ހިތަށް ހަމަޖެހުން ލިބުން އެދިގެން ނުވަތަ ބައްޔަކުން ޝިފާ ހޯދަން ޤުރްއާނުން ކިޔަވަންވީ އާޔަތްތަކާއިމެދު ނުވަތަ ސޫރަތަކީ ކޮބައިތޯ ގިނަބައަކު ސުވާލުކުރެއެވެ. އެހެންވެ ބުނަމެވެ.
ކޮންމެ ކަމަކަށް ކިޔަވަންއޮތީ ކޮން އާޔަތްތަކެއް ކަމެއް ނުއެނގޭނެއެވެ. ނަމަވެސް ޔަޤީންކަމާއިއެކު ފުރަތަމަ ކަމަކަށް އަލްޙަމްދު އާއި ކުރުސި ކިޔެވުން ގިނަކުރާށެވެ. ދެން ވީވަރަކުން މުޅި ޤުރްޢާން ކިޔަވާށެވެ. މާނައަކީ ޚަޠިމް ފަށައިގެން ނިންމަން ކިޔަވާށެވެ.
ކޮންމެ ދުވަހަކުވެސް އެކަމަށް ވަޤުތުކޮޅެއް ހޭދަކުރާށެވެ! ފޫހިކަމެއް ނެތި ކުރިއަށް ގެންދާށެވެ! މިހެން ބުނަން މިޖެހޭ ސަބަބަކީ ޤުރްޢާނުގެ ކޮންމެ ޢާޔަތެއްގައިވެސް ބަރަކާތް ވެއެވެ. ޝިފާ ލިބުންވެސް ވެއެވެ. ވީމާ ޚަތިމް އެކުގައި ކިޔެވުނީމާ ކުރިމަތިވެފައިވާ މައްސަލައަށް ޝިފާ ނުވަތަ ޙައްލު ލިބެން އޮތް އާޔަތްވެސް އޮންނާނީ ކިޔެވިފައެވެ.
މިވެނި އާޔަތެއް މިތައް ސަތޭތަ ނޫނީ މިތައް ހާސް ފަހަރު ނުވަތަ އެއަށްވުރެ މަދު ޢަދަދަކަށް ނަމަވެސް ކިޔަވަން މީހަކު ބުނެފިނަމަ އެކަމަށް އޮތް ޙަދީޘް ނުވަތަ ދަލީލް ދައްކަން ބުނާށެވެ. ނުދެއްކޭނަމަ ޤަބޫލުނުކުރާށެވެ. ދެރައީ އެކަންކަމަށް ވިސްނައިވެސް ނުލައި މީހަކު ބުނާއިރަށް އެފަދަ ކަންކަން ކުރެވޭ ކަމެވެ.
އެހެނެއް ނޫނެވެ. މިވެނި ކަމެއް ދިމާވުމުން މިވެނި އާޔަތެއް ނުވަތަ އާޔަތްތަކެއް ކިޔަވަން ސުންނަތުން ޘާބިތުވާކަންކަމުގައި އެޙަދީޘްފުޅުގައި އޮންނަ ގޮތަކަށް ޢަމަލުކުރާށެވެ! އެއިރުން އެމީހަކަށް ފައިދާކުރާނެއެވެ. އިން ޝާ ﷲ. މުފްތީ މެންކް
- މުފްތީ މެންކުގެ ދަރުސަކުން