ތަނަވަސްކަން އިތުރުވެ އުފަލުގަ އުޅެވެނީ އަނބިދަރިންނަށާ ޢާއިލާއަށް އެމީހެއްގެ ފެންވަރުން ޚަރަދުކުރާމީހުންނަށްކަން އެއީ ލޮލަށް ފެންނަމުން އަންނަ ޙަޤީޤަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ތަނަވަސްކަން އިތުރުވެ އުފަލުގަ އުޅެވެނީ އަނބިދަރިންނަށާ ޢާއިލާއަށް އެމީހެއްގެ ފެންވަރުން ޚަރަދުކުރާމީހުންނަށްކަން އެއީ ލޮލަށް ފެންނަމުން އަންނަ ޙަޤީޤަތެއް!

ނިކަން ވިސްނަބަލާށެވެ! ﷲ ތަޢާލާ އަންގަވާފައިވަނީ ﷲ ތަޢާލާގެ މަގުގައި ހޭދަކުރާ އަޅުންނަށް އިތުރުކޮށް ދެއްވަވާނެ ކަމަށެވެ. ކިހާވަރަކަށް ހެއްޔެވެ؟ އެންމެ އޮށެއް އިންދުމުން ފަޅާ ގަހުގައި އަޅާ ކުރާތަކުގައި އޮށްހުންނާނެ ގިނަ ޢަދަދުގެ މިޘާލުގައެވެ. 

އަނބިދަރިންނަށާއި މައިންބަފައިންނަށް އަދި ޢާއިލާގެ މީހުންނަށް ޚަރަދުކުރުންވެސް ލައްވަވާފައިވަނީ ކުރާ ޞަދަޤާތުގެ ގޮތުގައެވެ. ވީމާ އެކަމުގައި ބަރަކާތް ލައްވަވާނެ މިންވަރުގެ ބޮޑުކަން ހިތަށް ގެންނަމުން މިވާހަކަކޮޅު އަޑުއަހައިލާށެވެ! 

ކައިވެނިކުރުމަށްފަހު އަނބިމީހާއަށް ޚަރަދުކުރުމާއި ދަރިން ލިބުމުން ދަރިންނަށާއި އަނބިމީހާއަށް ޚަރަދުކުރުމަކީ ފިރިންގެ މައްޗަށް އޮތް ޒިންމާއެކެވެ. އެޚަރަދުތައް ކުރަމުންވެސް ތަނަވަސްކަންހުރި މިންވަރަކުން ދެފަރާތުގެ ޢާއިލާގެ މީހުންނަށްވެސް ޚަރަދުކުރަންވާނެއެވެ. މިއިން ކޮނަމެ ޚަރަދަކީވެސް ޞަދަޤާތެކެވެ. އެކަމަށް ޘަވާބު ދެއްވަވާނެތެވެ. 

ހަމައެއާއިއެކު ވިސްނައިލަންޖެހޭނެ ކަމެއްވެސް އެބައޮތެވެ. އަނބިމީހާއަށް ޚަރަދުކުރެވުނުކަމަށްވާނީ އޭނާ އެދޭ ހުރިހާ ކަންކަން ފުރިހަމަކޮށްދެވުމަކުން ނޫނެވެ. ބައެއް އަނބިންނަކީ ވަރަށް ގިނަ ކަންތައްތަކަކަށް ބޭނުންވާ ބައެކެވެ. ވީމާ ޢާއިލާގެ މީހުންނަށް އެހީތެރިކަން ފޯރުވައިދޭންވީ އަނބިމީހާ އެދޭ ހުރިހާ ކަންކަން ފުރިހަމަކޮށްދިނުމަށްފަހުގައެއް ނޫނެވެ. އޭނާއަށް ދަތިނުވެ ހަމަޖެހިލައިގެން އިނދެވޭވަރަށް ޚަރަދުކުރުމަށްފަހު ޢާއިލާއަށް ޚަރަދުކުރުމަކީ އަނބިމީހާއަށް ޚަރަދުނުކުރުން ކަމަކަށް ނުވާނެއެވެ. 

އިންސާނުންނަކީ ތަފާތު ބައެކެވެ. ވިސްނުން ތަފާތުވާނެއެވެ. ހިތްފުރޭނީ މަދުބައެކެވެ. އެހެނަސް އެންމެ ރަނގަޅު ގޮތަކީ މެދުމިނެއްގައި ދިރިއުޅެވުނަސް ހިތްފުރިގެން ހުރުމެވެ. އަދި ދަތިޙާލެއްގައި އުޅެންޖެހުނަސް ޝުކުރުވެރިވުމެވެ. 

އެންމެ ބޮޑަށް ތަނަވަސްކަން ލިބިފައި ނުވިނަމަވެސް ދެފަރާތުގެ ޢާއިލާއަށްވެސް އެހީތެރިވެވެން އޮތްވަރަކުން އެހީތެރިވާން ބަލާއިރު އަތުގައި ހުރިމިންވަރަކުން އަނބިމީހާ އޭނާގެ ޢާއިލާއަށް ޚަރަދުކުރަން ފުރުޞަތުދޭންވާނެއެވެ. އެކަމަށް ހުރަސްއެޅުމަކީ ރަނގަޅުކަމެއް ނޫނެވެ. ހަމައެފަދައިން ފިރިމީހާ އޭނާގެ ޢާއިލާއަށް ކުރާ ޚަރަދަކަށް އަނބިމީހާ ޝަކުވާކުރުމެއްވެސް ނެތެވެ. 

ބައެއް މީހުން އެމީހުންނަށް ލިބޭ މުސާރައިން ގޭގެ ޚަރަދުތަކަށް ފައިސާ ނަގާ ރައްކައުކުރާ ފަދައިން ދެމަފިރިންގެ ޢާއިލާއިންވެސް އެހީތެރިކަމަށް ބޭނުންވެފައި ތިބި މީހުންނަށް ބައި އަޅައެވެ. އެއީ ކިތަންމެ ކުޑަމިންވަރެއް ނަމަވެސް ޤަވާއިދުން ޞަދަޤާތް ކުރެއެވެ. މިއީވެސް ވަރަށް ރަނގަޅު ގޮތެކެވެ.

ދެން ބުނެލަން ބޭނުންވަނީ އިސްރާފް ނުކޮށް، ލިބޭ މިންވަރުން، ޚަރަދުތައް ބަހާލައިގެން ދެމަފިރިންވެސް އެކަކު އަނެކަކަށް ޝަކުވާނުކޮށް ދިރިއުޅެން މަސައްކަތްކުރާނަމަ އެބައެއްގެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ. މިހެން މިބުނަނީ އިސްރާފްނުކުރާ، ޝުކުރުވެރިވާ، ދީލަތި އަޅުންނަށް ނިޢްމަތްތައް އިތުރުކުރައްވަވައިދެއްވަވާނެކަން އެއީ ޔަޤީނަށް އެނގެން އޮތް ކަމަކަށްވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން