ކައިވެންޏަށްފަހު އަޅުގަނޑު ދިރިއުޅެމުން އައީ ފިރިމީހާގެ ގޭގައެވެ. އެއީ އޭނާގެ ޢާއިލާގެ ގެއެއް ނޫނެވެ. އޭނާ ގަނެފައިވާ ގެއެކެވެ. ފިރިމީހާގެ މަންމަޢާއި ބައްޕައާއި އެންމެ ހަގަށް ތިބި 2 ކޮއްކޮ ގެންގުޅެނީ އެގޭގައެވެ. އެހެންކަމުން އަޅުގަނޑު އައީ އެއެންމެންނަށް ޚިދުމަތް ކުރަމުންނެވެ.
އަޅުގަނޑަކީ ފަޤީރެކެވެ. އިނީ ޢުމުރުން ދުވަސްވެ މުސްކުޅިވެފައިވާ މަންމަ އެކަންޏެވެ. މަންމަ އިންނަނީ މަންމައަށް މައިންބަފައިންގެ ގެއިން ލިބުނު ތަންކޮޅެއްގައި އެކަންޏެވެ. އެހެން އިންދައި މަންމަ ބަލިވެ ބަލިވެ އެކަނި އުޅެން އުނދަގޫވުމުން މަންމަ އެގެއަށް ގެނެސްދިނުމަށް ފިރިމީހާގެ ކިބައިން އެދުނީމެވެ. ނަމަވެސް އޭނާ އެކަން ޤަބޫލުނުކުރުމުން ގެނެވޭނެ ގޮތެއް ނުވިއެވެ.
ގޭގެ ކަންކަމަށް ދަތިނުވާނެ ގޮތަށް ކޮންމެ ދުވަހަކުވެސް މަންމައަށް ޒިޔާރަތްކޮށް މަންމައަށް ޚިދުމަތްކުރަން ފެށުމުން އެކަންވެސް ފިރިމީހާއަކަށް ކަމަކު ނުދިއައެވެ. ބުނީ ކޮންމެ ދުވަހަކު ނުދިއަނަމަވެސް ފުދޭނެ ކަމަށާއި މަހަކު އެއް ދުވަހު ދިއުމަށެވެ. އެކަން އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވުނެވެ. އެއީ މަންމަ އިންނަނީ އެކަނި ކަމަށްވެފައި ޢުމުރާއި ޙާލަތހުރި ގޮތުން ކޮންމެ ވަޤުތަކު ކޮންމެ ކަމެއްވެސް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.
އެއްދުވަހަކު މަންމަ ގާތަށް ދިއަ ތަނުން ފިރިމީހާ އައިސް ރުޅިވެރި ޜާގަކަށް ބުނީ ހަމަ މިހާރު އޭނާގެ ގެއަށް ދިއުމަށެވެ. އަމުރަށް ނުކިޔަމަންތެރިވާނަމަ ވަރިކުރާނެ ކަމަށެވެ. އެވަޤުތު އަޅުގަނޑަށް ބުނެވުނެވެ. "މުޅި ދުވަހު ނޯކިރީ މިކުރަނީ ތިބާގެ ޢާއިލާޢަށެވެ. ތިބާ އެމީހުންދެކެ ލޯބިވާ ފަދައިން އަހުރެންވެސް އަހުރެންގެ މަންމަ ދެކެ ލޯބިވަމެވެ. އަހުރެންގެ އިން ހަމައެކަނި މީހަކީވެސް މަންމައެވެ. ބައްޕަ ނިޔާވުމުން ގެންގުޅެ ބޮޑުކުރީވެސް މަންމަގެ އެކަނި މަސައްކަތުންނެވެ. އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުލިބިއެވެ. ވީމާ ގޭގެ މަސައްކަތްތައް ކޮށްފައި މަންމަގެ ގާތަށް އައިސް މަންމަގެ ޙާލު ބަލައި އެހީތެރިވާން ތިބާ ނުރުހޭނަމަ ތިއަބުނި ފަދައިން ކަންކަން ކުރާށެވެ! އަހުރެންގެ ޢުމުރުން 27 އަހަރެވެ. ތިބާއާއިއެކު އުޅޭތާ އަދި މިވީ 3 އަހަރެވެ. އެ 3 އަހަރުވެސް ހޭދަމިކުރީ ތިބާގެ ޢާއިލާއަށް ނޯކަރެއްގެ ގޮތުގައެވެ. ވީމާ އެއިގެ ކުރިން އަހުރެން ހޭދަކުރި 24 އަހަރު ދުނިޔޭގައި އުޅުނު ގޮތަކަށް އަދިވެސް އުޅެވޭނެއެވެ. އިން ޝާ ﷲ."
މިހެން ބުނުމުން ފިރިމީހާގެ ނިންމުމަކަށްވީ އަހުރެން ވަރިކުރުމެވެ. ވަރިކުރީމާ ލައިއުޅުނު ހެދުންކޮޅު ބަލައިވެސް ނުދަމެވެ. ކައިވެނީގެ ކުރިން ލައިއުޅުނު ބައެއް ހެދުން ގޭގައި ހުރީތީ އެވަރުން ފުއްދައިލީއެވެ.
މަންމަ ބަލައިގެން ކުރިންވެސް ދިރިއުޅުނު ގޮތަށް އުޅެންފެށީއެވެ. ކުރިން ވަޒީފާ އަދާކުރިއިރު ޖަމާކުރެވިފައި ހުރި ފައިސާކޮޅެއް އެކައުންޓުގައި ހުރީތީ ސަލާންޖަހާކަށް ނުޖެހުނެވެ. އެހެން އިދެ ޢިއްދަ ހަމަވުމުން ވަޒިފާއެއް ހޯދަން މަސައްކަތްފެށީމެވެ.
އިންޓަރވިޔުއަށް ދެވުނު 4 ވަނަ ތަނުން ބައްދަލުކުރީ އެތަނުގެ ވެރިމީހާއެވެ. ޒުވާނެކެވެ. ކުރިމަތީގައި އިށީނުމުން ކުޑަކޮށް ވާހަކަދައްކާލައި އަޅުގަނޑަށް ކަންކަން މެދުވެރިވި ގޮތް އޮޅުފިލުމުން ބުނީ ބޭނުންނަމަ ވަރަށް ރަނގަޅު ވަޒީފާއެއް ލިބިދާނެ ކަމަށެވެ. އެއީ ސިޓީލީ ވަޒިފާއަށްވުރެ މާރަނގަޅު ވަޒިފާއެއް ކަމަށެވެ.
ސިއްސައިގެން ގޮސްފައި އެއީ ކޮން ވަޒީފާއެއްތޯ ސުވާލުކުރުމުން ބުނީ އޭނާގެ އަނބިމީހާ ކަމުގެ ވަޒީފާ ކަމަށެވެ. "އަހަރެންވެސް ކައިވެނިކުރން. އަނބިމީހާ ވަކިވެގެން ދިއައީ އަހުރެންގެ އިން ހަމައެކަނި މަންމަ ނުބަލަންވެގެން. ނޯކަރަކުވެސް ދިނިން. އެކަމަކުވެސް ބުނީ މުސްކުޅިން ބަލަހައްޓަން ފޫހިވާ ކަމަށް. ތިބާއަކީ އެއިގެ އަނެއްކޮޅު. ކައިވެނިކޮށްފިއްޔާ ތިބާގެ މަންމަވެސް އަހުރެންގެ ގެއަށް ބަދަލުކުރާނަން. ދެމަންމަ ބަލަހައްޓާނެ ނޯކަރުންވެސް ދޭނަން." ކަމަށް ބުންޏެވެ.
އިތުރަށް ވިސްނާކަށްވެސް މަޑެއް ނުކުރަމެވެ. ބުނީމެވެ. "ދޭން ތިއަ ބުނި ވަޒީފާ ޤަބޫލުކޮށްފީމެވެ. އެކަމަކު ލޯބިވެރިއެއްގެ ވަޒިފާއެއް ނޫން އިނގޭއެވެ. ރަންކިޔުއްވައި ކައިވެނިކުރުމުން ލިބޭ އަންތބެއްގެ ވަޒީފާއެވެ."
ހަފްތާއެއްހައި ދުވަހުގެ ތެޜޭގައި ކައިވެނި ކުރެވުނެވެ. އެކައިވެނީގައި 14 އަހަރުވީއެވެ. 4 ދަރިން ލިބިއްޖެއެވެ. ދެ މަންމަވެސް ނިމިދިއައީ އަޅުގަނޑުގެ އަތްމަތީގައި އަޅުގަނޑަށް ހެޔޮދުޢާކުރަމުންނެވެ. އެހެންވެގެން ކަމަށްވެސް ވެދާނެއެވެ. އަދި މިހައިތަނަށް ފިރިމީހާ ޢާއިމެދު ކަންބޮޑުވާންޖެހޭ އެއްވެސް ކުރިމަތިވެފައެއް ނެތެވެ.
ނިންމާލަމުން އަދި އެއްވާހަކަ ބުނެލާނަމެވެ. އަޅުގަނޑުގެ ކުރީގެ ފިރިމީހާއަކީ މިހާރު އަޅުގަނޑުގެ މިހާރުގެ ފިރިމީހާގެ މުވައްޒިފެކެވެ. އިތުރަށް އޭނާގެ ވާހަކަ ދައްކާކަށް ނެތީމެވެ.
އަޅުގަނޑުގެ ޙަޔާތުގެ ވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ކޮންމެވެސް ފައިޑާއެއް ކުރާނެ ކަމަށް އުންމީދުކުރަމެވެ.
- ޝަފާ / މިއަދުނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ވާހަކަ