ފާޅުގައި ފާފަކުރުމާ ކުރާ ފާފައިފައިގެ ވާހަކަދެއްކުން- ސަލާމަތް ވެވެން ނެތް ދެ ބޮޑުފާފަ!: ފަހުދު އަލްކަންދަރީ

ކިޔުމަށް ހޭދަވާނީ 7މ 42ސ
ފާޅުގައި ފާފަކުރުމާ ކުރާ ފާފައިފައިގެ ވާހަކަދެއްކުން- ސަލާމަތް ވެވެން ނެތް ދެ ބޮޑުފާފަ!: ފަހުދު އަލްކަންދަރީ

ޢާއިޝަތު ރަފާޙް ޢަލީ

 

"ޢިއްޒަތްތެރި ޝައިޚް ފަހުދު، އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ހިއްސާކޮށްލަން ބޭނުންވެއެވެ. އަޅުގަނޑުގެ އަމިއްލަ ނަފުސާ ދޭތެރޭ ވިސްނާލާއިރު، އަޅުގަނޑުގެ ކިބައިގައި ގިނަ ފާފަތަކެއް ހުރިކަން ޤަބޫލުކުރަމެވެ. މި ކަންކަމަކީ އަޅުގަނޑާއި ﷲ އާ ދެމެދުގައިވާ އަމިއްލަ ކަންތައްތަކެކެވެ. ނަމަވެސް، އަޅުގަނޑަށް ދިމާވެފައިވާ މައްސަލައަކީ މި ތަޖުރިބާތަކުގެ ވާހަކަ އެކުވެރިންނާ ހިއްސާކުރުމަށް އޮންނަ ޝައުޤުވެރިކަމެވެ. މިއީ ހަމައެކަނި ވާހަކަދެއްކުމުގެ ބޭނުމުގައި ކުރާ ކަމެކެވެ. މި ޢަމަލު ޝަރުޢީ ގޮތުން އެކަށީގެންވާ ކަމެއްތޯ އަދި މިފަދަ ވާހަކަތައް ދެއްކުމުގެ ޙުކުމަކީ ކޮބައިތޯ އޮޅުންފިލުވާލަން ބޭނުންވެއެވެ." 

ޖަވާބު:

"ﷲ އަކްބަރު! ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުތަކުންގެ މައްޗަށް ރަޙުމަތުގެ ފަރުދާ އަޅުއްވައެވެ. އެހެނަސް ބައެއް މީހުން އަމިއްލައަށް އެ ފަރުދާ ކަނޑާލައެވެ.

އޭ އަޚާއެވެ! އަހަރެން ހައިރާންވަނީ، ބައެއް މީހުން އެމީހުންގެ ފާފަތަކާއި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކޯފާ ގެނެސްދޭ ޢަމަލުތަކުން ފުދެނީއަކީ ނޫނެވެ. އޭގެ އިތުރުން، އެ ފާފަތަކުގެ މައްޗަށް ފަޚުރުވެރިވެ، އެކަން މުޖުތަމަޢުގައި ފަތުރައެވެ. މިއީ ހަޤީޤަތުގައި ބޮޑު މުސީބާތެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެންނަށް އުނގަންނައިދެއްވާފައިވަނީ އިންސާނިއްޔަތުކަމަކީ ހެޔޮކަމުގެ މަގުކަމާއި، އިންސާނުން އަސްލު ފިޠުރަތުގައި ހެޔޮކަމުގައި ވާކަމެވެ. އެހެނަސް މި ޤާޢިދާއިން އިސްތިސްނާވަނީ އެމީހުންގެ ފާފަތައް ފާޅުގައި ކުރާ މީހުންނެވެ." 

عن أبي هريرة قال: سمعت رسول الله صلى الله عليه وسلم يقول: ((كلُّ أُمَّتي مُعافًى إلا المجاهرين، وإن من المجاهَرة أن يعمل الرجل بالليل عملًا، ثم يصبح وقد ستَرَه الله عليه، فيقول: يا فلانُ، عَمِلتُ البارحة كذا كذا، وقد بات يستُرُه ربُّه، ويصبح يكشف سِترَ الله عنه)) متفق عليه.

މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ ހުރިހާ މީހުންނަކީވެސް މަޢާފު ލިބިގެންވާ ބައެކެވެ. އެހެންނަމަވެސް، ފާޅުގައި ފާފަކުރާ މީހުން އެއިން އިސްތިސްނާވެގެންވެއެވެ. އަދި ފާޅުގައި ފާފަކުރުމުގެ ތެރޭގައި ހިމެނެނީ، މީހަކު ރޭގަނޑު ކަމެއް ކޮށްފައި، އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަން ފޮރުއްވާފައި ވަނިކޮށް، އޭނާ ހެނދުނު ތެދުވެ، 'އޭ މިވެނި މީހާއެވެ! އަހަރެން މިވެނި ކަމެއް ކުރީމެވެ، މިވެނި ކަމެއް ކުރީމެވެ' އޭ ބުނުމެވެ. އޭނާ ރޭގަނޑު ހޭދަކުރީ އޭނާގެ ވެރިރަސްކަލާނގެ އޭނާގެ ކަންތައް ފޮރުއްވާފައި ވަނިކޮށެވެ. އެހެންނަމަވެސް، އޭނާ ހެނދުނު ތެދުވެ، ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާގެ މައްޗަށް ލައްވާފައިވާ ފޮރުވުން ހާމަކޮށްލައެވެ." 

ނަޙްލު ސޫރަތުގެ 25 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

لِيَحْمِلُوٓا۟ أَوْزَارَهُمْ كَامِلَةً يَوْمَ ٱلْقِيَٰمَةِ وَمِنْ أَوْزَارِ ٱلَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ أَلَا سَآءَ مَا يَزِرُونَ ﴿٢٥﴾‏

މާނައީ: "(އެއީ) قيامة ދުވަހުން އެއުރެންގެ ކުށްތައް ފުރިހަމައަށް އެއުރެން އުފުލުމަށްޓަކައެވެ. އަދި އެނގުމެއްނެތި، އެއުރެން މަގުފުރައްދާ މީހުންގެ ކުށްތަކުގެ ތެރެއިން ބައެއް (އެއުރެން އުފުލުމަށްޓަކައި) ވެސް މެއެވެ. ދަންނާށެވެ! އެއުރެން އުފުލާ ކުށްތަކުގެ ނުބައިކަމާއެވެ! (25)" 

މި އާޔަތުގެ މާނައަށް ވިސްނާލުމުން، އަމިއްލަ ޢަމަލުތަކަށް ޒިންމާ ނަގަންޖެހޭނެކަން ވަރަށް ސާފުކޮށް އެނގިގެންދެއެވެ. އަދި ހަމައެއާއެކު، އަމިއްލަ ނުބައި ޢަމަލުތަކުގެ ސަބަބުން އެހެން މީހުން ނުބައި މަގަށް ދާނަމަ، އޭގެ ފާފައިގެ ބުރަ އުފުލަން ޖެހޭނެކަންވެސް ދޭހަވެއެވެ. މިއީ ވަރަށް ބޮޑު ޒިންމާއެކެވެ. އެހެނީ މަރުވުމަށްފަހުގައިވެސް، ޤިޔާމަތާ ހަމައަށް، އެ ނުބައި ޢަމަލުތައް ކުރާ ކޮންމެ މީހެއްގެ ފާފަ އަމިއްލަ ފާފައިގެ ރެކޯޑަށް އިތުރުވަމުންދާނެތީއެވެ. މިއީ ޙަޤީޤަތުގައިވެސް ވަރަށް ބޮޑު ގެއްލުމެކެވެ. 

ޔާސީން ސޫރަތުގެ 12 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍ مُّبِينٍ ﴿١٢﴾‏

މާނައީ: "ހަމަކަށަވަރުން، މަރުވެފައިވާ މީހުން އަލުން ދިރުއްވަނީ ތިމަންރަސްކަލާނގެއެވެ. އަދި އެއުރެން އިސްކޮށްފައިވާ عمل ތަކާއި އެއުރެންގެ ފަހަށް ދޫކޮށްފައި ދިޔަ أثر ތައް ތިމަންރަސްކަލާނގެ ލިޔުއްވަމެވެ. އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންރަސްކަލާނގެ ހިމެނުއްވީމެވެ. (12)" 

ކީރިތި ޤުރްއާނުން އަހަރެމެންނަށް ﷲ ސުބްހާނަހޫ ވަތަޢާލާ އުނގަންނައިދެއްވާފައިވަނީ، މި ދުނިޔޭގައި އަހުރެމެން ކުރާ ކޮންމެ ޢަމަލެއްގެވެސް އަސަރު ދެމިގެންދާނެކަމެވެ. އެއީ ހެޔޮ ޢަމަލެއް ކަމުގައިވިޔަސް، ނުވަތަ ނުބައި ޢަމަލެއް ކަމުގައިވިޔަސް މެއެވެ. ހަމަކަށަވަރުން، އެ ޢަމަލުތައް ލިޔެވި، ޤިޔާމަތް ދުވަހުން އޭގެ ހިސާބު ބެލެވޭނެކަން އަހުރެން ޔަޤީންކުރަމެވެ. މިއީ އިސްލާމްދީނުގެ މުހިންމު އަސާސްތަކުގެ ތެރެއިން އެއް އަސާސެވެ. އަދި މިކަމަކީ ކޮންމެ މުސްލިމަކުވެސް ވިސްނައި، އޭގެ މައްޗަށް ޢަމަލުކުރަންޖެހޭ ކަމެކެވެ." 

يقول: من سن في الإسلام سنة حسنة كان له أجرها وأجر من عمل بها من بعده لا ينقص ذلك من أجورهم شيئا، ومن سن في الإسلام سنة سيئة كان عليه وزرها ووزر من عمل بها من بعده لا ينقص ذلك من أوزارهم شيئا

އަދި ނަބިއްޔާ ޙަދީޘްކުރެއްވިއެވެ: "އިސްލާމްދީނުގައި ރަނގަޅު ސުންނަތެއް (ފިރުވަން) ފަށައިގަތް މީހަކަށް އެކަމުގެ ޘަވާބާއި، އޭނާގެ ފަހުން އެ ސުންނަތަށް ޢަމަލުކުރި މީހުންގެ ސަވާބު ލިބޭނެއެވެ. އެމީހުންގެ ސަވާބުން އެއްވެސް މިންވަރެއް އުނިނުވެއެވެ. އަދި އިސްލާމްދީނުގައި ނުބައި ކަމެއް ފަށައިގަތް މީހަކަށް އެކަމުގެ ފާފައާއި، އޭނާގެ ފަހުން އެ ކަމަށް ޢަމަލުކުރި މީހުންގެ ފާފަ ލިބޭނެއެވެ. އެމީހުންގެ ފާފައިން އެއްވެސް މިންވަރެއް އުނިނުވެއެވެ."

އަޅުގަނޑުމެންނަކީ އިންސާނީ ޠަބީޢަތުގެ ސަބަބުން ފާފައިގެ ބުރަ އުފުލަމުންދާ ބައެކެވެ. އަޅުގަނޑުމެންގެ ކިބައިން ފާފަވެރިވުން ގިނަވެފައިވާކަން ޤަބޫލުކުރަމެވެ. އެހެންކަމުން، އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދުޢާކުރަމެވެ. އަދި އެކަލާނގެ ރަޙްމަތާއި ނިޢުމަތުގެ ހިޔާވަހިކަމުގެ ދަށުގައި ތިބުމަށް މަސައްކަތްކުރަމާ ހިނގާށެވެ. އަޅުގަނޑުގެ އެދުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ އުނިކަންތައްތައް ފޮރުއްވައި، ދުނިޔެއާއި އާޚިރަތުގައި އަޅުގަނޑުމެން ރައްކާތެރިކޮށްދެއްވުމެވެ.

 

- ފަހުދު އަލްކަންދަރީ 

މިއަދު އޮންލައިން