ދުނިޔޭގެ ޙަޔާތުގައި ފާފަ ނުކުރެވޭ މީހަކު ނުހުންނާނެއެވެ. މާނައަކީ އެމީހަކު ދުނިޔޭގައި ވޭތިކުރާ ޙަޔާތުގައި ކޮންމެވެސް ވަރެއްގެ ފާފަތަކެއް ނުކުރެވޭ މީހަކު ނުހުންނާނެ ކަމެވެ. ހަމައެގޮތަށް ވިޔަފާރިކުރާނަމަ ގެއްލުންވާ ފަހަރުވެސް އަންނާނެއެވެ.
ޒަވާޖީ ހަޔާތާއިމެދުގައިވެސް ދެކެންވީ ހަމައެގޮތަށެވެ. ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް އަބަދުހެން ޖެހޭނެއެވެ. ކުށްވެސް ކުރެވޭނެއެވެ. ނުތަނަވސްކަންވެސް ކުރިމަތިވާނެއެވެ. ކަންބޮޑުވާންޖެހޭ ޙާލަތުވެސް ކުރިމަތިވާނެއެވެ. ހިތްދަތިވާންޖެހޭ ކަންކަންވެސް ކުރިމަތިވާނެއެވެ.
މިއިން ކޮންމެ ކަމަކީވެސް ދިރިއުޅުމުގެ ސުންނަތެވެ. ޙަޔާތުގައި ކުރިމަތިވާނެ ކަންކަމެކެވެ. މިކަންކަން ކުރިމަތިނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ވީމާ ކަމެއް ނުވަތަ ޙާލަތެއް ދިމާވާއިރަށް އެއީ ހަމައެކަނި ތިމާއަށް ކުރިމަތިވާ ކަންކަމަށް ދެކި ދެރަނުވާށެވެ! ޘާބިތުކަމާއިއެކު ކުރިމަތިލާށެވެ!
ޘާބިތުކަމާއިއެކު ކުރިމަތިލާ މީހަކަށް ޘާބިތުކަން ދެއްވަވާނެތެވެ. ފޭލްވަނީ ކަމެއް ދިމާވުމުން އެހިސާބުން ތިބާގެ ދިރިއުޅުން ފޭލްވީކަމަށް ބަލައި ދެން އިތުރަށް ކުރިއަށް ކުރިއަށް ނުދެވޭނެ ކަމަށް ވިސްނޭ މީހުންނެވެ.
މިފަދަ ކަންކަމަށް އޮތް ޙައްލަކީ ތިމާއާއިއެކުގައި އަބަދުވެސް ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުކޮށް އެކަން ޔަޤީންކޮށްގެން ހުރުމެވެ. ކުރިއަށް އޮތްތަނުގައި ތިމާއަށް މާފުރިހަމަ ގޮތުގައި މާކާމިޔާބުކަމާއި އެކުގައި މާއުފަލުގައި ދިރިއުޅެވޭނެ މަގު ﷲ ތަޢާލާ ދައްކަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައި ހުރުމެވެ. އެގޮތުގައި ހުންނަ މީހަކަށް އެގޮތަށް އެކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން