ކީރިތި ޤުރްއާން އުނގެނި ޙާފިޡަކަށްވުމާއި އަދި ދަރިން ޙާފިޡުންނަށް ހެދުމުގެ މަތިވެރިކަމާއިބެހޭގޮތުން ދައްކަމުން މިގެންދާ ވާހަކައިގެ ތެރެއިން ފާހަގަކޮށްލަން ބޭނުންވާ އެއްކަމަކީ:
ތިބާ އާޔަތުލްކުރުސި ކިޔެވައިގެން ނިދައިފިނަމަ ތިބާގެ ޙިމާޔަތުގައި މަލާއިކަތަކު ބަހައްޓަވައި ދެއްވަވަތެވެ. އަދި ދެއިރުގެ ޛިކުރުގެ ތެރޭގައި އާޔަތުލްކުރުސި ކިޔަވާނަމަ އެމީހަކަށް ﷲ ތަޢާލާ ޖިންނި ޝައިޠޯނުންގެ ކިބައިން ރައްކައުތެރިކަން ދެއްވަވަތެވެ. އަދި އެއީ ސިޙުރާއި އެސްފީނާއަށްވެސް ޝިފާއެކެވެ. އިން ޝާ ﷲ
މިދެއްކުނީ ކީރިތި ޤުރްއާނުގެ އެންމެ އާޔަތަކުން މީހާއަށް ލިބިދޭ ބައެއް ފައިދާތަކުގެ ވާހަކައެވެ. ދެން ނިކަން ވިސްނައިލަބަލާށެވެ! ތިބާގެ ހިތުގައި މުޅި ޤުރްއާން ވާނަމަ ދެއްވަވާނެ ރައްކައުތެރިކަމާއި ދެއްވަވާނެ ނިޢްމަތްތަކާއިމެދުގައެވެ.
ޔަޤީންކުރާށެވެ! އެމީހެއްގެ ހިތުގައި ޤުރްއާންވާނަމަ އެމީހަކަށް ގެއްލުމެއް ދެވޭނެ ޖިންނިއެއް، ޝައިޠޯނެއް އަދި މީހަކުވެސް ނުވެއެވެ. އިމްތިޙާނަކަށްޓަކައި ﷲ ތަޢާލާ ކުރިމަތިކުރެއްވެވި މެނުވީއެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާން ޙިމާޔަތްކުރައްވަވާނެކަމަށް ވަޙީކުރައްވަވައިފައެވެ. ތިބާހުރީ އެޤުރްއާން ތިބާގެ ހިތުގައި ރައްކައުތެރިކޮށް ޙިމާޔަތްކޮށްގެން ކަމަށްވާތީއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން