ފަހުން ހޭލައިގެން ވިތުރި ނުކުރެވޭނެ މީހުން ޢިޝާނަމާދަށްފަހު ވިތުރިކުރާށެވެ! ވިތުރިކުރުން ރަނގަޅީ ގޭގައިނަމަވެސް ގޭގެ ޙާލަތު ހުންނަގޮތުން ވިތުރި ނުކުރެވޭނެނަމަ މިސްކިތުގައިވެސް ކުރާށެވެ! އެކަމަށް ހޭދަވާ 5 ވަރަކަށް މިނިޓަށްވުރެ ވިތުރިކުރުމުން ލިބެން އޮތް ފައިޑާ މާބޮޑެވެ! އިން ޝާ ﷲ
ރަމަޟާން މަހު ރޭއަޅުކަންކުރި މީހުންގެ ތެރެއިން ދިހަބައިކުޅަ އެއްބައި މީހުންވެސް ރޭއަޅުކަން މިހާރުކުރާކަމާއިމެދު ސުވާލު އުފެދެއެވެ. އެހެންކަމުން މިކަމުގެ ވާހަކަ ގިނަގިނައިން ދައްކަން ޖެހެނީއެވެ. ހަނދާންކޮށްދީ ހިތްވަރުދިނުމަށެވެ.
ރަމަޟާން މަހަށް ފަހުގައިވެސް ވިތުރި އާއި ދަމުނަމާދުކުރުން ހުއްޓާނުލަންވީ ސަބަބަކީ މި ޙަދީޘްފުޅެވެ.
"ރޭގަނޑުގެ ފަހުބައިގައި އަޅުކަން ކުރުމަށް ނުތެދުވެވިދާނެ ކަމުގެ ބިރުއޮތް މީހާ ވަގުތުގެ ކުރީކޮޅުގައި ވިތުރި ކުރާ ހުށި ކަމެވެ. ރޭގަނޑުގެ ފަހުބައިގައި އަޅުކަން ކުރުމަށް ތެދުވުމަށް ގަޞްދުކޮށްފައިވާ މީހާ ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރާ ހުށިކަމެވެ. ރޭގަނޑުގެ އެންމެ ފަހުވަގުތުގައި ކުރެވޭ ނަމާދަކީ ހެކިވެވިގެންވާ ނަމާދެކެވެ. އެއީ އެންމެ މާތް ނަމާދެވެ".
ދަމުނަމާދާއި ވިތުރި ކުރުމާއިމެދު ބައެއް ކިޔުންތެރިން ތަފާތު ސުވާލުތައް ކުރަމުން ގެންދާތީ މަޢުލޫމާތަށްޓަކައި މިފަދައިން ކުރެވޭ ބައެއް ސުވާލުތަކަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބުތައް މިގެނެސްދެނީއެވެ.
ދަމު ނަމާދު ކޮށްފައި ވިތުރި ކުރަންޖެހޭތޯ؟ ނުކުރިޔަސް މައްސަލައެއްނެތްތޯ؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވާފައިވަނީ ރޭގަނޑުގެ އެންމެ ފަހު ނަމާދަކަށް ވިތުރި ހެދުމަށެވެ. ވީމާ، ދަމު ނަމާދު ނިންމާލަމުން ވިތުރި ކުރަން ވާނެއެވެ. والله أعلم
ދަމު ނަމާދާއި ވިތުރި ނަމާދު ކުރަން ޖެހޭނީ އެއްކޮށްތޯ؟
އެއްކޮށްކުރާއިރު ދަމުނަމާދުގެ ފަހު ރަކުއަތްކޮށްފައި ސަލާންދީފައި ހަމަވަގުތުން ތެދުވެ ވިތުރި ކުރަން ނިޔަތް ގަނެ ވިތުރި ނަމާދު ކުރާނީތޯ؟ ނޫނީ ނިޔަތް ނުކިޔާ ހަމަ ވިތުރި ކުރާނީތޯ؟ މިކަން ކުރާނެ ގޮތަކީ ކޮބައިތޯ؟
ވިތުރިއަކީ ﷲ އަށް ކުއްތަން ވުމުގެ ގޮތުން ކުރެވޭ ވަރަށް މާތްކަން ބޮޑު އަޅުކަމެކެވެ. އެހެންކަމުން ޙަނަފީ މަޛްހަބުގައި ވިތުރިއަކީ ވާޖިބެކެވެ. އެހެންނަމަވެސް އޭގެ އެންމެ ރަގަޅު ގޮތަކީ ވިތުރި އަކީ ވާޖިބެއް ނޫންކަމާއި އެއީ ގަދަވެގެންވާ ސުންނަތެއް ކަމެވެ. ކޮންމެ މުސްލިމަކުވެސް އެނަމާދަށް ރައްކާތެރިވުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.
އިމާމު އަޙްމަދު ވިދާޅުވެފައިވެއެވެ: "ވިތުރި ދޫކޮށްލައިފިމީހަކީ ހެކިބަސް ގަބޫލު ނުކުރެވޭ ވަރުގެ ގޯސް މީހެކެވެ".
ވިތުރީގެ ވަގުތު: ޢިޝާ ނަމާދު ކުރުމުން އެއޮތީ ވިތުރީގެ ވަގުތު ވަދެފައެވެ. މަޣްރިބާއި ޢިޝާ އިސްކޮށް ޖަމްޢުކޮށް ކުރިނަމަވެސްއެވެ. ފަޖުރު ލުމާއި ހަމައަށް ވިތުރީގެ ވަގުތު ދެމިގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.
(إِنَّ اللَّهَ قَدْ أَمَدَّكُمْ بِصَلاةٍ وهي الْوِتْرُ جَعَلَهُ اللَّهُ لَكُمْ فِيمَا بَيْنَ صَلاةِ الْعِشَاءِ إِلَى أَنْ يَطْلُعَ الْفَجْرُ) رواه الترمذي،
މާނައަކީ: "ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް ވަގުތު ދެމިގެންވާ ނަމާދެއް ލައްވައިފިއެވެ. އެއީ ވިތުރިއެވެ. ޢިޝާ ނަމާދުން އަވަދިވީއްސުރެ ފަޖުރުލުމަށް ދާންދެން ވިތުރީގެ ވަގުތު ދެމިގެންވެއެވެ".
ވިތުރީގައި ރަގަޅީ ވަގުތުގެ ކުރީކޮޅުގައި ކުރުންބާ ނުވަތަ ފަހުބައިގައި ކުރުންބާ؟
ރޭގަނޑު ދަމުނަމާދު ކުރުމަށް ނިޔަތް ގަންފައިވާ މީހާ އަށް މާތްކަން ބޮޑުވެގެންވަނީ ވިތުރި ލަސްކޮށްލުމެވެ. ސަބަބަކީ ވިތުރި އަކީ ރޭގަނޑުގެ އެންމެ ފަހު ނަމާދު ކަމަށްވީތީއެވެ. ނަމަވެސް ދަމުނަމާދަށް ނުތެދުވެވިދާނެ ކަމުގެ ބިރު އޮތް މީހާގެ ޙައްގުގައި ވިތުރީގެ އެންމެ ރަގަޅު ވަގުތަކީ ނިދުމުގެ ކުރިން ކުރުމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘް ކުރެއްވިއެވެ.
(مَنْ خَافَ أَنْ لا يَقُومَ مِنْ آخِرِ اللَّيْلِ فَلْيُوتِرْ أَوَّلَهُ وَمَنْ طَمِعَ أَنْ يَقُومَ آخِرَهُ فَلْيُوتِرْ آخِرَ اللَّيْلِ فَإِنَّ صَلاةَ آخِرِ اللَّيْلِ مَشْهُودَةٌ وَذَلِكَ أَفْضَلُ ) رواه مسلم މާނައަކީ: "ރޭގަނޑުގެ ފަހުބައިގައި އަޅުކަން ކުރުމަށް ނުތެދުވެވިދާނެ ކަމުގެ ބިރުއޮތް މީހާ ވަގުތުގެ ކުރީކޮޅުގައި ވިތުރި ކުރާ ހުށި ކަމެވެ. ރޭގަނޑުގެ ފަހުބައިގައި އަޅުކަން ކުރުމަށް ތެދުވުމަށް ގަޞްދުކޮށްފައިވާ މީހާ ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރާ ހުށިކަމެވެ. ރޭގަނޑުގެ އެންމެ ފަހުވަގުތުގައި ކުރެވޭ ނަމާދަކީ ހެކިވެވިގެންވާ ނަމާދެކެވެ. އެއީ އެންމެ މާތް ނަމާދެވެ".
ވިތުރީގެ އެންމެ މަދު މިންވަރު:
ވިތުރީގެ އެންމެ މަދު މިންވަރަކީ ރަކްޢަތެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (الْوِتْرُ رَكْعَةٌ مِنْ آخِرِ اللَّيْلِ) رواه مسلم
މާނައަކީ: "ވިތުރި އަކީ ރޭގަނޑުގެ ފަހުބައިގައި ކުރެވޭ ރަކްޢަތެކެވެ". އެހެން ޙަދީޘެއްގައިވެއެވެ. (صَلاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى) رواه البخاري (911) ومسلم (749)،
މާނައަކީ: "ރޭގަނޑުގެ ނަމާދުތައް ދެރަކްޢަތުން ދެރަކްޢަތުން ކުރާށެވެ. އަދި ފަތިސްވަގުތު ވެދާނެކަމަށް ބިރު ހީވުމުން ވިތުރީގެ އެއްރަކްޢަތް ކުރާހުށި ކަމެވެ". ވިތުރީގެ އެއް ރަކްޢަތް ކުރިޔަސްވެސް ރަގަޅެވެ. އަދި ތިން ރަކްޢަތާއި ފަސްރަކްޢަތް އަދި ހަތް ރަކްޢަތް އަދި ނުވަ ރަކްޢަތްވެސް ކުރެވިދާނެއެވެ.
ވިތުރީގައި ތިން ރަކްޢަތް ކުރާނަމަ މަޝްރޫޢު ދެގޮތެއްވެއެވެ. އެއީ:
ފުރަތަމަ ގޮތަކީ: ތިންރަކްޢަތް އެއްކޮށް އެއް އައްތަޙިއްޔާތަކުން ކުރުމެވެ. ދަލީލަކީ ޢާއިޝަތުގެފާނުގެ ރިވާޔަތެވެ. (كان يوتر بثلاث لا يقعد إلا في آخرهن) މާނައަކީ: "ރަސޫލުﷲ-ޞައްލަﷲ އަލައިހި ވަސައްލަމަ ވިތުރީގައި ތިން ރަކްޢަތް ކުރައްވައެވެ. އޭގެ އެންމެ ފަހު ރަކްޢަތުގައި މެނުވީ އިށީނދެ ވަޑައެއް ނުގަންނަވައެވެ".
ދެވަނަ ގޮތަކީ: ދެރަކްޢަތް ކޮށްފައި ސަލާމް ދިނުމެވެ. އެއަށްފަހު ތިންވަނަ ރަކްޢަތް ވަކިން ކުރުމެވެ. لما ورد عن ابن عمر رضي الله عنهما : أنه كان يفصل بين شفعه ووتره بتسليمة ، وأخبر أن النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ كان يفعل ذلك) މާނައަކީ: އިބްނު ޢުމަރު -ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިތުރީގައި ދެރަކްޢަތް ކުރެއްވުމަށްފަހުގައި ސަލާމް ދެއްވައެވެ. އަދި ތިންވަނަ ރަކްޢަތް ވަކިން ކުރައްވައެވެ، މިއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވި ގޮތެއްކަމުގައި އިބްނު ޢުމަރު -ރަޟިޔަﷲ ޢަންހު- ވިދާޅުވެއެވެ".
ނަމަވެސް ވިތްރީގައި ފަސްރަކްޢަތް ނުވަތަ ހަތް ރަކްޢަތް ކުރާނަމަ ހުރިހާ ރަކްޢަތެއް ނިމިގެން އެއް ފަހަރު އައްތަޙިއްޔާތު ކިޔާނީ އެވެ. އެދެމެދުގައި އައްތަޙިއްޔާތެއް (މެދު އައްތަޙިއްޔާތެއް) ނާންނާނެއެވެ. لما روت عائشة رضي الله عنها قالت : كان رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ يصلي من الليل ثلاث عشرة ركعة يوتر من ذلك بخمس لا يجلس في شيء إلا في آخرها) މާނައަކީ: ޢާއިޝާ ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. ރޭގަނޑުގެ ނަމާދުގައި ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ތޭރަ ރަކްޢަތް ކުރައްވައެވެ. އޭގެ ތެރެއިން ފަސްރަކްޢަތަކީ ވިތުރިއެވެ. އެދެމެދުގައި އެންމެ ފަހު ރަކްޢަތުގައި މެނުވީ އިށީނދެ ވަޑައެއް ނުގަންނަވައެވެ". އެބަހީ: ފަސްވަނަ ރަކްޢަތުގައި މެނުވީ އައްތަޙިއްޔާތު ވިދާޅެއް ނުވެއެވެ.
ވިތުރީގައި ނުވަ ރަކްޢަތް ކުރާނަމަ ފުރަތަމަ އަށް ރަކްޢަތް ކުރާނީ މެދުކެނޑުމެއް ނެތިއެވެ. މާނައަކީ ދެރަކްޢަތުން ދެރަކްޢަތުން ސަލާމްދިނުމެއް ނުވަތަ އައްތަޙިއްޔާތަށް އިށީނުމެއް ނެތިއެވެ. އައްތަޙިއްޔާތަށް އިށީންނާނީ އަށްވަނަ ރަކްޢަތުގައެވެ. އެއަށްފަހު ތެދުވެ ނުވަވަނަ ރަކްޢަތް ކުރެއްވުމަށްފަހުގައި ސަލާމް ދޭނީއެވެ.
ވިތުރީގައި އެގާރަ ރަކްޢަތް ކުރާނަމަ ކޮންމެ ދެރަކްޢަތަކުން ސަލާމްދޭން ޖެހޭނެއެވެ. އަދި އެންމެ ފަހުން އެއް ރަކްޢަތް ވަކިން ކުރަން ޖެހޭނެއެވެ.
ވިތުރީގައި ކިޔަވަން އެންމެ އައުލާކަން ބޮޑު ސޫރަތްތަކަކީ ފުރަތަމަ ރަކްޢަތުގައި ސޫރަތުލް ފާތިޙާ އަށް ފަހުގައި ސޫރަތުލް އަޢްލާ. ދެވަނަ ރަކްޢަތުގައި ސޫރަތުލް ފާތިހާ އަށް ފަހުގައި ކާފިރޫން ސޫރަތް އަދި ތިންވަނަ ރަކްޢަތުގައި ސޫރަތުލް ފާތިހާ އަށް ފަހުގައި އިޚްލާޞް ސޫރަތެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް