ކުރިމަތިވެފައިވަނީ ކަންބޮޑުވާންޖެހޭ ޙާލަތެއްނަމަ މިކަންކަން ޤަބޫލުކުރާ މީހަކަށް މާޔޫސްވާކަށް ނުޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކުރިމަތިވެފައިވަނީ ކަންބޮޑުވާންޖެހޭ ޙާލަތެއްނަމަ މިކަންކަން ޤަބޫލުކުރާ މީހަކަށް މާޔޫސްވާކަށް ނުޖެހޭނެ! އިން ޝާ ﷲ

ދުނިޔެއަށް ބަލައިފިނަމަ ކޮންމެ ކަމަކީވެސް ބަދަލުވަމުންދާނެ ކަންކަމެވެ. ހޫނުމޫސުމުން ފިނިމޫސުމަށް ބަދަލުވާފަދައިންނެވެ. އެކުވެރިން ހަތުރުންނަށް ބަދަލުވާ ފަދައިންނެވެ. ހަތުރުންގެ ގޮތުގައި ތިބެފައި އެންމެ ހެޔޮއެދޭ އެކުވެރިންނަށް ބަދަލުވާ ފަދައިންނެވެ. ކައިވެނި ރޫޅުމުން މާރަނގަޅު ބައިވެރިން ލިބޭ ފަދައިންނެވެ. ފަޤީރުން ތަނަވަސް މީހުން އަދި ތަނަވަސް މީހުން ފަޤީރުންނަށް ބަދަލުވާ ފަދައިންނެވެ. 

ކޮންމެ ދުވަހަކަށް ބަލާށެވެ. އިރުއައި އޮއްސެއެވެ. ހަނދު އަރައި އޮއްސެއެވެ. އަދި ދިޔަވަރު ބޮޑުވެ ދިޔަވަރު ހިކެއެވެ. ކޮންމެ ދުވަހަކުވެސް އެތައް ކުދިންނެއް އުފަންވެއެވެ. އަދި އެތައް ބައަކު މަރުވެސްވެއެވެ. ކޮންމެ ދުވަހަކުވެސް އެތައް ބައަކަށް ބާރުތައް ލިބއެވެ. އަދި ބާރުގަދަ އެތައް ބައަކު ބަލިކަށިވެ ނިކަމެތިވެސްވެއެވެ. މިހެންގޮސް ދުނިޔޭގައި ހިނގާ ކޮންމެ ކަމަކަށް ބެލިނަމަވެސް ފެންނާނީ ކޮންމެ ދުވަހަކުވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ތަނެވެ. 

ވީމާ މިއަދު ތިބާއަށް އުޅެންޖެހިފައިވާ ޙާލަކީ އެއްވެސް ޙާލެއްގައި ތިބާއަށް ތާއަބަދު ނުވަތަ މަރުވަންދެންވެސް އުޅެންޖެހޭނެ ޙާލުކަމަށް ވިސްނަންވީވެސް ކީއްވެގެން ހެއްޔެވެ؟ އަހުރެން މިދައްކާ ވާހައަކީ ތެދު ޙަޤީޤަތްކަން ޤުރްޢާނާއި ސުންނަތުންވެސް އެނގެން އެބަ އޮތެވެ. އެކަމަކު އެކަންކަމުގައި ވާހަކަ ނުދައްކައި މިހާމަކުރީ ކޮންމެ ދުވަހަކު އެންމެންގެ ލޯތަކަށް ފެންނަމުންދާ ކަންކަމެވެ.

ހިތްދަތިކަމުގައިވިޔަސް އަދި ތަކްލީފަށް އުފުލަންޖެހޭ ޙާލަތުގައިވެސް ވިސްނަންޖެހޭނެ ކަމަކީ އެކަމެއްގައި އަބަދު އުޅެންނުޖެހޭނެކަމެވެ. ﷲ ތަޢާލާ އިރާދަކުރެއްވެވުމުން ޙާލަތު ބަދަލުވާނެ ކަމެވެ. އަދި ކޮންމެ ހިތާމައަކާއިއެކު އުފާވެރިކަމެއްވާ ކަމެވެ. 

ތިބާޢަށް ކުރިމަތިވެފައިވާ ކަންބޮޑުވުން ތިބާއާއި ވަކިނުވެ އަބަދު އެކުގައިވާނެކަމަށް ބުނާ މީހުންނަކީ ތިބާ މާޔޫސްކުރުވަން އުޅޭ މީހުންނެވެ. އެމީހުން ދައްކާ ވާހަކަ އަޑުވެސް ނުއަހާށެވެ! ކޮންމެ ހިތްދަތިކަމަކާއިއެކު އުފާވެރިކަމެއްވާނެކަމަށް ﷲ ތަޢާލާ އަންގަވާފައިވާ އެންގެވުން ޤަބޫލުކޮށް އެކަން ޔަޤީންކުރާށެވެ. އެއިރުން ތިބާގެ ކުރިމަތީގައި ހުރި ހުރިހާ ކަންބޮޑުވުންތަކަކުން އަރައިގަތުމުގެ ހިތްވަރު ލިބިގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން