ލޯބިވެގެން އުޅޭއިރު ދެމީހުން ބައްދަލުކުރަނީ ރީތި ފޭރާންލައި ސެންޓްޖަހައި މީރުވަސްދުއްވަމުންނެވެ. ނަމަވެސް ކައިވެންޏަށްފަހު އެކަންކަމަށް ސަމާލުކަންދެވުން ކުޑަވެގެންދެއެވެ. އެކަމުގެ ނަތީޖާ ފެންނަނީ އެހައި ރަނގަޅަކަށް ނޫނެވެ.
އަނބިން އަބަދުވެސް ގައިން ތާހިރުވެ ރީތިކޮށް ހެދުނަ ލައިގެން ތިބުމަކީ ފިރިންގެ ލޯބި ވެސް އިތުރުވާ ކަމެކެވެ. ހަމައެފަދައިން ފިރިންވެސް އެފަދައިން ތިބުމަކީ އަނބިންގެ ލޯބި އިތުރުވާ ކަމެކެވެ. ހަމަ އެއާއިއެކު ސާފުތާހިރުވެ ރިވެތި ފޭރާމުން ފޭރާންލައި އެ ފޭރާމާއި އެއްގޮތަށް ތިމާގެ އަޚްލާޤް ބެހެއްޓުމަކީ އެންމެންގެ ލޯބި އިތުރުވާ ކަމެކެވެ.
މިކަމުގައި އިސްލާމް ދީނުގައި އޮތް ގޮތް ތެދުކަން ދިރާސާތަކުން އެނގެއެވެ. ކުރެވިފައި ދިރާސާތަކުން ލިބޭ މައުލޫމާތަށް ބަލާއިރު ސާފުތާހިރުވެ ރީތިކޮށް ހެދުން ލައިގެން ތިބުމަކީ ތިމާގެ އަމިއްލަ ހިތްހަމަޖެހުން އިތުރުވާ ކަމެކެވެ. ހަމައެފަދައިން ބައިވެރިޔާވެސް އުފާވާކަމެކެވެ. ނަތީޖާއެއްގެ ގޮތުން ލޯބިއިތުރުވެއެވެ.
ވަޤުތުވާވަރަކުން ފިރިމީހާ މަސައްކަތުން އެނބިރި އަންނައިރު ރީތިވެ ނަލަހެދިގެން ހުރުމަކީ ފިރިމީހާއަށް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. އެކަމަށް ފަރުވާކުޑަކުރުމަކީ ވަރަށް ނުރަނގަޅު ކަމެކެވެ. ސަބަބަކީ އެއިރުން ތިމާއަށްދޭ ސަމާލުކަން ކުޑަވާކަމަށް ފިރިންނަށް ވިސްނުމަކީ ގާތްކަމަކަސްވާތީއެވެ.
ބައެއް އަންހެނުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހުން ގޭތެރޭގައި ތިބޭއިރު ރީތިކޮށް ހެދުންލައި ޒީނަތްތެރިވާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ގޭތެރޭގައި ވެސް ތިބެން ޖެހޭނީ ރިވެތިކޮށް ހެދުންލައި ޒީނަތްތެރިވެގެންނެވެ. ހެދުންލާންވީ ބައަކަށް ދެއްކުމަކަށް ނޫނެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ވީމާ އަބަދުވެސް ހެދުން ލާން ޖެހޭނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މުސްލިމުންނަކީ ރީތިކޮށް ހެދުންލައި ޒީނަތްތެރިވާން ޖެހޭނެ ބައެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. މުސްލިމުންނަކީ އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަކުން ރީތިކޮށް ހެދުންލައި ސާފުތާހިރުވެގެން ތިބެން ޖެހޭނެ ބައެކެވެ. އެހެނީ ރީތިވެ ސާފުތާހިރުވެގެން ތިބުމަށް ﷲ ތާޢާލާ ނުހަނު ބޮޑަށް ލޯބިވެވޮޑިގެންވެއެވެ..
ފޭރާން ވުމުގައި ﷲ ތައާލާ ކަނޑައަޅުއްވަވާފައިވާ އިންތަކަށް ބަލަން ޖެހޭނެއެވެ. ލާން ޖެހޭނީ ހުއްދަކުރެއްވެވި ފޭރާމެވެ. ނިވާ ކުރުމަށް އެންގެވި ބައިތައް ނިވާކުރަން ޖެހޭނެއެވެ. އެތެރެ ފެންނަ ފޭރާން ލައިގެން ގޭތެރޭގައިވެސް އުޅުމެއް ނެތެވެ. އަދި ފޭރާން ގަތުމުގައި އިސްރާފުކުރުމެއް ވެސް ނެތެވެ. އެހެނީ އިސްރާފް ކުރުމަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެކެވެ.
- މުފްތީ މެންކުގެ ދަރުސަކުން