ފާފަކުރެވޭތީ ކަންބޮޑުވޭތަ؟ ދެވި ހިފާފަ ހުއްޓަސް ސަލާމަތްވުމަށް ކުރެވޭނެ 2 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ފާފަކުރެވޭތީ ކަންބޮޑުވޭތަ؟ ދެވި ހިފާފަ ހުއްޓަސް ސަލާމަތްވުމަށް ކުރެވޭނެ 2 ކަމެއް!

ކުޑައރުންސުރެ ކުރެވޭ ނުބައިކަންކަން ކުރުން ހުއްޓާލަން އުނދަގޫވެއެވެ. އަދި ބޮޑުވާފަހުން ނަމަވެސް ގިނަދުވަސްތަކެއްވަންދެން ކުރެވޭ ކަންކަން ކުރުން ހުއްޓާލަންވެސް އުނދަގޫވެއެވެ. އެކަން އެގޮތަށްވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ޝައިޠޯނާގެ ހުރަސްއެޅުންތަކެވެ.

ކޮންމެ ނުބައި ކަމަކީވެސް އެކަމެއް ކުރަން ފަށައިފިނަމަ ކުރާހިތްވެ އެކަމެއްކުރަން ދެވިހިފާ ކަމެކެވެ. މީހަކުލައްވައި ނުބައި ޢަމަލެއް ޝައިޠޯނާއަށް ކުރެވެނީ އެކަމަށް ވަރަށް މަސައްކަތްކޮށްގެންނެވެ. ވީމާ އެންމެ ފަހަރަކު ނަމަވެސް މީހަކު ލައްވައި ފާފައެއް ކުރުވިއްޖެނަމަ އިތުރަށް އެމީހަކު ލައްވައި ފާފަކުރުވަން ޝައިޠޯނާއަށް ވަރަށް ފަސޭހަވެގެންދެއެވެ.

ފާފަކުރަން ދެވިހިފާފައި ތިބޭ މީހުން ތިބުމަކީ މިއަދު އެކަނި ކުރިމަތިވާކަމެއް ނޫނެވެ. އެއީ ހުރިހާ ޒަމާނެއްގައިވެސް ކުރިމަތިވާ ކަމެކެވެ. އެގޮތުން ބަލައިފިނަމަ މަސްތުވުމާއި ފާހިޝް ޢަމަލުކުރުމާއި ވައްކަންކުރުމާއި ޖުވާކުޅުން ފަދަ ކަންކަމަށް ދެވިހިފާމީހުން ގިނަކަން ފާހަގަކުރެވެއެވެ. އަދި އެންމެ ގިނަބައަކު ދެވިހިފާފައިވާ ފާފައަކީ ދޮގުހެދުން ކަމަށްބުނެފިނަމަ "ދޮގުހެދުމަކީ ފާފައެއްތޯ؟" ސުވާލުކުރާވަރަށް މިއަދު މިވަނީ ދޮގުހެދުން ޢާންމުވެފައެވެ. ގިނަބައަކަށް އެއީ ބޮޑު ފާފައެއްކަން ޤަބޫލުވެސް ނުކުރެވެއެވެ.

މާޔޫސް ނުވާށެވެ! ފާފަކުރަން ދެވި ހިފާފައި ތިބޭ މީހުންނަށްވެސް އެކަމުން ސަލާމަތްވެވޭނެއެވެ. އެފަދަ މީހުން ދެކަމެއް ކުރަން ޖެހޭނެއެވެ.

ފުރަތަމަ ކަމެއްގެ ގޮތުން ކުރަން އޮތް ކަމަކީ ފާފަކުރެވޭ ހާލަތާއި ފާފަކުރަން ޝައުޤްވެރިވާ ސަބަބު ހޯދުމެވެ.

މިސާލަކަށް އެއީ ވަކި މަންޒަރެއް ފެނުމުން ކަމަށްވާނަމަ އެފަދަ މަންޒަރުތައް ނުބަލާށެވެ. ވަކި ބައަކާއި އުޅެވުމުން ކަމަށްވާނަމަ އެބައަކާއިއެކު ނުއުޅޭށެވެ. އަތުގައި ފޯނުގެ ސަބަބުން ކަމަށްވާނަމަ އެކަނި ހުރެ ފޯނު ބޭނުން ކުރުމުގައި ސަމާލުވާށެވެ! މިފަދަ ކަންކަމުންވެސް ސަލާމަތް ނުވެވޭ ނަމަ އިތުބާރު ކުރެވޭ މުސްލިމް، ޢިލްމުވެރިންނާއި އިމާމުންގެ ލަފާ ހޯދާށެވެ!

ހަމަ އެއާއިއެކު ގިނަގިނައިން ތައުބާވީ މީހަކަށްވާށެވެ! ކިތަންމެ ގިނައިން ނުވަތަ ގިނަ ފަހަރު ތައުބާވާން ޖެހުނު ނަމަވެސް ޖެހިލުންވުމެއް ނެތެވެ. ލަދުގަތުމެއްވެސް ނެތެވެ. ޖެހިލުންވާންވީވެސް ލަދުގަންނަންވީވެސް ތައުބާ ނުވެ ހުރުމަށެވެ. އެހެނީ ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެ ނުގަންނަ ނަމަ އެމީހަކީ ކުށްވެރިއެކެވެ.

ޔަޤީންކުރާށެވެ! ގިނަގިނައިން ތައުބާވާނަމަ ފާފަ ކުރެވުމުން އެމީހަކަށް ސަލާމަތްވެވޭނެއެވެ. ﷲ ތަޢާލާ މަގު ދައްކވާނެތެވެ! ވީމާ އޮތީ އިޚްލާޞްތެރިކަމާއިއެކު ތައުބާވުން ގިނަ ކުރުމެވެ. ރޮއި ﷲ ތަޢާލާއަށް އާދޭސްކުރުން ގިނަކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން