ރަމަޟާންމަހަށް ފަހު ދަމުނަމާދުނުކުރެވޭތަނުގަ ވިތުރިވެސް ނުކުރެވޭ މީހުން ބިރުވެތިވާން އެބަޖެހެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ރަމަޟާންމަހަށް ފަހު ދަމުނަމާދުނުކުރެވޭތަނުގަ ވިތުރިވެސް ނުކުރެވޭ މީހުން ބިރުވެތިވާން އެބަޖެހެއެވެ!

އަހަރު ދުވަހަކީ 12 މަހެވެ. ވީމާ އެއްވެސް މަހެއް އަބަދަކަށް ނުއޮންނާނެއެވެ. 30،29 ދުވަސްވުމުން އެމަހެއް ނިމޭނެއެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަސްވެސް ވަނީ އަޅުގަނޑުމެންނާއި ވަކިވެގެން ގޮސްފައެވެ. މިހާރު ކުރިއަށް މިދަނީ މިއަހަރުގެ ޛުލްޙިއްޖާ މަހެވެ. އިންތިޒާރުކުރަމުން މިގެންދަނީ އަންނަ އަހަރުގެ ރަމަޟާން މަހަށެވެ!  

ފުރަތަމަ ސުވާލަކީ އަންނަ އަހަރުގެ ރަމަޟާން މަހާއި ބައްދަލުވާނެ ހެއްޔެވެ؟ އެހައިތަނަށް ދުނިޔޭގައި ހުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްހެއްޔެވެ؟ ދެވަނަ ސުވާލަކީ ރަމަޟާން މަހަށްފަހު، ރަމަޟާންމަހުގެ ތަރާވީޙް ނަމާދަށްފަހު ރޭއަޅުކަންކުރަން ތިބާ ކުޅައީ ކޮން ކަމެއް ހެއްޔެވެ؟ އެންމެ ދަމުނަމާދަކަށް ގުދުވެލެވިއްޖެހެއްޔެވެ؟ ވިތުރި ކޮށްލެވޭ ހެއްޔެވެ؟  

މީސްތަކުންނޭވެ! ހޭލާށެވެ! ހޭލުންތެރިވާށެވެ! ޢިޝާނަމާދަށްފަހު ސުންނަތުގެ 4 ރަކްޢަތްކޮށްލާފައި ނޫނީ ނުތެދުވާށެވެ. (ނިންމައިނުލާށެވެ! ވަޤުތު ދެވެން އޮތްނަމަ ވިތުރީގެ 3 ރަކްޢަތް ކޮށްލާށެވެ. ނޫންނަމަ ފަހުން ނަމަވެސް ވިތުރިކުރާށެވެ! އަދި ދަމުނަމާދުގެ 2 ރަކްޢަތް ނަމަވެސް ކުރަމުން ގެންދާށެވެ.  

ތަރާވީޙް ނަމާދު ފިޔަވައި ރަމަޟާންމަހު އެކަނި ކުރުން ސުންނަތްވެގެންވާ ރޭއަޅުކަމެއް ނެތެވެ. ވީމާ އަހަރުގެ ދެން އޮތް މަސްތަކުގައި ރޭއަޅުކަން ނުކުރީމާ ތިމާއަކީ ﷲ ތަޢާލާދެކެ ލޯބިވެވޭ މީހަކަށް ވެވޭނެހެއްޔެވެ؟ އެހެނީ ﷲ ތައާލާ އަންގަވާފައިވަނީ ހަމައެކަނި ރަމަޟާން މަހު ރޭއަޅުކަންކުރުމަކަށް ނޫނެވެ. އަހަރުގެ ހުރިހާ ރޭތަކުގައިވެސް ކުރުމަށެވެ.  

ދެން ބަލައިލަންވީ ރަމަޟާން މަހު ރޭއަޅުކަންކުރުމުން ދެއްވަވާ ޘަވާބާއި ދަރުމަ ގިނަވެ އިތުރުވެގެންދާތީއެވެ. އެއީ ހަމައެކަން އޮތް ގޮތެވެ! އެކަމަކު ވިސްނާލުން މުހިންމު ކަމަކީ ތިމާއަކީ ހަމައެކަނި ރަމަޟާން މަހަށް މުސްލިމަކަށްވާން އުޅެގެން އެކަން ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވައިފާނެ ކަމާއިމެދުގައެވެ.  

އަހުރެންނަށް ވިސްނޭގޮތުން ރަމަޟާންމަހު ކުރާ އަޅުކަމުގެ ފުރިހަމަ ޘަވާބާއި ދަރުމަ ހޯދަންބޭނުންމީހާއަށް އެކަން ޙާޞިލްކުރެވޭނީ އެހެން މަސްތަކުގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވެގެންނެވެ. ހމައެކަނި ކޮންމެ ރަމަޟާން މަހަކަށް ޢަމަލުތައް އިޞްލާޙްކުރާނަމަ އެއީ މައްސަލައެއް ނޫންހެއްޔެވެ؟  

މިހުރިހާ ވާހަކަތަކެއް މިދެއްކީވެސް ރަމަޟާން މަހަށް ފަހުގައިވެސް ރޭއަޅުކަން ކުރުމަށް ހިތްވަރުދިނުމަށެވެ. ރޭއަޅުކަންކުރުމަކީ ހަމައެކަނި ރަމަޟާންމަހު ކުރަން އޮތް ކަމެއް ނޫންކަން ބަޔާންކުރުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން