ތިބާ މަގުފުރައްދާ މީހުންނާ މިއަދު ދުރުހެލިނުވިނަމަ ޤިޔާމަތް ދުވަހު ތިބާ ދަންނަވާނެ ދެންނެވުމާ ﷲ ތަޢާލާ ދެއްވަވާނެ ޖަވާބު!- ޤުރްއާނުން: ޝައިޚް މުޙައްމަދު ބާޖޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 1ސ
ތިބާ މަގުފުރައްދާ މީހުންނާ މިއަދު ދުރުހެލިނުވިނަމަ ޤިޔާމަތް ދުވަހު ތިބާ ދަންނަވާނެ ދެންނެވުމާ ﷲ ތަޢާލާ ދެއްވަވާނެ ޖަވާބު!- ޤުރްއާނުން: ޝައިޚް މުޙައްމަދު ބާޖޫރު

މީސްތަކުންނޭވެ! ބޮޑު ޝައިޠޯނާ، އިބްލީސް މިހާރު ވަނީ އޭތީގެ މަސައްކަތް ވަރަށް ބޮޑަށް ލުއިކޮށްފައެވެ. އިންސާނުންގެ ތެރެއިން ގިނަ ބައަކު އޭތީގެ ބަހަށް ހައްލުވައި އޭތީގެ އެޖެންޓުންކަމަށް ހަދައިގެންނެވެ. އިންސާނުންގެ ތެރެއިން ޝައިޠޯނުންތައް އުފައްދުވައިގެންނެވެ.  

އެޝައިޠޯނުންތައް އެންމެ ބޮޑަށް މީސްތަކުންނަށް ދައްކާނީ ދުނިޔަވީ އުފާތަކެވެ. ޖީބުތައް ތަނަވަސްކުރާނެ ގޮތެވެ. ޖީބަށް ފައިސާ އިތުރުވުމުން އުޅެވޭނެ އުފާވެރި ދިރިއުޅުމެވެ. އެހެންވެ ގިނަ ބައަކު މިދަނީ ﷲ ތަޢާލާގެ މަގު ދޫކޮށްލައި އިބިލީހުގެ މަގަށް ހެއްލެމުންނެވެ. ޙަރާމް ޙަލާލެއް އަދި ނަހީއަށް ނުބަލައި ބޮޑެތި ފާފަތައް ކުރަމުންނެވެ. ޖީބަށް ފައިސާ އިތުރުވާނެ ކޮނަމެ ކަމެއް ކުރަމުންނެވެ.  

ކުރު ގޮތަކަށް ބުނާނަމަ ތަނަވަސްކަމާއި އުފަލާއި އަރާމުގެ ދަހިވެތިކަމުގައި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބިރުވެތިވަނީ ހާދަމަދު މީހެކެވެ. ނަތީޖާއަކަށް ވެގެންމިދަނީ ފާފަކުރަން މަގުފަހިކޮށްދޭ ޝައިޠޯނުންގެ ބަސް ޤަބޫލުކޮށް އެމީހުންނަކީ އެންމެ ގާތް، އެންމެ ހެޔޮއެދޭ މީހުންކަމުގައި ދެކެގެން ދިރިއުލެމުން ގެންދިއުމެވެ.  

އެހެންކަމުން ފުރަތަމަ ކަމަކަށް މިއާޔަތްތަކަށް ވިސްނައިލާށެވެ!  

"އެކަލޭގެފާނުގެ ޤައުމުގެ މީހުން (ދީނާމެދު) އެކަލޭގެފާނާ ޖަދަލުކޮށް ހަދައިފޫއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލާނގެ ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާފައި ވަނިކޮށް، اللَّه އާމެދުގައި ތިޔަބައިމީހުން ތިމަންކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟ ތިޔަބައިމީހުން އެކަލާނގެއަށް ޝަރީކުކޮށްއުޅޭ ތަކެއްޗަކަށް ތިމަންކަލޭގެފާނު ބިރުފުޅެއް ނުގަނެއެވެ. އެހެނެއްކަމަކު، ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެ އިރާދަކުރައްވައިފި ކަމެއް އައިސް ޖެހޭނެތެވެ. ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާނގެ ދެނެވޮޑިގަތުން ހުރިހައި ތަކެއްޗަކަށް ތަނަވަސް ވެގެންވެއެވެ. ތިޔަބައިމީހުން ފަހެ، ހަނދާންވެސް ނުކުރަނީ ހެއްޔެވެ؟"

(އަލް އަންޢާމް: 80)  

އަދި ތިޔަބައިމީހުން (اللَّه އަށް) ޝަރީކު ކުޅަ ތަކެއްޗަށް ތިމަންކަލޭގެފާނު ބިރުފުޅު ގަންނާނީ ކޮންފަދަ އަކުންހެއްޔެވެ؟ ތިޔަބައިމީހުންގެ މައްޗަށް އެއާމެދު އެއްވެސް ޙުއްޖަތެއް ބާވައިލައްވާފައި ނުވާތަކެތި، ތިޔަބައިމީހުން اللَّه އަށް ޝަރީކް ކުޅަކަމާމެދު ތިޔަބައިމީހުން ބިރެއްނުގަންނަމުއެވެ. ފަހެ، މި ދެބައިމީހުންކުރެ (ޢަޛާބުން ސަލާމަތްވެ) އަމާންކަން ލިބުން ޙައްޤު ކަންބޮޑީ، ކޮންބަޔެއްހެއްޔެވެ؟ ތިޔަބައިމީހުންނަށް (އެބަޔަކު) އެނގޭނަމަ (ނިކަންބުނެދީ ބަލާށެވެ!)

(އަލް އަންޢާމް: 81)   

"އެއުރެންނަކީ، އީމާންވެތިބެ، އެއުރެންގެ އީމާންކަމުގެ ތެރެއަށް (ޝިރްކުގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ."

(އަލް އަންޢާމް: 82)  

"އެއުރެން އެ ނަރަކައިގައި ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ކުރަމުންގެންދިޔަ (ނުބައި) ޢަމަލު ނޫން ޞާލިޙް ޢަމަލް ކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ! ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ޢަމުރު ނުދަންމަވަން ހެއްޔެވެ؟ އަދި އިންޛާރުކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަބައިމީހުން (ޢަޛާބް ގެ) ރަހަ ލިބިގަންނާށެވެ! ފަހެ، އަނިޔާވެރިންނަށް ނަޞްރު ދޭނެ އެއްވެސް މީހަކު ނުވެތެވެ."
(ފާޠިރް: 37) 

"އަދި ފާފަކުރި މީހުން، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، ދެރަވެ އިސްޖަހައިގެން ތިބޭތަން ތިބާޔަށް ފެންނާނެ ނަމައެވެ. (އޭރުން ޙައިރާންވާފަދަ ކަންތައްތަކެއް ތިބާޔަށް ފެނުނީހެވެ. އެއުރެން ބުނާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ފެނިއްޖެއެވެ. އަދި އިވިއްޖެއެވެ. ފަހެ، އަޅަމެން ޞށާލިޙް ޢަމަލު ކުރުމަށް އަނބުރާ އަޅަމެން (ދުނިޔެއަށް) ފޮނުއްވާނދޭވެ! ހަމަކަށަވަރުން، އަޅަމެންނީ، ޔަޤީންކުރާ ބަޔަކީމުއެވެ.

(އައްސަޖްދަ: 12) 

އިތުރަށް ވިސްނައިލާށެވެ! ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކޮށް ދުނިޔޭގައި އުޅުނު މީހުން ބިރުވެރިކަމުން ފުރިގެންވާ ޙާލުގައި ލޮލުން ކަރުނައަޅަމުން ގެންދާއިރު އުފަލުން ފުރިގެން ތިބާ ބައަކު އެދުވަހު ތިބޭނެއެވެ. އެއީ މިއާޔަތުގައި އެވާ މީހުންނެވެ. " އެއުރެންނަކީ، އީމާންވެތިބެ، އެއުރެންގެ އީމާންކަމުގެ ތެރެއަށް (ޝިރްކުގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ." 

ޝިރުކުރުމުގެ ވާހަކަ ދެއްކުމުން އެއްބައަކު ބުނެއެވެ. "އަހުރެމެންނަކީ ޝިރުކުރާ ބައަކީމެއް ނޫނީމުއެވެ. އަހުރެމެން ﷲ ތަޢާލާ އެއްކައުވަންތަކުރަމުއެވެ." މިފަދައިން އެމީހުން ދުލުން ބުނި ކަމުގައިވީނަމަވެސް އެމީހުންގެ ޢަމަލިތަކުން އެކަމެއް ނުފެނެއެވެ. އެހެނީ ﷲ ތަޢާލާ އެއްކައުވަންތަކުރާ މީހަކު ކުރާ ކޮންމެ ޢަމަލެއްވެސް ކުރާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ޝައިޠޯނުން ދޭ ނުބައި ވަސްވާސްތަކަކަށް ޢަމަލެއް ނުކުރާނެއެވެ. އޮޅުމެއްގެ ތެރެއިން އެފަދަ ޢަމަލެއް ކުރެވުނަސް ތައުބާވުމަށް އަވަސްވެގަންނާނެއެވެ.  

މީސްތަކުންނޭވެ! ބިރުވެތިވާށެވެ! ޤިޔާމަތް ދުވަހަށެވެ. އެދުވަހުގެ ގަދަފަދަ ޢަޛާބަށެވެ. "--- އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ފެނިއްޖެއެވެ. އަދި އިވިއްޖެއެވެ. ފަހެ، އަޅަމެން ޞށާލިޙް ޢަމަލު ކުރުމަށް އަނބުރާ އަޅަމެން (ދުނިޔެއަށް) ފޮނުއްވާނދޭވެ! ހަމަކަށަވަރުން، އަޅަމެންނީ، ޔަޤީންކުރާ ބަޔަކީމުއެވެ." ދެންނެވުމަކުން ކުރާނެ ފައިދާއެއް ނެތް ދުވަހަށެވެ. 

"އެއުރެން އެ ނަރަކައިގައި ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ކުރަމުންގެންދިޔަ (ނުބައި) ޢަމަލު ނޫން ޞާލިޙް ޢަމަލް ކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ!—" ދަންނަވައި ކުރާ އާދޭހަކުން އެދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެބައިމީހުންނަށް ﷲ ތަޢާލާ ދެއްވަވާނެ ޖަވާބުވެސް އެނގެން މިއޮތީއެވެ. "-- ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ޢަމުރު ނުދަންމަވަން ހެއްޔެވެ؟ އަދި އިންޛާރުކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަބައިމީހުން (ޢަޛާބް ގެ) ރަހަ ލިބިގަންނާށެވެ! ފަހެ، އަނިޔާވެރިންނަށް ނަޞްރު ދޭނެ އެއްވެސް މީހަކު ނުވެތެވެ." 

މީސްތަކުންނޭވެ! މިކިޔައިދެވެނީ މި އާޔަތްތަކަށް ނުވިސްނައި ދުނިޔޭގެ ޙަޔާތް ވޭތިކޮށްލާ މީހުންނަށް ޤިޔާމަތް ދުވަހު ކުރިމަތިވާނެ ކަންކަމެވެ. ޤަބޫލުކޮށް ޢަމަލުކޮށްފި މީހަކަށް މެނުވީ ސަލާމަތްކަމެއް ނެތެވެ.

 

- ޝައިޚް މުޙައްމަދު ބާޖޫރުގެ ދަރުސަކުން

 

 

 

 

 

މިއަދު އޮންލައިން