ކޮންމެ މީހަކީ ފެންއިރަށް އައިސް ގަޔަށް ބޮލަށް އަރައިގަންނާނެ ބައެއް ނޫނެވެ. ގިނަ މީހުން ގައިގައި ބީހޭނީ އެކަމަށް މަގުފަހިކޮށް އަދި އެކަމަށް ރަނގަޅަށް ތައޔާރުވެގެންނެވެ. އެކަމަށް ފަށައިގަންނަން ފުރަތަމަ ކުރާނެ ކަމަކީ އަނެކާގެ ރީތިކަމަށް ތަޢްރީފްކުރުމެވެ. ދެން ސަމާސައަށް ހަދާފައި ބުނަން ފަށާނީ ފާހިޝް ބަސްތަކެވެ. ވިއްދައިގެން ދައްކަންފަށާނީ ފާޙިޝް ވާހަކަތަކެވެ.
މި 3 ސްޓޭޖް ކާމިޔާބުކުރެވުމުން ދެން މަޑުމަޑުން ގައިގައި ބީހިލާނީއެވެ. ދެން ދޮނެއް ދޭނީއެވެ. އެހިސާބުން މަޑުމަޑުންގޮސް އޮންނާނީ ކައިވެނީގެ ބޭރުން ކޮށްގެން ނުވާނެ ހުރިހާ ކަމެއްވެސް ކުރެވިފައެވެ.
ކައިވެނިކޮށްގެން ތިބޭ އަންހެނުންވެސް ވަރަށް ފަސޭހައިން މިމަޅިތަކުގައި ޖެހެއެވެ. ފާޙިޝް ބަސްތަކުން މުޚާޠަބްކުރީމާ އެއީ ކަމަކަށް ނުހަދައި ހިނިތުންވެލަނީއެވެ. އެއީ އެކަމުގެ ފަހަތުން އަންނަން އޮތް ބޮޑު ނުރައްކަލަށް ވިސްނައި ނުލެވޭތީއެވެ. އެއިގެ އިތުރުން ވިސްނެނީ މީހަކު އެއްޗެއް ބުނުމަކުން ތިމާއަށް ނުރަކަލެއް ނެތް ކަމަށެވެ. ތިމާގެ ޢިއްފަތްތެރިކަމަށް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެއީ އެކަމުގެ ފަހަތުން އަންނަންހުރި މިބުނެދިން ކަންކަމަށް ނުވިސްނޭތީއެވެ.
ފުރަތަމަ ކަމަކީ އަންހެނާގެ ޢިއްފަތްތެރިކަމުގެ އަގުވަޒަންކުރާ މީހަކު ހއޭނާއާއި ފާޙިޝް ވާހަކަ ނުދައްކާނެ ކަމެވެ. ސަބަބަކީ އެފަދަ އަޑުތައް އިވުމަކީވެސް އިންސާނުންގެ އިޙްޞާޞްތަކަށް ނުރަނގަޅު އަސަރުތަކެއް ކުރުވާނެ ކަމަށްވާތީއެވެ. ވީމާ މަސައްކަތު މާޙައުލުގައިވެސް އަދި އެނޫން ތަނެއްގައިވެސް ފާޙިޝް ވާހަކަދައްކާ މީހުންނަށް ވަޤުތުން ރަތްކާޑުދައްކަންވާނެއެވެ. އެކަމަށް ނުރުހޭކަން ބަޔާންކޮށް އެފަދަ ކަމެއް ތަކުރާރުނުކުރަން ބުނަންވާނެއެވެ. ނޫންނަމަ އޮންނާނީ ދާދިއަވަހަށް މަޅީގައި ޖެހެވި ނުބައިމަގުން ކުރިއަށް ދެވިފައެވެ.
ﷲ ތަޢާލާ އަންގަވާފައިވަނީ ޒިނޭއާއި ކައިރިވެސް ނުވުމަށެވެ. ޒިނޭއާއި ކައިރިކުރުވަނީ ހަމައެކަނި ބަރަހަނާ ފޮޓޯއާއި ވީޑިއޯއެއް ނޫނެވެ. ފާޙިޝްވާހަކަތައްވެސް ޒިނޭއާއި ކައިރިކުރުވައެވެ. ވީމާ އެއީ ހުރިހާ ގޮތަކުން ބެލިނަމަވެސް ކުރެވޭ ބޮޑު ފާފައެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން