ޞިޙުރަކުން ނުވަތަ އެހެން ގޮތަކުންވިޔަސް ޖިންނި އަވަލާ މީހުންގެ ކިބައިން ފެނިދާނެ ބައެއް ކަންކަން- ދެމަފިރިން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ޞިޙުރަކުން ނުވަތަ އެހެން ގޮތަކުންވިޔަސް ޖިންނި އަވަލާ މީހުންގެ ކިބައިން ފެނިދާނެ ބައެއް ކަންކަން- ދެމަފިރިން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެ!

މިކަމުގެ ވާހަކަ އަހުރެން ފަށަން ބޭނުންވަނީ ދެމަފިރިންނަށް ނިޞްބަތްކޮށެވެ! އެއީ ދެމަފިރިންގެ މެދުގައި މިފަދަ މައްސަލަތައް ޖެހޭލެއް ގިނަކަމުންނެވެ. ބައިވެރިޔާއަށް އަންނަ ބައެއް ބަދަލުތަކާއިމެދު ނުބައިކޮށްހީކުރެވި ވަރަށް ދެރަކޮށް ކަންކަން ކުރެވޭތީއެވެ.  

މީހުންގެ މިޒާޖާއި ކަންކަމަށް ކުއްލި ބަދަލުތައް އަންނަނަމަ އެއީ މައްސަލައެކެވެ. މިބުނަނީ ބައިވެރިޔާ ނުބައިމަގަކުން ކުރިއަށްދާން ފެށުމުގެ ވާހަކައެއް ނޫނެވެ. އެފަދަ ކަމެއް ނެތި ލޯބިން އެކުގައި އުޅެމުން އަންނަ ބޗަލުތަކުގެ ވާހަކައެވެ. އެފަދަ ކަމެއް ކުރިމަތިވާނަމަ ސަބަބު ދެނެގަންނަން މަސައްކަތްކުރަންވާނެއެވެ. ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިނުވާކަން ޔަޤީންކުރަންވާނެއެވެ. ޞިއްޙީ މައްސަލައެއް ހުރިކަން ނުވަތަ ނޫންކަން ދެނެގަންނަން ވެސް މަސައްކަތްކުރަންވާނެއެވެ. އެއީ ފަރުވާކުރަންޖެހޭ ކަމެއްނަމަ ފަރުވާލިބިގަންނަންވެސްވެސް ވާނެއެވެ.  

ދެން މިކަންކަމަށް ވިސްނާށެވެ.  

ބައެއް ފަހަރު ވަރަށް މަޑުމައިތިރި ފިރިން ކުއްލިއަކަށް ހަރުކަށި މީހުންނަށް ބަދަލުވެއެވެ. ވަރަށް މަޑުމައިތިރި އަނބިން ޒުވާބުކުރާ ނުވަތަ ޝަކުވާކުރާ އަނބިންނަށް ބަދަލުވެއެވެ.  

ދެވަނަ ކަމަމަކީ ފިޓް ޖެހެން ފެށުމެވެ. މީގެ ތެރޭގައި މޫނުމައްޗަށް އަނދިރިވުންވެސް ހިމެނެއެވެ. ފާޚާނާއަށް ވަދެއްޖެނަމަ އެކަން ކުރިމަތިވެ ނޭވާހާސްވުން ބޮޑުވާނެއެވެ. 

3 ވަނަ ކަމަކީ ކީރިތި ޤުރްއާން ކިޔަވާ އަޑާއި ބަންގީގެ އަޑު އިވުމުން އުނދަގޫވުމެވެ.  

އެކަން މެދުވެރިވާ ސަބަބަކީ ޤުރްއާނަކީ ޝިފާއެކެވެ. ބަންގީގެ އަޑަށް ޝައިޠޯނާ ދުވެ ފިލާނެއެވެ. ވީމާ ޝައިޠޯނާ އެމީހަކާއި ވަކިވުމުން އުނދަގޫވަނީއެވެ. މިޙާލަތުގައި ބަންގި ގޮވަން ފެށުމުން ނުވަތަ ޤުރްޢާނުގެ އަޑު އަންނަން ފެށުމުން ޓީވީ ނިއްވައިލުމާއި ނުރުހުމުގެ ބަސްތައް ބުނެވުން ފަދަ ކަންކަންވެސް ކުރިމަތިވެދާނެއެވެ.  

4 ވަނަ ކަމަކީ ގައިން ތާހިރުވެ ހުންނަހިތް ނުވުމާއި ތަންތަން ހަޑިވުމުން އުނދަގޫނުވުމެވެ. ކުނިވަސްދުވިނަމަވެސް އެއީ ކަމަކަށް ނުވުމެވެ. މިޙާލަތުގައި ފެންވަރާހިތެއް ނުވާނެއެވެ. ރީތިފޭރާނަލައިއުޅޭކަށް ބޭނުމެއް ނުވާނެއެވެ.  

5 ވަނަ ކަމަކީ ކުއްލިއަކަށް ދީނާއި ދުރުހެލިވެވެން ފެށުމެވެ. އެކަން ދިމާވަނީ އެމީހަކާއި އަވަލާފައިވަނީ ކާފިރު ޖިންނިއެއް ނަމައެވެ.  

ޖިންނި އަވަލުމުގައި ޢާންމު ގޮތެއްގައި މިއޮންނަނީ 2 ގޮތެކެވެ. ފުރަތަމަ ގޮތަކީ މީހަކު ހަދާ ސިޙުރެއްގެ ސަބަބުން އެމީހަކާއިއެކުގައި ޖިންނިއެއްވުމެވެ. ދެވަނަ ގޮތަކީ ސިޙުރަކާ ނުލައި ނަމަވެސް ޖިންނިއެއް އެމީހަކާއި އަވަލުމެވެ.  

އަހުރެން މިބުނި ކަންކަން ބަޔާން މިކުރީ އަހުރެންގެ އަމިއްލަ ތަޖުރިބާއިންނެވެ. ފަރުވާ ހޯދަން އަންނަ މީހުންގެ ކިބައިން އެނގޭ ކަންތައްތަކުންނެވެ. މިނޫންވެސް މިފަދަ ޢަލާމާތްތައް ފެނިދާނެއެވެ.  

ވީމާ މިފަދަ ބަދަލެއް މީހަކަށް އަންނަމަ އެންމެ ރައްކައުތެރި ގޮތަކީ ތަޖުރިބާހުރި މީހެއްގެ ގާތަށް ގޮސް އެކަން މެދުވެރިވަނީ ޖިންނިއެއްގެ ސަބަބުންކަން ނުވަތަ ނޫންކަން ބަލައިލުމެވެ. އަޅާނުލައި ގިނަ ދުވަސްތަކެއްވަންދެން ހުރެއްޖެނަމަ ފަސޭހަކުރަން އުނދަގޫވާނެއެވެ.

 

- އުސްތާޛް އަބޫ އިބްރާހީމްގެ ދަރުސަކުން

މިއަދު އޮންލައިން