ވިސްނަންޖެހޭ ކަމެއް!: ވަޤުތުދިނުމާ ޚަރަދުކުރުމުގަ ޢާއިލާއަށް އިސްކަން ނުދޭނަމަ އެހެދެނީ އެންމެ ބޮޑު ގޯސް! ދެކަމުގަވެސް އެކުވެރިންނަށް ބައިއަޅަންވާނީ ފުދި އިތުރުވާނަމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ވިސްނަންޖެހޭ ކަމެއް!: ވަޤުތުދިނުމާ ޚަރަދުކުރުމުގަ ޢާއިލާއަށް އިސްކަން ނުދޭނަމަ އެހެދެނީ އެންމެ ބޮޑު ގޯސް! ދެކަމުގަވެސް އެކުވެރިންނަށް ބައިއަޅަންވާނީ ފުދި އިތުރުވާނަމަ!

އެކުގައި އުޅޭ އެންމެންވެސް ބުނާނީ ތިބާއަށް ކަމެއް ކުރިމަތިވެއްޖެނަމަ އެހީތެރިވާނެ ކަމަށެވެ. ނަމަވެސް ކަމެއް ކުރިމަތިވުމުން އެއިގެ ތެރެއިން ތިބާއަށް ފެންނާނީވެސް ވަރަށް މަދު މީހެކެވެ. ފަހަރެއްގައި އެކަކު ނުފެނިވެސް ހިނގައިދާނެއެވެ.  

މިއީ މިއަދު ޢާންމުގޮތެއްގައި ކަންކަން ހިނގަމުން އަންނަ ގޮތެވެ. ވީމާ ތިބާއަށް ކަމެއް ޖެހިއްޖެނަމަ މިޙާލަތުން ސަލާމަތްވެވޭނެ ކަމަށް ނުވިސްނާށެވެ! މިނޫން ޙާލަތެއް ޖެހޭނެކަމަށް ޤަބޫލުނުކުރާށެވެ!  

އެންމެ މުހިންމު ކަމަކީ ދަތިއުނދަގޫ ޙާލަތުގައި ތިބާއާއިއެކު ޘާބިތުވެހުރެދިން، ވެވުނުވަރަކުން އެހީތެރިވެދިން އެކުވެރިންގެ ނުވަތަ އެކުވެރިޔާގެ އަގު ވަޒަންކުރުމެވެ. އެމީހަކަށް ހެޔޮކޮށް ހިތައިގެން އެކުގައި އުޅުމެވެ.  

އަހުރެން މިވާހަކަކޮޅު މިބުނެލީ ވަރަށް ބޮޑު ބޭނުމަކުއެވެ. އެއީ އެކުވެރިންނަށް ވަޤުތުދޭންހަދައިގެން ޢާއިލީ ދިރިއުޅުން ނަގައިލަމުން ގެންދާ މީހުން އަންނަނީ ގިނަވަމުންނެވެ. ޢާއިލާގެ ބޭނުންތައް ފުއްދައިނުދީ އެކުވެރިންގެ ބޭނުންތައް ފުއްދައިދޭ މީހުންވެސް އެބައުޅެއެވެ. މިއީ ވަރަށް ދެރަކަންކަމެވެ. ތިމާއަށް ހެދޭނެ އެންމެ ބޮޑު ގޯހެވެ.  

ވަޤުތު ދިނުމުގައިވެސް އަދި ޚަރަދުކުރުމުގައިވެސް ޢާއިލާއަށް އިސްކަންދޭށެވެ! ފުދި އިތުރުވާނަމަ ނޫނީ އެކުވެރިންނަށް ދީލައިނުލާށެވެ! އަހުރެމެން އުޅެން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަކީ އެއީއެވެ. ދެދުނިޔޭގައިވެސް ފައިދާކުރާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަންކަން ކުރުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން