަވީ މިންވަރެކެވެ. ހަމަކަށަވަރުން ކީރިތި ޤުރްއާން ކިޔެވުމާއި ހިތުދަސްކުރުން ހިމެނިގެންވަނީ އެންމެ މަތިވެރި އަޅުކަމުގެ ތެރެއިންނެވެ.
އަދި ކީއްހެއްޔެވެ؟ ކީރިތި ޤުރްއާން އުނގެނުމުގެ ހުރި މަތިވެރިކަން ނިކަން ދެކިބަލާށެވެ. އެމީހަކަށް އެނގޭ މިންވަރަކަށް ކިޔަވަމުން ސުވަރުގޭގެ ހަރުފަތްތަކުން މައްޗަށް އަރައިގެންދިއުމަށް އަންގަވާނެތެވެ.
ކޮންމެއަކަސް އަހުރެން މިކުރާ އާދޭހަކީ ރަކްއަތެއްގައި ކިތަންމެ ކުރު ސޫރަތެއް ކިޔަވައިގެންނަމަވެސް ދަމުނަމާދުކުރަންފަށާށެވެ! އަލް މުޒަންމިލް ސޫރަތުގެ މިއާޔަތްތަކަށް ޢަމަލުކުރާށެވެ! ދަމުނަމާދާއިބެހޭ ގިނަ މައްލޫމާތުތަކެއް މިއާޔަތްތަކުން ލިބިގެންދާނެއެވެ. އިން ޝާ ﷲ
﴿1﴾ يَا أَيُّهَا الْمُزَّمِّلُ
އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ!
﴿2﴾ قُمِ اللَّيْلَ إِلَّا قَلِيلًا
ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށްކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ.
﴿3﴾ نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا
އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެޔަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ!
﴿4﴾ أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا
ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން قرآن ކިޔަވައި ވިދާޅުވާށެވެ!
﴿5﴾ إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބަރުދަންހުރި ބަހެއް ބާވައިލައްވާހުށީމެވެ.
﴿6﴾ إِنَّ نَاشِئَةَ اللَّيْلِ هِيَ أَشَدُّ وَطْئًا وَأَقْوَمُ قِيلًا
ހަމަކަށަވަރުން، ނިދުމަށްފަހު، ރޭއަޅުކަންކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ: ނަމާދުގެ ތެރޭގައި ކިޔަވާ ކިޔެވުންތައް) ސީދާކަން ބޮޑެވެ.
﴿7﴾ إِنَّ لَكَ فِي النَّهَارِ سَبْحًا طَوِيلًا
ހަމަކަށަވަރުން، ކަލޭގެފާނަށް ދުވާލުގެ ވަގުތުގައި ގިނަ މަސައްކަތްތަކެއް ވެއެވެ.
﴿20﴾ ۞ إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَيِ اللَّيْلِ وَنِصْفَهُ وَثُلُثَهُ وَطَائِفَةٌ مِّنَ الَّذِينَ مَعَكَ ۚ وَاللَّهُ يُقَدِّرُ اللَّيْلَ وَالنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَاقْرَءُوا مَا تَيَسَّرَ مِنَ الْقُرْآنِ ۚ عَلِمَ أَن سَيَكُونُ مِنكُم مَّرْضَىٰ ۙ وَآخَرُونَ يَضْرِبُونَ فِي الْأَرْضِ يَبْتَغُونَ مِن فَضْلِ اللَّهِ ۙ وَآخَرُونَ يُقَاتِلُونَ فِي سَبِيلِ اللَّهِ ۖ فَاقْرَءُوا مَا تَيَسَّرَ مِنْهُ ۚ وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَقْرِضُوا اللَّهَ قَرْضًا حَسَنًا ۚ وَمَا تُقَدِّمُوا لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ اللَّهِ هُوَ خَيْرًا وَأَعْظَمَ أَجْرًا ۚ وَاسْتَغْفِرُوا اللَّهَ ۖ إِنَّ اللَّهَ غَفُورٌ رَّحِيمٌ
ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންކުރެ ބަޔަކު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ތިއްބަވާކަން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ރޭގަނޑާއި، ދުވާލުގެ ވަގުތުތައް މިންވަރު ކުރައްވަނީ اللَّه އެވެ. މުޅި ރޭގަނޑު، ރޭއަޅުކަމުގައި قائم ވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އެކަން عفو ކުރައްވައި ލުއިކުރައްވައިފިއެވެ. ފަހެ، قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ބަލިމީހުން ވާނޭކަމާއި، އަދި އަނެއްބަޔަކު اللَّه ގެ فضل ވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި، އަދި އަނެއްބަޔަކު اللَّه ގެ މަގުގައި ހަނގުރާމަ ކުރާކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެ قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! އަދި ރިވެތިވެގެންވާ ދަރަނިދިނުމަކުން ތިޔަބައިމީހުން اللَّه އަށް ދަރަނިދޭށެވެ! (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާށެވެ!) އަދި ހެޔޮކަމުގެ ތެރެއިން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި އިސްކުރާ ކޮންމެ ކަމެއްގެ ثواب، اللَّه ގެ حضرة ގައި ހެޔޮކަން ބޮޑުވެގެންވާތީއާއި، އަދި ދަރުމަ ބޮޑުވެގެންވާތީ ތިޔަބައިމީހުންނަށް ފެންނާނެތެވެ. އަދި ތިޔަބައިމީހުން اللَّه ގެ حضرة ން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން