އެސްފިންނާއަކީ ކޮބާ؟ އެސްފީނާ ޖެހެނީ ކިހިނެއްތަ؟ ސަލާމަތްވާން ކުރެވިދާނެ ބައެއް ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 47ސ
އެސްފިންނާއަކީ ކޮބާ؟ އެސްފީނާ ޖެހެނީ ކިހިނެއްތަ؟ ސަލާމަތްވާން ކުރެވިދާނެ ބައެއް ކަންކަން!

އެސްފީނާގެ އުނދަގުލަކީ ގިނަ ބައަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް މުޞިބާތަށް މިވަނީ ވެފައެވެ. އެހެންކަމުން ކިޔުންތެރިން ވަރަށް ގިނައިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެނގިލެއްވުން ވަރަށް މުހިންމު މަޢުލޫމާތު ހިމެނޭ ލިޔުމެކެވެ. އިން ޝާ ﷲ   

އެސްފިންނާގެ އަޞްލަކީ މީހަކު އެހެންމީހެއްގެ ކިބައިގައި ހުރި ހުނަރުވެރިކަމެއް ފެނި އެކަމަށް މާބޮޑަށް ޙަސަދަވެރިވެ، އޭނާގެ ނުބައި ހިތް އެކަމެއްގެ މައްޗަށް ފޯރުވުމެވެ. ނުވަތަ ފޯރުމެވެ.  

ޙަސަދަވެރިންގެ ކިބައިން ސަލާމަތްކޮށް ދެއްވުން އެދި ދެންނެވުމަށް އަންގަވާ މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(وَمِن شَرِّ حَاسِدٍ إِذَا حَسَدَ)

މާނައަކީ: " އަދި حسدވެރިޔަކު حسدވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ".  

ކޮންމެ އެސްފިންނާ ޖައްސާ މީހަކީ ޙަސަދަވެރިޔެކެވެ. ނަމަވެސް ކޮންމެ ޙަސަދަވެރިޔަކީ އެސްފިންނާ ޖައްސާ މީހެއް ނޫނެވެ. ޙަސަދަވެރިޔާ އަކީ އެސްފިންނާ ޖައްސާ މީހާ އަށް ވުރެ ޢާއްމު މީހަކަށްވާތީވެ، ހަސަދަވެރިޔާ ގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުމަށް އެދުމުން އެސްފިންނާ ވެރިޔާވެސް އޭގެ ތެރޭގައި ހިމެނިގެން ދާނެއެވެ. 

އެސްފިންނާ އަކީ ޖެހޭ އެއްޗެއްކަން ޘާބިތުވާ އެތަށް ޙަދީޘް ތަކެއްވެއެވެ. އޭގެ ތެރޭގައި ބުޚާރީ އާއި މުސްލިމް ޢާއިޝާ ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާ ކުރެއްވި ޙަދީޘް ހިމެނެއެވެ. (كان رسول الله صلى الله عليه وسلم يأمرني أن أسترقي من العين)

މާނައަކީ: "އެސްފިންނާ އިން ސަލާމަތްވުމަށް ރުގްޔާ ހެދުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަން ކަމަނާ އަށް އަމުރު ކުރެއްވިއެވެ". 

އަދިވެސް ޙަދީޘް ކެރެއްވިއެވެ.

(العين حق ولو كان شيء سابق القدر لسبقته العين) މާނައަކީ: "އެސްފިންނާ އަކީ ޙަގީގަތެކެވެ. ގަދަރަށްވުރެ ކުރިޔަށް އެއްވެސް އެއްޗަކަށް އެރޭނެނަމަ އެސްފިންނާ ކުރިޔަށް އެރީހެވެ". 

عن عائشة رضي الله عنها قالت : كان يؤمر العائن فيتوضأ ثم يغسل منه المعين)  

މާތް ﷲ ރުއްސުންލެއްވި އުއްމުލް މުއިމިނީނަ ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. އެސްފިންނާ ޖައްސާ މީހުން ވުޟޫކޮށްފައި އެފެނުން އެސްފިންނާ ޖެހުނު މީހާ ފެންވެރުވުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރު ކުރެއްވިއެވެ". 

އެސްފިންނާ އިން ސަލާމަތްވުމަށްޓަކައި ކުރަންވީ ކަންތައްތައް: 

·      ސޫރަތުލް ފާތިޙާ، އިޚްލާޞް، ފަލަގި، ނާސި، އާޔަތުލް ކުރްސީ ކިޔެވުން. 

·      އެސްފިންނާ އިން ސަލާމަތް ވުމަށް ޓަކައި ކިޔުމަށް ސުންނަތުގައި ވާރިދުވެފައިވާ ވިރްދު ތައް ކިޔުން، އޭގެ ތެރޭގައި:  

(أَعُوْذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ)، (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لامَّةٍ)، (بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَيْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ)،  

ހެނދުނާއި ހަވީރުގެ ދުޢާތައް، ނިދަން އޮށޯންނަމުން ކިޔަން ވާރިދުވެފައިވާ ދުޢާތައް، ނިދިން ތެދުވެފައި ކިޔަން ވާރިދުވެފައިވާ ދުޢާތައް ކިޔާ ސަލާމަތް ކަން ލިބިގަތުން ހިމެނިގެންވެއެވެ. والله أعلم

 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން