ދެމަފިރިއަކު ވަކިވުމުން ޙަސަދަވެރި ފަހަރިއަކު އަންހެން މީހާއަށް ބުންޏެވެ! "މަތިފަޑީގައި އިނދެވިއްޖެހެއްޔެވެ؟ ތިއޮތީ ވަރިކުރުވާފައެވެ! ޖެހޭނީ ރޮއިރޮއިހުންނާށެވެ! ލަދެއްހުރިނަމަ ދެންވެސް މިގެއިން ނުކުމެގެން އަވަހަށްދާށެވެ!"
ޖަވާބުގައި އަނެކާ ބުންޏެވެ. "އަހުރެމެންގެ ކައިވެނި ކުރެވުމަށް އިރާދަކުރެއްވެވި ފަރާތުން ނިންމަވާނީ އެންމެ މޮޅަށެވެ. ދެމަފިރިން ދުރުކުރުވަން ކަލޭކުރި މަސައްކަތްތައް ކުރިންވެސް އެނގެއެވެ. ބަހެއް ނުބުނެ ހުރީ ކަލޭ ކިތަންމެ ބޮޑަށް ތެޅިފޮޅުނަސް އިރާދަފުޅުގައި ވާން ނެތް ކަމެއް ނުވާނެތީއެވެ. ވާންހުރި ހުރިހާ ކަމެއް ހަމަ އެގޮތަށް ވާނެކަން ވަޤީންވާތީއެވެ."
އެވަޤުތު ފިރިމީހާ ބޭރުން އައިސް ގެއަށްވަދެފައި އަނބިމީހާގެ އަތުގައި ހިފައިގްންވަނީ ކޮޓަރިއަށެވެ. ޙަސަދަވެރިޔާ އިންގޮތަށް އިނީއެވެ. އިރުކޮޅެއްފަހުން ފެންވަރާލައިގެން ނުކުމެ އަންހެންމީހާ ޙަސަދަވެރިޔާއަށް ބުންޏެވެ. "ކަލޭގެ މަސައްކަތް ކާމިޔާބެއް އަދިނުވިތާއެވެ. ހަމަޤައިމުވެސް މިހާރު އަހުރެންނަކީ ޢިއްދައިގައި އިން އަންތބަކީމެއް ނޫނެވެ! ފިރިމީހާގެ އަނބިމީހާއެވެ! ދެންވެސް ޙަސަދަވެރިކަމުން ހިތް ޠޯހިރުކޮށް ތައުބާވާށެވެ!"
މި ހަޤީޤަތް ޤަބޫލުކޮށްގެން ދިރިއުޅޭށެވެ! އެމީހަކަށް އުފާވެރިކަން ދެއްވަވާނެތެވެ! ހެޔޮ ގޮތްތައްވެސް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ
އިންސާނުންނަށް އުފަލުގައި ދިރިނުއުޅެވޭ މައިގަނޑު ސަބަބަކީ އެމީހާގެ އަމިއްލަ ވިސްނުން އެމީހާ ފަރުމާކުރާ ގޮތެވެ. ސިކުނޑީގައި ނުބައި ވިސްނުން ހަރުލައްވާކަމެވެ. އެކަންކުރަނީ މީހަކު ނުވަތަ ބައަކު ނޫނެވެ. ތިމާއަމިއްލައަށެވެ.
ނުރަނގަޅު ވިސްނުންތައް ދޫކޮށް ތިމާއަކީ ކާމިޔާބު މީހަކުކަން އަމިއްލައަށް ބަލައިގަތުމަށް 5 ކަމެއް ކުރަން ޖެހެއެވެ. ނުވަތަ 5 ވިސްނުމެއް ގެންގުޅެން ޖެހެއެވެ. އެއިގެ ތެރެއިން ފުރަތަމަ ކަމަކީ ކޮންމެ ކަމެއް ކުރިމަތިވުމުން އެއީ އެހެން މީހެއްގެ ސަބަބުން މެދުވެރިވިކަމެއްކަމަށް ޤަބޫލުނުކުރުމެވެ.
ކޮންމެ ކަމެއް ކުރިމަތިވުމުން އެއީ އެހެން މީހެއްގެ ސަބަބުން މެދުވެރިވިކަމެއްކަމަށް ޤަބޫލުނުކުކުރަންޖެހޭ ސަބަބަކީ އެކަމެއް ކުރިމަތިވުމުގައި ތިމާގެ އިހްމާލެއް އޮންނާނެތީއެވެ. އެކަމަކުން ސަލާމަތްވުމަށް ތިމާކުރަންޖެހޭ ކަންކަން ނުކުރެވި ހުންނާނެތީއެވެ.
އެއީ އަނބިމީހާކަމުގައިވީނަމަވެސް ނުވަތަ ފިރިމީހާކަމުގައިވީނަމަވެސް ނުވަތަ ވިޔަފާރީގެ ބައިވެރިޔާކަމުގައިވީނަމަވެސް އަދި އެހެންމީހަކުކަމުގައިވީނަމަވެސް ތިމާ އާއި ގުޅުންހުރި ކަންކަން ތިމާ ބަލަހައްޓަންޖެހޭ މިންވަރަށް ބެލެހެއްޓޭނަމަ ލިބޭ ގެއްލުން ކުޑަވާނެއެވެ. އަދި ގެއްލުމެއް ދެވޭނީވެސް މަދުފަހަރަކުއެވެ.
ވީމާ ކޮންމެ ކަމެއް ކުރިމަތިވާއިރަށް އެކަމުގެ ޒިންމާ އެހެން މީހެއްގެ ބޮލުގައި އެޅުވުމަކުން ތިމާގެ ސިކުނޑިއަށް ލިބޭނެ އެއްވެސް ލުއިކަމެއް ނުއޮންނާނެއެވެ. ލިބުނު ގެއްލުން އޮންނާނީ ލިބިފައެވެ.
އިތުރަށް ކުރަންޖެހޭ 4 ކަންތަކަކީ:
2 ދުނިޔޭގައި ކާމިޔާބު މީހުންނަށްވަނީ އަމިއްލައެދުން ބޮޑު ދަހިވެތި މީހުން ކަމަށް ޤަބޫލުނުކުރުން
3 އެއީ ތެދުކަން ނުބަލައި އިވޭހައި ވާހަކަތަކެއް އެއީ ތެދު ޙަޤީޤަތްކަމަށް ޤަބޫލުނުކުރުން
4 ތިބާކުރާ ކަންކަން ފުރިހަމަކުރަންޖެހޭނީ އެހެން މީހަކު ނުވަތަ ބައަކު ކަމަށް ޤަބޫލުނުކުރުން
5 ތިމާ ޙާޞިލުކުރަން ބޭނުންވާ ހުރިހާ ކަންކަން ފައިސާއިން ކާމިޔާބުކުރެވޭނެކަމަށް ޤަބޫލުނުކުރުން
މިކަންކަމަށް ސަމާލުކަންދީގެން ދިރިއުޅުމުގެ ކަންކަން ކުރާމީހަކަށް ކާމިޔާބާއި ކުރިއެރުން ލިބޭނެއެވެ. ސިކުނޑިއަށް ހަމަޖެހުން ލިބޭނެއެވެ. އިން ޝާ ﷲ
--އަލަފް / މިއަދުނޫހަށް