ތިބާއާއިއެކުގައިވާ މަލާއިކަތުން ޝައިޠޯނާއަށް ހުރަސް އަޅުއްވަވައި ޝައިޠޯނާއަށް ތިބާއާއި ކައިރިވެސް ނުވެވޭނެވަރަށް ޙިމާޔަތްކޮށްދެއްވަވާނެ މީހަކަށް ވެވޭނެ މަގު- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ތިބާއާއިއެކުގައިވާ މަލާއިކަތުން ޝައިޠޯނާއަށް ހުރަސް އަޅުއްވަވައި ޝައިޠޯނާއަށް ތިބާއާއި ކައިރިވެސް ނުވެވޭނެވަރަށް ޙިމާޔަތްކޮށްދެއްވަވާނެ މީހަކަށް ވެވޭނެ މަގު- އިން ޝާ ﷲ

އިބިލާހަކޯ ކޮންފަދަ މަތީ ދަރަޖައެއްގައި ﷲ ތަޢާލާގެ ޙަޟްރަތުގައިވީ އެއްޗެއް ހެއްޔެވެ؟ އެބޮޑު ނިޢުމަތް އެއެއްޗަށް ގެއްލިގެންދިއައީ ގޮތްދޫނުކުރުމާއި ބޮޑާކަމުގެ ސަބަބުންނެވެ. ދުނިޔެ ނިމި އެއެތީގެ ފުރާނަ ހިއްޕަވަންދެން އެއެތި ދެމިހުންނާނީ އެބޮޑާކަމުގައެވެ. ގޮތްދޫނުކުރުންމަތީގައެވެ.

ވިސްނަންޖެހޭ ފުރަތަމަ ކަމަކީވެސް ޝައިޠޯނާ މީސްތަކުންނަށް ޙަމަލާދެނީ އޭތީގެ ކޮޅު ބަލިވާންފެށުމުން ކަމެވެ. ޝައިޠޯނާ ބަލި ޤަބޫލެއް ނުކުރާނެއެވެ! އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުންނާއި މީސްތަކުން މަގުފުރެއްދުމުން ލިބޭނީ އެންމެ ގަދަފަދަ ޢަޛާބުކަމާއި ދާއިމަށް އޮންނަން ޖެހޭނީ ނަރަކައިގައިކަން އެނގޭއިރުވެސް ގޮތް ދޫނުކުރިކަމެވެ. ތައުބާވާން ދެއްވެވި ފުރުޞަތުގެ ބޭނުން ނުކުރިކަމެވެ.

އެހެންނަމަވެސް މީސްތަކުންނާއި ކުރާ މުޢާމަލާތުތަކުގައި ޝައިޠޯނާ ބަލިވެއެވެ. ދޭ ވަސްވާސްތައް ޤަބޫލުނުކުރީމައެވެ. ޝައިޠޯނާ ބަލިވާކަން ޝައިޠޯނާއަށް އެނގެން ފެށުމުން ދޭ ޙަމަލާތައް ގިނަކުރަން މަސައްކަތްކުރާނެއެވެ. ﷲ އާއި ތިބާގެ ގުޅުން ބަދަހިވާވަރަކަށް ޝައިޠޯނާއަށް ކުރަންޖެހޭ މަސައްކަތް ބުރަވެފަ ގިނަވާނެއެވެ.

ވީމާ ﷲ ތަޢާލާގެ މަގުގައި ސާބިތުވާށެވެ. ދުލެއް ނުދީ ބާރަށް ކުރިއަށްދާށެވެ. އެއިރުން ތިބާއަށް އެދަނީ ނަޞްރުލިބެމުންނެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވާން މަސައްކަތްކުރާ އަޅަކަށް ﷲ ތަޢާލާ އެކަމަށް މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

ﷲ ތަޢާލާގެ މަގުގައި ތިބާ ކުރިއަށްދާނަމަ މަލާއިކަތުން ތިބާ ޙިމާޔަތްކުރައްވަވައި ރައްކައުތެރިކަން ދެއްވަވާނެތެވެ. އެއިރުން ޝައިޠޯނާއަށް ތިބާ އާއި ވައިވެސް ނޭޅެވޭނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން