ލޭ ހަދިޔާކުރާއިރު ވިސްނާލަން ޖެހޭ ކަންތައްތައް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 20ސ
ލޭ ހަދިޔާކުރާއިރު ވިސްނާލަން ޖެހޭ ކަންތައްތައް!

ލޭ ހަދިޔާކުރުމަކީ އިންސާނީ ހަޔާތުގައި އެންމެ މަތިވެރި އަދި މާތް ޢަމަލުތަކުގެ ތެރެއިން އެއް ޢަމަލެވެ. އެހެނީ މި ޢަމަލުގެ ސަބަބުން އެތައް ފުރާނައެއް ސަލާމަތްކުރެވި، އެތައް ބައެއްގެ ދިރިއުޅުމަށް އައު އުއްމީދެއް ގެނެސްދެވެއެވެ. ނަމަވެސް ލޭ ހަދިޔާކުރުމަކީ ވަރަށް ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ލޭ ހަދިޔާކުރާއިރު ވިސްނާލަންޖެހޭ މުހިންމު ކަންތައްތަކެއް ވެއެވެ. 

އެންމެ ފުރަތަމަ ކަމަކަށް ލޭ ހަދިޔާކުރާ ފަރާތުގެ ޞިއްޙީ ހާލަތު ރަނގަޅު ކަމުގައި ވާންޖެހެއެވެ. މިގޮތުން ލޭ ހަދިޔާކުރާ ފަރާތުގެ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގައި ވާންޖެހެއެވެ. އަދި ހަށިގަނޑުގެ ބަރުދަން މަދުވެގެން 50 ކިލޯގްރާމް ހުންނަންޖެހެއެވެ. މީގެ އިތުރުން ލޭގައި ހީމޮގްލޮބިންގެ މިންވަރު 12.5g/dL އަށްވުރެ މަތިވާންޖެހެއެވެ. އަދި ލޭގެ ޕްރެޝަރ ވެސް ނޯމަލް ރޭންޖްގައި ހުންނަންޖެހެއެވެ. 

ބައެއްބާވަތްތަކުގެ ބޭސް ބޭނުންކުރުމަށްފަހު ވަކި މުއްދަތެއް ހަމަވުމުން ނޫނީ ލޭހަދިޔާ ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އަދި އެހެންމެ މާބަނޑު އަންހެނުން ވިހެއުމަށްފަހު 6 މަސްފަހުން ލޭހަދިޔާ ކުރުމަކީ އެންމެ ރަނގަޅުގޮތެވެ. އަދި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މެލޭރިއާ، ޑެންގޫ ފަދަ ބަލި ޖެހިއްޖެނަމަ ލޭ ހަދިޔާ ނުކުރެވިދާނެ ހާލަތެއް ކުރިމަތިވެދާނެއެވެ. 

ހަމައެއާއެކު ލޭ ހަދިޔާކުރާ ފަރާތުގެ ކިބައިގައި އެއްވެސް ބާވަތެއްގެ ގައިންގަޔަށް އަރާ ބައްޔެއް ނުވަތަ ލޭ މެދުވެރިކޮށް ފެތުރޭ ބައްޔެއް ހުރެގެން ނުވާނެއެވެ. މިސާލަކަށް އެޗްއައިވީ، ހެޕަޓައިޓިސް ބީ އަދި ސީ، ސިފިލިސް ފަދަ ބަލިތައް ހުރެގެން ނުވާނެއެވެ. އެހެންކަމުން ލޭ ހަދިޔާކުރުމުގެ ކުރިން މި ބަލިތަކަށް ޓެސްޓުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. 

ކޮންމެ އަހަރަކު 6 ފަހަރު ލޭހަދިޔާ ކުރެވިދާނެ އެއީ ކޮންމެ 56 ދުވަހަކުން ކަމަށް ނިއުޔޯކް ބްލަޑް ސެންޓަރގެ ޑރ.ބްރޫސް ސަޗިސް ބުނެފައިވެއެވެ. އަދި ހަށިގަނޑުގައި ރެޑް ބްލަޑް ސެލްސް ބަދަލު ކުރަން 8 ހަފްތާ ނަގާނެ ކަމަށްވެސް ޑޮކްޓަރު ބުނެފައިވެއެވެ. އެގޮތުން ޕްލޭޓްލެޓްސް އަހަރަކު 24 ފަހަރު އަދި ޕްލާސްމާ 12 ފަހަރު ހަދިޔާ ކުރެވިދާނެއެވެ. ސަބަބަކީ މި ދެބާވަތަކީ ރެޑް ބްލަޑް ސެލްއަށްވުރެން އަވަހަށް އުފެދޭ އެއްޗަކަށް ވުމެވެ. ކޮންމެ ޑޮނޭޝަނެއްގެ ކުރިން ހިމަގްލޮބިން ހުންނަ މިންވަރު ޗެކްކުރަނީ އެ ސަބަބަށްޓަކައެވެ. 

ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ސަރޖަރީއެއް ހަދާފައި ވާނަމަ، ނުވަތަ ޓެޓޫއެއް ކުރަހާފައިވާނަމަ ލޭ ހަދިޔާކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހެއެވެ. އަދި ހަމައެހެންމެ ބަލި ޙާލަތެއްގައި ބޭސް ބޭނުންކުރަމުންދާނަމަ ވެސް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. 

ލޭ ހަދިޔާކުރުމުގެ 24 ގަޑިއިރު ކުރިން އެކަށީގެންވާ ވަރަށް ނިދާ އަރާމުކުރަންޖެހެއެވެ. އަދި ލޭ ހަދިޔާކުރުމުގެ ކުރިން ރަނގަޅު ކާނާއެއް ކައި، ފެން ބޯންޖެހެއެވެ. ނަމަވެސް މި ވަގުތުތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ބަނގުރާ ބުއިމާއި، ކެފީން އެކުލެވޭ ތަކެތި ބޭނުންކުރުން ހުއްޓާލަންޖެހެއެވެ. 

ލޭ ހަދިޔާކުރާ ފަރާތުން އެ ފަރާތުގެ ޞިއްޙީ ހާލަތާ ގުޅޭ ގޮތުން ތެދު މަޢުލޫމާތު ދޭންޖެހެއެވެ. މިގޮތުން ކުރިން ބަލިވެފައިވާ ބަލިތަކާއި، ބޭނުންކުރަމުންދާ ބޭސްތަކާއި، އާއިލާގެ ޞިއްޙީ ހާލަތާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ މަޢުލޫމާތު ސިއްރުކުރުމުން ލޭ ލިބިގަންނަ ފަރާތަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުޞަތު އޮވެއެވެ. 

ލޭ ހަދިޔާކުރުމަށްފަހު މަދުވެގެން 15 މިނެޓު އިށީނދެ އިނުމަށްފަހު، ލޭ ނެގި ތަނުގައި ބޭންޑޭޖު އަޅާފައި ބަހައްޓަންޖެހެއެވެ. އަދި އެ ދުވަހު ބުރަ މަސައްކަތްތައް ނުކުރުމާއި، ގިނަ ވަގުތު ހޭދަކުރާ ކަސްރަތުތައް ނުކުރުމަކީ މުހިންމު ކަމެކެވެ. އަދި ލޭ ހަދިޔާކުރުމަށްފަހު ގިނައިން ފެންބޯން ޖެހެއެވެ. އެއީ ހަށިގަނޑުން ގެއްލުނު ދިޔާތަކެތި އަނބުރާ ހޯދުމަށްޓަކައެވެ. އަދި ހަމައެހެންމެ ލޭ ހަދިޔާކުރުމަށްފަހު ރަނގަޅު ކާނާއެއް ކެއުމަކީ ވެސް މުހިންމު ކަމެކެވެ. މިގޮތުން އަޔަން އެކުލެވޭ ކާނާ ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. 

މީގެއިތުރުންލޭ ހަދިޔާ ކުރާ މީހާއަށް އެ ފަރާތުގެ ލޭގެ ގްރޫޕް އެނގެން ޖެހެއެވެ. އެހެނީ ބައެއް ލޭގެ ގްރޫޕްތައް ވަރަށް މަދުން ފެންނަ ގްރޫޕްތަކަކަށް ވާތީ، އެފަދަ ގްރޫޕްތަކުގެ ލޭ ހަދިޔާކުރުމަކީ ވަރަށް މުހިންމު ކަމަކަށް ވެދާނެތީއެވެ.

އާންމު ގޮތެއްގައި ފިރިހެނުން ތިން މަހުން އެއް މަހު، އަދި އަންހެނުން ހަތަރު މަހުން އެއް މަހު ލޭ ހަދިޔާކުރެވިދާނެއެވެ. މިގޮތަށް ޤަވާޢިދުން ލޭ ހަދިޔާކުރުމުން ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެވޭނެއެވެ.

ލޭ ހަދިޔާކުރުމަކީ އިންސާނިއްޔަތުކަމުގެ އެންމެ މަތިވެރި ސިފައެވެ. ނަމަވެސް މިކަން ކުރަންވާނީ ޒިންމާދާރުކަމާ އެކުގައެވެ. އިސްވެ ދެންނެވުނު ކަންކަމަށް ސަމާލުކަން ދިނުމަކީ ލޭ ހަދިޔާކުރާ ފަރާތަށް ވެސް އަދި ލޭ ލިބިގަންނަ ފަރާތަށް ވެސް ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުމެން އެންމެން ވެސް ލޭ ހަދިޔާކުރުމުގެ މުހިންމުކަން ދެނެގަނެ، މި މަތިވެރި ޢަމަލުގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެކެވެ. އެހެނީ މިއަދު އަޅުގަނޑުމެން ހަދިޔާކުރާ ލޭ ކޮޅަކުން މާދަމާ އަޅުގަނޑުމެންގެ ލޮބުވެތި މީހެއްގެ ފުރާނަ ސަލާމަތްވެދާނެތީއެވެ.

 

                   

މިއަދު އޮންލައިން