އެކަމުގައި އިސްތިސްނާވާ މީހަކު ހުންނާނެ ކަމަކަށް ނުބެލެވެއެވެ. ކޮންމެ މީހަކަށްވެސް ހަނޑާން ނައްތައިލަން އުނދަގޫ ބައަކު ތިބޭނެއެވެ. އަދި އެމީހެއްގެ ހަނދާން ގިނަގިނައިން ކުރަން ބޭނުންވާ މީހަކުވެސް ހުންނާނެއެވެ. އެއީ އެކަން އެގޮތަށް ދެމއޮންނާނެވެސް ކަމެކެވެ.
އަހުރެން މިކުރަނީ ސުވާލެކެވެ. ތިބާއަށް އެމީހެއްގެ މަތިން ހަނދާން ނައްތައިލަން އުނދަގޫވާ މީހުންނަށް އެހައިފަސޭހައިން ތިބާގެމަތިން ހަނދާން ނައްތައިލެވެނީ ކީއްވެގެން ހެއްޔެވެ؟
މިސުވާލަށް ދެވޭނެ މާގިނަ ޖަވާބުތަކެއް ނެތެވެ. ދެވެން އޮތް ޖަވާބަކީ ތިބާއަށް އޭނާ މުހިންމުވާވަރަށް އޭނާއަށް ތިބާ މުހިންމު ނުވަނީއެވެ. ތިބާ އޭނާއާއިމެދު ދެކޭގޮތާއި އޭނާ ތިބާއާއިމެދު ދެކޭގޮތް ތަފާތީއެވެ.
ރަނގަޅަށް ބަލާށެވެ! ދެންމެ މިކުރި ސުވާލުގެ ޖަވާބު ހޯދަންކުރާ މަސައްކަތުގެ ތެރެއިން މާޔޫސްވެ ހިތްދަތިކަމުގައި އުޅެމުން އަންނަ މީހުން މަދެއްނޫނެވެ. މުޅިޢުމުރުގައި ވިސްނުމުންވެސް ޖަވާބު ނުލިބޭ މީހުންވެސް މަދެއް ނޫނެވެ.
އެހެންވެ އަހުރެންނަށް ވިސްނޭ ގޮތްވެސް ބުނެލާނަމެވެ. މީހަކާއިމެދު ވިސްނޭނަމަ ފުރަތަމަ ކަމަކަށް އޭނާ ތިބާއާއިމެދު ވިސްނާ ގޮތް ދެނެގަންނާށެވެ! ދެމީހުންގެ ވިސްނުން ތަފާތުނަމަ އެއްގޮތްކުރެވޭތޯ މަސައްކަތްކުރާށެވެ! އެކަން ކާމިޔާބުނުވިނަމަ އެމީހަކާއިމެދު ތިމާ ވިސްނާގޮތް ބަދަލުކުރާށެވެ! ނޫންނަމަ މުޅި ޢުމުރަށްވެސް އެކަމަކީ ބޮޑު ވޭނަކަށްވުން އޮންނާނީ ދާދިގާތުގައެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން