ބައިވެރިޔާގެ ކިބައިން ބޭނުންވާ ވަރަށް ލޯބިނުލިބޭތީ ނުވަތަ ހިތުގައި ޖެހޭ ގޮތަށް ކަންތައްތައް ކުރާތީ ޝަކުވާކުރަން އަންނަ ގިނަ މީހުންގެ ވާހަކަތަކުން އެނގެނީ އެމީހުން ކަންބޮޑުވެގެން އުޅެނީ ބައިވެރިޔާގެ ކިބައިގައި މާބޮޑެތި މައްސަލަތަކެއް ހުރެގެން ނޫންކަމެވެ. އެހެންވެ އެކަން އޮގޮތަށް ވުމަށް މެދުވެރިވާ ސަބަބަށް ބަލައިލާނަމެވެ.
ލޯތްބަކީ އާދައިގެ އެއްޗެއް ނޫނެވެ. ލޯބިވުމަކީ ޢާދައިގެ ކަމެއްވެސް ނޫނެވެ. ލޯބިވުމުން އުފާލިބޭފަދައިން ނުރައްކާތަކެއްވެސް ކުރިމަތިވެއެވެ. އެތަނުން އެންމެ ބޮޑު އެއް ނުރައްކަލަކީ މީހަކު ދެކެ މާބޮޑަށް ލޯބިވެވޭނަމަ އޭނާ ބުނެވޭ ބައެއް އާދައިގެ ބަސްތަކުންވެސް އަދި ކުރެވޭ ވަރަށް އާދައިގެ ކުދިކަންކަމުގެ ސަބަބުންވެސް ހިތަށް މާބޮޑަށް އަސަރުކުރާ ކަމެވެ.
ވީމާ ހިތުގައި ޖެހޭފަދަ ކިތަންމެ ކުޑަ ބަހެއް ބުނަވުނަސް އަދި ކުރެވޭ ކުޑަކުޑަކަމަކުންވެސް ހިތަށް ކުރާ އަސަރު މާބޮޑަށް ބޮޑުވެގެންދަނީއެވެ. އެޙާލަތުގައި ވިސްނެން ފަށަނީ ބައިވެރިޔާ މިހާރު ތިމާދެކެ ލޯބިނުވަނީ ކަމަށެވެ. އަންހެނުންނަށް މިޙާލަތު މާބޮޑަށް ކުރިމަތިވާނެއެވެ.
ވީމާ ތިމާދެކެ ލޯބިވާ ހެޔޮލަފާ ބައިވެރިއަކު ލިބިފައިވާނަމަ އޭނާގެ ހިތުގައި ޖެހޭނެ ބަހެއް ނުބުނާށެވެ. އަދި ހިތުގައި ޖެހޭނެ ކަމެއްވެސް ނުކުރާށެވެ! އަދި އަނބިމީހާގެ ހިތުގައި އެއްވެސް މިންވަރަކަށް ޝައްކު އުފެދުމުގެ ފުރުޞަތުވެސް ނުދޭށެވެ! އެއިން ކަމެއް ކުރެވިއްޖެނަމަ އަނބިމީހާ ދެރަވެ އެކަން ބޮޑު ބައްޔަކަށްވެސް ވެދާނެއެވެ.
ހަމައެއާއިއެކު އެފަދަ އަނބިންނަށް ބުނެލަން އޮތީ ތިބާގެ ފިރިމީހާގެ ކިބައިން މިބާވަތުގެ ކަމެއް ފެނުނަސް އެކަން އެހައިސީރިޔަސް ކަމެއްގެ ގޮތުގައި ނުބަލާށެވެ. ބައެއް ފިރިންނަކީ ކުރިމަތިވާ ކަންކަމާއި ގުޅިގެން އެމީހުންގެ މޫޑު ހުންނަގޮތަކުންވެސް ބަސްބުނެވި އަދި ކަންކަންވެސް ކުރެވޭ ބައެކެވެ. އެންމެ ރަނގަޅު ގޮތަކީ ފިރިމީހާގެ ކިބައިގައި ހުންނަ މިބާވަތުގެ ކަންކަން ރަނގަޅަށް ދަސްކުރުމެވެ. އެއިރުން ކަމެއް ކުރިމަތިވިޔަސް ކަންބޮޑުނުވެ ސަލާމަތުން ހުރެވޭނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން