އަތްމަތިދަތިވާނަމަ މި 4 ކަންތަކުގަ ޘާބިތުވެލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އަތްމަތިދަތިވާނަމަ މި 4 ކަންތަކުގަ ޘާބިތުވެލާށެވެ!

މިހާރަކަށް އައިސް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެހެން މީހުން ބަލައިގަންނާނެ ފެންވަރަށް ދިރިއުޅެން މަސައްކަތްކުރުމެވެ. ނަތީޖާއަކަށްވަނީ ތިމާއަށް ޙަލާލް ގޮތުގައި ލިބޭ އާމްދަނީން ނުފުދި ޙަރާމް ގޮތުގައި ފައިސާ ހޯދަންޖެހުމެވެ. ލޯނުތައް ނަގައި ދަރަނިވެރިވެސްވާންޖެހުމެވެ.

ދިރިއުޅެން މަސައްކަތްކުރަންވީ އެހެން މީހުން ބަލައިގަނެ ތަޢްރީފްކުރާނެ ފެންވަރަކު ނޫނެވެ. އެމީހަކަށް ﷲ ތަޢާލާ މިންވަރުކުރެއްވެވި ފެންވަރުގައެވެ. ދިރިއުޅުމުގެ ފެންވަރު މަތިކުރަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. އެއީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ.

ވީމާ ދިރިއުޅުމުގެ ފެންވަރު މަތިކުރަން އެދޭނަމަ ފުރަތަމަކަމަކަށް އިސްރާފްކުރުން ހުއްޓައިލާށެވެ. އެންމެ ސެންޓެއްވެސް އިސްރާފް ނުކުރާށެވެ.

"ހަމަކަށަވަރުން އިސްރާފްކުރާ މީހުންނީ، ޝައިތާނުންގެ އަޚުން ކަމުގައިވޫއެވެ." (އަލްއިސްރާ: 27)

"ހަމަކަށަވަރުން، އިސްރާފްކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ". (އަލްއަޢްރާފް: 31)

ދެވަނަ ކަމަކަށް އާމްދަނީ އިތުރުކުރަން ﷲ ތަޢާލާ ހުއްދަކުރެއްވެވި މަގުން ކުރާ މަސައްކަތް އިތުރުކުރާށެވެ. އަދި ލިބޭ މަދު އާމްދަނީންވެސް ވީވަރަކުން ޞަދަޤާތްކުރާށެވެ. ޞަދަޤާތްކުރުމަކީ ނިޢްމަތްތައް އިތުރުކުރައްވަވާ ކަމެކެވެ.

ތިންވަނަ ކަމަކަށް ކިތަންމެ މަދުން އާމްދަނީ ލިބުނު ނަމަވެސް ތިމާ ޚަރަދުކޮށް ބަލަހައްޓަންޖެހޭ މީހުންނަށް އިންޞާފުވެރިކަމާއިއެކު ޚަރަދުކުރާށެވެ. ބައިއަޅަންޖެހޭ އެންމެންނަށްވެސް ބައިއަޅާށެވެ. ތިމާގެ އަމިއްލަ އުފަލަށްޓަކައި ކުރަންޖެހޭ ކަންކަން ނުކޮށްވެސް އަނބިދަރިންނަށާއި މައިންބަފައިންނަށް ޚަރަދުކުރާށެވެ!

ހަތަރުވަނައަށް މިފާހަގަކުރަނީ އެންމެ މުހިންމު ކަންތަކެވެ. އެއީ އެއްވެސް މިންވަރަކަށް ފާފަ ނުކުރުމާއި އިސްތިޣްފާރުކުރުކުރުމާއި ދުޢާކުރުން ގިނަކުރުމެވެ.

މިމަގުން ކަންތައް ކުރުމުގައި ސާބިތުވެއްޖެ މީހަކަށް ﷲ ތަޢާލާގެ ރަހްމަތް އިތުރުކުރައްވަވާނެތެވެ. ތަނަވަސްކަމާއި އެހެން ނިޢްމަތްތައްވެސް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ އިތުރު ތަނަވަސްކަމަށް އެދި މި 4 ކަމުގައި ސާބިތުވި މީހުންގެ ތަޖުރިބާއިން އެކަން ޔަޤީންކުރެވެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން