ޒިނޭކުރެވުމުން ތައުބާވާންވެސް އަމިއްލައަށް އެކަން ބޭޒާރުކުރުމެއް ނެތް! އޮތީ ސިއްރިޔާތުގައި ތައުބާވެ ފާފަފުއްސަވައި ދެއްވެވުން އެދި ﷲ ގެ ޙަޟްރަތުގަ ދެންނެވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޒިނޭކުރެވުމުން ތައުބާވާންވެސް އަމިއްލައަށް އެކަން ބޭޒާރުކުރުމެއް ނެތް! އޮތީ ސިއްރިޔާތުގައި ތައުބާވެ ފާފަފުއްސަވައި ދެއްވެވުން އެދި ﷲ ގެ ޙަޟްރަތުގަ ދެންނެވުން!

ކުރެވޭ ކުށްތަކަށް ތައުބާވުން ގުޅިފައިވަނީ ކޯޓަކާއިއެއް ނޫނެވެ. އެއީ ތިމާއާއި ﷲ ތަޢާލާ އާއިދެމެދުގައި އޮންނަ ކަމެކެވެ. މިހެން ބުނަން މިޖެހުނީ ކޯޓުން ހައްދުނުޖަހާނަމަ ޒިނޭގެ ފާފައިން ސަލާމަތް ނުވެވޭނެ ކަމަށް ވިސްނާ ބައަކު އުޅޭތީއެވެ. މިއީ ހަމައެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. 

މިއަދު އެއްބައަކަށް ޤަބޫލުކުރެވެނީ ޒިނޭކުރެވުން ފަދަ ބޮޑު ފާފައެއް ކުރެވިއްޖެނަމަ އެހިސާބުން އެމީހަކު ގެއްލި ނިމިދިއައީ ކަމަށެވެ. އެމީހަކު ނަރަކައިން ސަލާމަތް ނުވެވޭނެ ކަމަށެވެ. އެހެންވެ ދެން އެމީހުން ބަދަލުވެގެންދަނީ ބިރެއް ނެތި ބޮޑެތި ފާފަތަކަށް އަރައިގަންނަ ބައަކަށެވެ. އެކަން އެގޮތަށްވުމަށް މެދުވެރިވާ ސަބަބަކީ ޝައިޠޯނާއެވެ. ޝައިޠޯނާ އެކަން އެގޮތަށް ވިސްނައިދޭތީއެވެ.  

ކޮންމެއަކަސް މިފަދަ ޙާލަތެއް ކުރިމަތިވެ (ޒިނޭކުރެވުމުން) ތައުބާއަކީ މަރައިލެވުން ކަމަށް ޤަބޫލުކޮށް އަމިއްލައަށް ޝަރީއަތާއި ޙަވާލުވާން އުޅުނު ޒުވާނަކަށް އިބްން ބިންބާޒް ރަޙިމަހުﷲ ދެއްވެވި ނަޞޭޙަތަކީ އަމިއްލައަށް ޝަރީޢަތާއި ޙަވާލުނުވުމެވެ. ތައުބާވެ އިތުރަށް އެފަދަ ފާފައެއް ނުކުރުމެވެ. ﷲ ތަޢާލާ އެކަން ސިއްރުކޮށް ދެއްވަވާފައިވަނިކޮށް އަމިއްލައަށް އެކަން ހާމަ ނުކުރުމެވެ. ތިމާ ނަރަކައިން ސަލާމަތްކޮށްދޭނެ އައްޑަނައަކީ ކީރިތި ޤުރްއާން ކަމުގައި ހެދުމެވެ.  

މީސްތަކުންނޭވެ! މިއީ އެއްވެސް ޙާލެއްގައި ޒިނޭކުރަން ހިތްވަރުދޭން ބުނި ބަހެއް ނޫނެވެ. ޒިނޭ ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އޮތީ ދުރުހެލިވުމެވެ. ޢިއްފަތްތެރިކަން ޙިމާޔަތް ކުރުމެވެ. އެކަން ކުރެވިއްޖެނަމަ އެމީހަކަށް ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެކަމާއި އަދި އެމީހަކަށް ސުވަރުގެ ވެއްދެވުމަށް ޖާމިނުވެވަޑައިގަންނަވާނެކަމަށް ރަސޫލާ ޞައްލަﷲ ޢަލައިހިވަސަލަމަ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީމާ ޒިނޭކުރުން ނުވަތަ އެނޫންވެސް ފާޙިޝް ޢަމަލުތައް ކުރުމެއް ނެތެވެ. އަހުރެމެންނަށް އޮތީ ޒިނޭކުރުމާއި ދުރުހެލިވުމެވެ. އެކަމާއި ކައިރިވެސް ނުވުންކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. 

މިދައްކަނީ ކަންކަން މެދުވެރިވާ ގޮތަކުން ޒިނޭ ކުރެވުނު ނަމަވެސް އެއީ ސަލާމަތް ނުވެވޭނެ ވަރުގެ ފާފައެއްކަމަށް ބަލައި މާޔޫސްވެ މަގުފުރެދިގެން ގޮސްގެން ނުވާނެވާހަކައެވެ. އިންސާނާގެ ޢަމަލުތަކަށް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ އެމީހަކު ނިމިގެންދާއިރު އުޅުނު ގޮތުގެ މައްޗަށެވެ. ވީމާ ކިތަންމެ ބޮޑު ފާފައެއް ކުރެވުނު ނަމަވެސް އޮތީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރުންމަތީގައި ޘާބިތުވެ ދެމިހުރުމެވެ. އެމީހާގެ އެންމެ ފަހުގެ ޢަމަލުތަކަކީ ހެޔޮ ޢަމަލުތަކެއް ކަމުގައި ހަދަން މަސައްކަތްކުރުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން